އިނގިރޭސި ވިލާތުގެ މަޝްހޫރު ޑައިރެކްޓަރު ޑެނީ ބޮޔޭލްގެ ފިލްމީ ހަޔާތުގައި މިހާތަނަށް ގެނެސްދިން އެންމެ މޮޅު ފިލްމަކީ ވަރަށް ގިނަ ބަޔަކު އިއްތިފާގުވާ ގޮތުން 1996 ވަނަ އަހަރު ނެރުނު ކްރައިމް ކޮމެޑީ "ޓްރެއިންސްޕޮޓިން" އެވެ. އެއަށް ފަހު އެ ފިލްމެއްގެ ދެ ވަނަ ބައެއް ގެނެސްދޭނެ ވާހަކައެއް ބޮޔޭލް ދެއްކި ފަހަކުން މި ފިލްމެއްގެ ފޭނުންތަކަށް ހަމަނިދި ވެސް ނުލިބެ އެވެ.
އުފާވެރި ޚަބަރަކީ އެތައް އަހަރެއްގެ ދިގު އިންތިޒާރެއް ނިމުމަކަށް އަންނަން އުޅޭ ކަމެވެ. މިހާރު ޕްރޮމޯޓްކުރަމުން އަންނަ ފިލްމު "ސްޓީވް ޖޮބްސް" އަށް ފަހު ދެން ގެނެސްދޭނެ ފިލްމަކަށް ވާނީ "ޓްރެއިންސްޕޮޓިން 2" ކަމަށް ޑައިރެކްޓަރު ބޮޔޭލް އެ ވަނީ ބުނެފަ އެވެ.
ޑެޑްލައިން އަށް ދިން އިންޓަވިއުއެއްގައި ބޮޔޭލް ބުނެފައި ވަނީ "ޓްރެއިންސްޕޮޓިން 2" ގެ މައްސަކަތަށް ފުރަތަމަ ފިލްމުގެ މެއިން ކާސްޓް ވެސް ތައްޔާރު ކަމަށާއި އަހަރުތަކެއް މަޑުކޮށްލީ އޮރިޖިނަލް ވާހަކައިގެ ސީކުއެލް ވާހަކައިގައި އޭގެ މެއިން ކެރެކްޓާސްތައް ކޮންމެވެސް ވަރަކަށް މުސްކުޅިވެފައިވާތީ އެ ރޯލުތައް ކުޅެފައިވާ އެކްޓަރުން ވެސް ކުޑަކޮށް މުސްކުޅިވަން ދެން ކަމަށެވެ.
އޮރިޖިނަލް "ޓްރެއިންސްޕޮޓިން" ގެ ސީކުއެލްއެއްގެ ގޮތުގައި 2002 ވަނަ އަހަރު އިރްވިން ވެލްޝް ގެނެސްދިން "ޕޯނޯ" އަކީ "ޓްރެއިންސްޕޮޓިން" ގެ ދެ ވަނަ ފިލްމު އުފެއްދުމަށް ހަމަޖެހިފައިވާ ވާހަކަ އެވެ. މި ވާހަކައިގައި ދައްކުވައި ދެނީ "ޓްރެއިންސްޕޮޓިން" ގައި ހިނގާ ހާދިސާތަކަށް ނުވަ އަހަރު ފަހުން ހިނގާ ކަންތައްތަކެވެ.
ފުރަތަމަ ފިލްމުގައި ދައްކުވައި ދެނީ ހެރޮއިން އެޑިކްޝަނާއި އޭގެ ވިޔަފާރީގެ ތެރޭގައި މެއިން ކެރެކްޓާސްތައް އުޅޭގޮތެވެ.
އެ ފިލްމުގައި ލީޑްރޯލު ކުޅެފައި ވަނީ އިވާން މެކްގްރޮގޯ އާއި އިވެން ބްރޭމާ އަދި ޖޮނީ ލީ މިލާ އާއި ކެވިން މެކްކިޑް އެވެ.