ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލެ ލޮކްޑައުން ކުރާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި

Mar 18, 2020
1

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ހުއްޓުމަކަށް ގެނެސް، ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

މާދަމާގެ ވަގުތެއްގައި މާލެ ސަރަހައްދު ލޮކްޑައުން ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރި، ގިނަ ބަޔަކު ވަނީ ކާބޯތަކެތި ގަންނަން ފިހާރަތަކަށް ޖަމާވާން ފަށައިފަ އެވެ.

އެކަމާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ގޮތުގައި އެފަދަ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

"އެއީ ދޮގެއް. މާލެ ހުއްޓުމަކަށް ގެނެސް، ލޮކްޑައުން ކުރާ ފަދަ ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނުގެންގުޅޭ،" މަބުރޫކު ވިދާޅުވި އެވެ.

ގުދަން ކުރަން މުދާ ނުގަތުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުން، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ފުދޭ ވަރަށް ރާއްޖޭގައި ކާބޯތަކެއްޗާއި އެހެނިހެން މުދާ ހުރި ކަމުގެ ޔަގީންކަން މަބުރޫކު ވަނީ އަނެއްކާވެސް ދެއްވައިފަ އެވެ.

މާލެ ފަދަ އާބާދީ ބޮޑު ސިޓީތަކުގައި ވިޔަފާރިތައް ބަންދުކޮށް، އެފަދަ ސިޓީތައް ހުއްޓުމަކަށް ނުގެނެވޭނެކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މަބުރޫކު ވަނީ ވިދާޅުވެފަ އެވެ.

"ފެން އެބަ ބޭނުންވޭ. ކަރަންޓު އެބަ ބޭނުންވޭ. އިންޓަނެޓް ލިބެންޖެހޭ. ކާބޯތަކެތި އެބަ ޑެލިވަރީވާންޖެހޭ. ފިހާރަތަކާއި ތަންތަން ނުހުޅުވާނަމަ ކިހިނެއްތޯ އަޅުގަނޑުމެންނަށް އުޅެވޭނީ؟" ރައްޔިތުން އެކަމާ ވިސްނާލުމަށް އެދިވަޑައިގެން މަބުރޫކު ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ނަމަވެސް، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ޓެސްޓު ކުރި ގިނަ މީހުންގެ ނަތީޖާތައް ވަނީ ނެގެޓިވްވެފަ އެވެ.