ހަބަރު

މަސް ގަންނަ ފަރާތްތަކަށް 100 މިލިއަން ރުފިޔާގެ ލޯނެއް

މަސްވެރިންގެ އަތުން މަސްގަނެ ގަނޑުކޮށް ރައްކާކުރުމަށްޓަކައި މަސްގަންނަ ފަރާތްތަކަށް 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ދޫކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ޔޫރަޕުން އެގައުމުގެ ރެސްޓޯރަންޓްތަކާއި ސުޕަމާކެޓްތައް ބަންދު ކުރުމުން ފިނިކުރި ރޯމަހުގެ އެކްސްޕޯޓް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ މަސްވެރިންގެ އަތުން މަސްގަތުމަށާއި ކޭޝްފްލޯ ހަމަޖެއްސުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނީ އެމްއެސްޕީއީއޭ އާއި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އާޢި ގުޅިގެން ފިޝަރީސް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އާއި އެކު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، އެ މަޝްވަރާތަކަށްފަހު މަސްވެރިންގެ އަތުން މަސްގަނެ ގަނޑުކޮށް ރައްކާކުރުމަށްޓަކައި މަސްގަންނަ ފަރާތްތަކަށް 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

".... 100 މިލިއަން ރުފިޔާގެ މި ލޯނު ފެސިލިޓީ ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ އެކަމުގެ ސަބަބުން ސީދާ ގޮތުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާއަށް އާމްދަނީ ލިބުނު ހުއްޓުވިޔަ ނުދިނުމަށްޓަކައި، މި ނާޒުކު ދަނޑިވަޅުގައި އެޅި ވަރަށް ހިކުމަތްތެރި ފިޔަވަޅެކެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެސްޕީއީއޭ އިން ބުނީ މި ލޯނު ފެސިލިޓީގެ ދަށުން މަސްކުންފުނިތަކަށް ދޫކުރާ ފައިސާ ބޭނުންކުރާނީ މަސްވެރިންގެ އަތުން މަސްގަނެ، ގަނޑުކޮށް ދުނިޔޭގެ މާކެޓްތަކަށް ވިކެންދެން ރާއްޖޭގައި ރައްކާކޮށްފައި ބެހެއްޓުމަށް ކަމަށެވެ. އަދި މި ލޯނު އެހީއާއެކު ރާއްޖޭގައި ކޯލްޑް ސްޓޯރޭޖްތައް ހުރި ކުންފުނިތަކާއި ގުޅިގެން މަސް އެކްސްޕޯޓް ކުރާ ކުންފުނިތަކަށްވެސް މަސް ރައްކާކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން މަސްވެރިންގެ އަތުން މަސް ކިލޯ އެއް ގަންނަ އަގު 25 ރުފިޔާ އަށްވުރެ ކުޑަނުވާނެ ކަމަށާއި އެހެން ކަމުން މަސް ނުކިރިގެން މަހަށް ނުފުރި އާމްދަނީ ލިބޭނެ ގޮތް ނެތިފައި މަސްވެރިން ތިބެން ނުޖެހޭނެ އިންތިޒާމް ސަރުކާރާއި އެމްއެސްޕީއީއޭ އިން ހަމަޖއްސާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.