ޕެރެޑައިސް އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓް ކުރި ހުރިހާ މީހުންގެ ނަތީޖާތައް ނެގެޓިވްވެފައިވީ ނަމަވެސް އެ ރިސޯޓްގައި 58 މީހަކު އެކަހެރިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން، ޕެރެޑައިސް ރިސޯޓުން އިއްޔެ އެކަހެރިކުރީ އަށް ދިވެހިންނާއި ދެ ބިދޭސީއެކެވެ.
ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ އެމީހުންގެ ނަތީޖާ ނެގެޓިވްވެފައިވީ ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު 58 މީހަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކަހެރިކޮށްފައިވާ ކަމަށެވެ.
މީހުންގެ ނަތީޖާ ނެގެޓިވްވެފައިވުމުން ރިސޯޓްގެ ލޮކްޑައުން ވަނީ އުވާލާފަ އެވެ. ނަމަވެސް އެކަހެރިކޮށްފައިވާ 58 މީހުން ބައިތިއްބާފައިވާ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ.
ނ. އަތޮޅުގައި ހިންގާ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން، ކުރި ޓެސްޓްގެ ނަތީޖާ ވެސް ވަނީ ނެގެޓިވްވެފަ އެވެ. ރިސޯޓް ވެސް އާންމުކޮށް ވަނީ ހުޅުވާލާފަ އެވެ. އެހެންނަމަވެސް މަބުރޫކު ވިދާޅުވީ އެ ރިސޯޓްގައި ވެސް 37 މީހަކު އެކަހެރިކޮށް އެމީހުން ތިބި ސަރަހައްދު ބަންދުކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. ރާއްޖެއިން މި ބަލި އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓަށް ބަލި ފެތުރި ފަސް މީހަކަށް ބަލި ޖެހުނެވެ. ކުރެއްދޫ ރިސޯޓަށް ކޮވިޑް-19 ފެތުރުނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. އޭނާގެ ގައިގާ އެ ބަލި ހުއްޓާ ރާއްޖެ އެތެރެވެ، ރާއްޖެއިން ފުރައިގެން ދިޔަ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.
ދެން ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓުންގެ އިތުރުން އައިލެންޑް ސަފާރީގެ ދެ ޓޫރިސްޓަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ ޓޫރިސްޓަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ ޓޫރިސްޓެއްގެ ފަރާތުންނެވެ. ބަތަލާ ރިސޯޓްގެ ދެ މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ފަސް ދުވަސް ވަނީ ވެފަ އެވެ.
ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.