ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ތިބި އަށް ދިވެއްސަކާއި ދެ ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން، އެ މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ތިބި އަށް ދިވެއްސަކާއި ދެ ބިދޭސީއެއް ޓެސްޓުކުރުމަށްޓަކައި، އެ ރަށް ވަގުތީ ގޮތުން މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.
ދުނިޔެއިން ބަލާއާފަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އިގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ލިބެމުންދާ ގެއްލުންތަކާއެކު މަޝްހޫރު ވިޔަފާރި ކުންފުނި ވިލާގެ ޕެރެޑައިސް ރިސޯޓު ފިޔަވައި ހުރިހާ ރިސޯޓުތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.
ވިލާ ގްރޫޕުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން، އެ ގްރޫޕުގެ ދަށުން ހިންގާ ސަން އައިލެންޑާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް އަދި ރޯޔަލް އައިލެންޑު ވެސް ވަގުތީ ގޮތުން ބަންދު ކުރަން ވަނީ ނިންމާފަ އެވެ.
އެގޮތުން، ފަން އައިލެންޑް މިހާރު ވަނީ ކަރަންޓީނު ފެސިލީޓެއްގެ ގޮތުގައި ބޭނުންކުރަން ސަރުކާރަށް ދީފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.
ނަމަވެސް، ފާއިތުވި ދެ ދުވަހެއްގެ ތެރޭގައި، ގިނަ ބަޔަކު ޓެސްޓްކޮށްފައިވާއިރު، އެ ބައްޔަށް ޕޮޒިޓިވްވި އިތުރު މީހަކު ފެނިފައެއްނުވެ އެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ގޭގައި މަޑު ކުރުމަށް އަންގާފަ އެވެ.
މިހާރު ސަރުކާރުން އަމަލު ކުރަމުންދާ އުސޫލަކީ ކިރިޔާ ވެސް ޝައްކެއްވާނަމަ އެމީހެއްގެ ސާމްޕަލް ނެގުމެވެ. އެގޮތުގެ މަތިން ގިނަ ބައެއްގެ ސާމްޕަލްތައް ދަނީ ނަގަމުންނެވެ. މިހާތަނަށް 517 ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބި އޮތީ 15 ސާމްޕަލެއްގެ އެވެ.