ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރިސޯޓްތަކުން ރަށްރަށައް ދަތުރުކުރުން މަނާކޮށްފި

ރިސޯޓްތަކާއި، އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން ރިސޯޓްތަކާއި، އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށާއި، ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓާލުމާއި، އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން ހުއްޓާލަން އަންގާ ކަމަށެވެ.

އެގޮތުން މިރޭ 21:00 ފެށިގެން ދިހަ ދުވަހުގެ މުއްދަތަށް އެ ފިޔަވަޅުތައް އަޅާފައި އޮންނާނެ ކަމަށް ވަނީ ބުނެފައެވެ.

މި ހާލަތުން އިސްތިސްނާވާނީ ދިވެހިރާއްޖެއިން ފުރުމަށް އެއާޕޯޓަށްދާ ފަތުރުވެރިންނާއި، ފަތުރުވެރިން ފުރުވަން އެއާޕޯޓަށްދާ މުވައްޒިފުންނާއި، ރިސޯޓްތަކަށް މުދާ އުފުލާ އުޅަނދު ފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން މުދާ ފޯރުކޮށްދިނުމަށް ޖެޓީއާ ހަމަށް ދިއުމަށް ކަމަށްވެސް ވަނީ ބުނެފައެވެ.

"އިސްތިސްނާ ހާލަތްތަކުގެ އިތުރުން، އަހުރެން [ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް] ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އަހުރެން އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ." ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނެރެފައިވާ އެންގުމުގައިވެއެވެ.

އެ އެންގުމަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އިދާރާތަކާ، އާންމުންނަށް ވަނީ އަންގާފައެވެ.