ލައިފްސްޓައިލް

"ކޮރޯނާ ޕިޔާރް ހޭ" އުފައްދަން ރަޖިސްޓްރީކޮށްފި

ކޮރޯނާވައިރަސްގެ ބިރު މުޅި ދުނިޔެއަށް ފެތުރިފައި ވިޔަސް ބައެއް މީހުން މި ނުރައްކާތެރި ބަލިން ވެސް ފައިދާތައް ހޯދުމަށް ތަފާތު މަސައްކަތްތައް ކުރެ އެވެ. އެގޮތުން ކޮރޯނާވައިރަސް އާ ގުޅޭ ފިލްމެއް އުފެއްދުމަށް "ކޮރޯނާ ޕިޔާރް ހޭ" ގެ ނަމުގައި ފިލްމެއްގެ ނަން ރަޖިސްޓްރީ ކުރުން ހިމެނެ އެވެ.

ބައެއް މީހުންނަށް މި ފިލްމު ޓައިޓްލް ވަރަށް މަޖާ ވެގެން އުޅުނުއިރު އަނެއް ބަޔަކު މި ޓައިޓްލް އާ އެހާ ހިތްހަމައެއް ނުޖެހެ އެވެ. ޚާއްސަކޮށް ރިތިކް ރޯޝަންގެ ފޭނުންނަށް މިއީ ވަރަށް ރުޅިގަދަވާން ދިމާވި ކަމެކެވެ. ސަބަބަކީ ރިތިކްގެ ފުރަތަމަ ފިލްމަށް ކިޔަނީ "ކަހޯނާ ޕިޔާރް ހޭ" އަށް ވެފައި އެ ފިލްމާ މި ނަމާ ވަރަށް ގުޅުން ހުރީމަ އެވެ.

މި ޓައިޓްލް އާ ހިތްހަމަ ނުޖެހުނު މީހުންގެ ތެރޭގައި ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ވެސް ހިމެނެ އެވެ. އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ރާކޭޝް ރޯޝަން ބުނީ މިއީ މަޖަލަކަށް ވެސް ނުވަތަ ޖޯކަކަށް ވެސް މި ފަދަ ނަންނަމުގައި ފިލްމުތައް އުފައްދަން މަސައްކަތް ކުރާ ވަރަށް ވުރެ މާ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި މިއީ ކުޑަކުދިން ކުރާ ކަހަލަ ކަމެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެފަދަ މީހުން ކުރާ ކަންތައްތަކާ އަޅާނުލުން ރަނގަޅު ކަމަށް ރާކޭޝް ރޯޝަން ބުނެފައި ވެއެވެ.

މި ފިލްމުގެ ނަމަށް ޖޯކު ޖަހާ ސޯޝަލް މީޑިއާގައި އެންމެން ދަނީ ވަރަށް މަޖާ ކުރަމުންނެވެ. އެކަކު ބުނީ "ކޮރޯނާ ޕިޔާރް ހޭ"ގެ ބަތަލަކީ ޓައިގާ ޝްރޮފް ކަމަށާއި މި ފިލްމުގައި ޓައިގާ އޭނާގެ ލޯބިވެރިޔާ ސަލާމަތް ކުރަން ދަނީ ޗައިނާ އަށް ކަމަށެވެ.

އެހެން މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވާ ގޮތުގައި މި ކަހަލަ ނަންނަމުގައި ފިލްމު އުފައްދާނީ އެއްޗެއް ނުވިސްނޭ ގަމާރުން ކަމަށެވެ.