ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރަންދެލި ރިސޯޓުން ބަންދުކޮށް، ބިދޭސީއަކު ޓެސްޓު ކުރަނީ

Mar 19, 2020

ނ. އަތޮޅުގައި ހިންގާ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން، އެ މީހާ ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނީ، އެ މީހާގެ ޓެސްޓްގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނިފައިވާ ކަމަށެވެ.

މިއަދުގެ މެންދުރާ ހަމައަށް އަރައި ފޭބުން މަނާކޮށްފައިވަނީ އެންމެ ދެ ރަށުގައިކަމަށް ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވަނީ ވިދާޅުވެފަ އެވެ.

ރަންދެލި ރިސޯޓުގެ އިތުރުން، ވަގުތީގޮތުން އަރައި ފޭބުން މަނާކޮށްފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓެވެ. އެ ރަށް ބަންދުކޮށްފައިވަނީ، އެ ރިސޯޓުގައި ތިބި އަށް ދިވެހިންގެ އިތުރުން ދެ ބިދޭސީއަކު ޓެސްޓު ކުރުމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ނަމަވެސް، ފާއިތުވި ދެ ދުވަހެއްގެ ތެރޭގައި، ގިނަ ބަޔަކު ޓެސްޓްކޮށްފައިވާއިރު، އެ ބައްޔަށް ޕޮޒިޓިވްވި އިތުރު މީހަކު ފެނިފައެއްނުވެ އެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ގޭގައި މަޑު ކުރުމަށް އަންގާފަ އެވެ.

މިހާރު ސަރުކާރުން އަމަލު ކުރަމުންދާ އުސޫލަކީ ކިރިޔާ ވެސް ޝައްކެއްވާނަމަ އެމީހެއްގެ ސާމްޕަލް ނެގުމެވެ. އެގޮތުގެ މަތިން ގިނަ ބައެއްގެ ސާމްޕަލްތައް ދަނީ ނަގަމުންނެވެ. މިހާތަނަށް 517 ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބި އޮތީ 15 ސާމްޕަލެއްގެ އެވެ.