ހޮލީވުޑް

ޖަސްޓިން ބީބާގެ ހިތް އޮތީ ހަލާކުވެފައި!

ފެންނަ ފެނުމަށް އަދި ދައްކާ ވާހަކަތަކަށް ބަލާއިރު ޕޮޕްސްޓާ ޖަސްޓިން ބީބާ އަދިވެސް އެ އުޅެނީ ކުރީގެ ލޯބިވެރިޔާ ސެލީނާ ގޮމޭޒްގެ ހަނދާންތަކުން އަރައި ނުގަނެވިގެންނެވެ.

މި މަހުގެ ފަހުކޮޅު އޮސްޓްރޭލިއާގައި ޝޯއެއް ދިނުމަށް ތައްޔާރުވަމުން އަންނަ ބީބާ އެގައުމުގެ ރޭޑީއޯ އަކަށް ހޯމަ ދުވަހު ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ލޯބިވެރިޔަކާ އެކު ކިތަންމެ ލޯބިން އުޅެން އޭނާ ބޭނުންވި ނަމަވެސް މި ވަގުތު އޭނާގެ ހިތް އެކަމަށް ތަންނުދޭ ކަމަށެވެ.

"ދުވަސްގަނޑެއް ވެއްޖެ ރިލޭޝަންޝިޕެއްގައި އަހަރެން މިހާރު ނޫޅޭތާ،" އޮސްޓްރޭލިއާ އަށް ޝޯ ދޭން ދާއިރު އެކުގައި ގެންދަން ވިސްނަނީ ކާކުތޯ ސުވާލުކުރުމުން 21 އަހަރުގެ ބީބާ ބުނީ މިހެންނެވެ.

ނަމަވެސް އޭނާ ބުނީ މީހަކާ އެކުގައި ލޯބިން އުޅެން ނިކަން ބޭނުންވާ ކަމަށާއި އޭނާ އަކީ ރިލޭޝަންޝިޕަށް ތެދުވެރި މީހެއް ކަމަށެވެ.

"އަހަރެން ވަރަށް ބޭނުންވޭ މީހަކާ އެކުގައި ލޯބިން އުޅެން. އޮޅުލައި ބައްދައިގަނެ ސަކަރާތްޖަހަން. އެހުރިހައި ކަމެއްވެސް،" ބީބާ ބުންޏެވެ.

"އެކަމަކު އަހަރެންގެ ހިތް ވަނީ ހަލާކުވެފައި. އަހަރެން މި މަޑުކުރަނީ އެ ޒަހަމްތައް އެއްކޮށް ރަނގަޅުވަންދެން."

ސެލީނާ ގޮމޭޒްގެ ހަނދާންތަކުން ބީބާ އަށް އަދިވެސް އަރައިނުގަނެވިގެން އުޅޭކަން އޭނާ އެންމެފަހުން ނެރުނު ވީޑިއޯ ލަވަ "ވަޓް ޑޫ ޔޫ މީން" އިން ވެސް އެނގެ އެވެ. އެ ލަވައިގެ މަންޒަރެއްގައި ސެލީނާގެ ނަން ފާރެއްގައި ކަނޑައިނަގައި ލިޔެފައިވާ މަންޒަރު ފެނެ އެވެ.

ނަމަވެސް ބީބާ ބުނީ އެއީ "ފޭކެއް" ކަމަށާއި އެކަމެއް ކުރިކަން އޭނާއަކަށް ނޭނގޭ ކަމަށެވެ.

ސެލީނާ ގޮމޭޒް އާއި ބީބާ ގެ ލޯބީގެ ވާހަކަ އަކީ ނިކަން މަޝްހޫރު ވާހަކަ އެކެވެ. ދެ މީހުންގެ މި ސިލްސިލާ 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމަ އަށް ކުރިއަށް ދިޔަ އެވެ.