ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގިނަ މީހުންތަކެއްގެ ނަތީޖާ ނެގެޓިވްވެއްޖެ

Mar 18, 2020
2

ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ހުރެގެން މި ދެ ދުވަހު ނެގި ގިނަ ސާމްޕަލްތަކެއް ނެގެޓިވްވެފައިވާކަން ސަރުކާރުން މިރޭ ހާމަކޮށްފި އެވެ.

ސަރުކާރުން މިހާރު އަމަލު ކުރަމުންދާ އުސޫލަކީ ކިރިޔާ ވެސް ޝައްކުވާ އަލާމާތެއް ހުރެއްޖެނަމަ، އެމީހެއްގެ ޓެސްޓް ހެދުމަށެވެ. އެގޮތުގެ މަތިން ގިނަ ބައެއްގެ ޓެސްޓްތައް ހެދި އެވެ.

އޭގެން ބައެއް ޓެސްޓްތަކުގެ ނަތީޖާ ހާމަ ކުރައްވަމުން ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ޅ. ކުރެއްދޫ ރިސޯޓްގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި މީހެއްގެ ޓެސްޓްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.

އޭގެއިތުރުން އިންޑިއާގެ ބެންގަލޫރުން ރާއްޖެ އައި ދިވެއްސެއްގެ ނަތީޖާ އާއި ގިލިލަންކަންފުށީގެ ދެ މީހެއްގެ ނަތީޖާ އާއި އަނަންތާރާ ކިހާވަތްގެ އެއް ބިދޭސީ މީހަކާއި މައި ސްކައި ޔޮޓްގެ މީހަކާއި ފުރަވެރި ރިސޯޓްގެ ދެ މީހެއްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ. މަބުރޫކު ވިދާޅުވީ ނަތީޖާ ނެގެޓިވްވުމުން އެ ރިސޯޓްތަކުން ލޮކްޑައުންގެ ހާލަތު ނަގާފައިވާ ކަމަށެވެ.

ސެނެހިޔާގައި ގާއިމްކޮށްފައިވާ ފުލޫ ކުލިނިކަށް ދިޔަ މީހުންގެ ގައިން 121 ސާމްޕަލް ވެސް ނެގި އެވެ. އެ ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

އަދިވެސް ނަތީޖާ ނުލިބޭ ޓެސްޓްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ރ. ފައިނު، އއ. އުކުޅަސް، ދ. ކުޑަހުވަދޫ، ޅ. ހިންނަވަރު އަދި އައްޑޫ ސިޓީ ހިތަދޫއިން ކޮވިޑް-19 އަށް ޝައްކުވެގެން އެކެހެރިކޮށްފައިވާ މީހުންގެ ނަތީޖާ ނުލިބެ އެވެ. އެ އެންމެންނަކީ ވެސް ރާއްޖެއިން ބޭރުން އައި ބައެކެވެ.

މިހާރު ސަރުކާރުން ވަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް ގޭގައި އެކަހެރިކޮށް ހުރުމަށް އަންގާފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.