ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަމެއް ފޮރުވަން އަންގާ ދުވަހު މިތާކު ނީންނާނަން: މަބުރޫކު

Mar 19, 2020
12

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެއްވެސް ކަމެއް ފޮރުވާފައިނުވާނެ ކަމަށާއި، އެފަދަ ކަމެއް ކުރަން އަންގާ ވަގުތުން ފެށިގެން ސަރުކާރުގެ ފަރާތުން ވައިރަހާގުޅޭ މައުލޫމާތު ފޯރުކޮށްދޭން ނީންނަވާނެކަމަށް ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިންތަކެއްވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށާއި އެކަން ސަރުކާރުން ސިއްރުކޮށްފައިވާކަމަށްބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިއަކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބުރޫކު ވިދާޅުވީ، މި ބަލިން ރައްކާތެރިވުމަށް އެންމެ މުހިއްމުކަމަކީ ވަގުތުން ވަގުތަށް މައުލޫމާތު ފޯރުކޮށްދިނުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިދާ އިރުޝާދުގެ ދަށުން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑު އަނެއްހެން ކުރާނެ ކަންތައް މަދުވެގެނެއްނޫން ތިޔަ ބޭފުޅުންނާ ދުވާލަކު ދެ އިރު ބައްދަލުކުރަނީ. ހަމަ މީގެ އިތުރުން ކުރާ އޮފީސް މަސައްކަތްތައްވެސް ކުރަންޖެހޭ. އެކަމަކު މިކަން ކުރަނީ ގަޑިން ގަޑިއަށް މައުލޫމާތު އަރުވަން،" މަބުރޫކު ވިދާޅުވި އެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، ކަށަވަރު ނުވާ މައުލޫމާތުތައް ބޮޑުކޮށް، ފަތުރައިގެން އިއްޔެ ހާއްސަކޮށް މާލޭގައި ހިނގާދިޔަ ކަންކަމުންވެސް ސާފުވާނެ ކަމަށެވެ.

"ހުރިހާ އެންމެން ހާސްކަމެއްގެ ތެރޭގައި. ފިހާރަތައް ތޮއްޖެހިފައި. އެގޮތް މިގޮތަށް މީހުން ތެޅި ފޮޅިގަތީ ހަމަ އެއްވެސް ތެދެއްނެތް ވާހަކައެއް މާލެ ތެރޭގައި ފަތުރަން ހަދައިގެން،" އިއްޔެ ވިޔަފާރިތައް ބަންދުކޮށް، ސަރުކާރުން މާލެ ލޮކްޑައުން ކުރަން އުޅުނު ކަމުގެ ވާހަކަތަކަށް އިޝާރާތްކުރައްވަމުން މަބުރޫކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ވަގުތަކީ ސިޔާސީ ބޭނުމެއްގައި ނަމަވެސް، ކޮވިޑް-19 އާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ހާސްކަން އުފެދޭ ގޮތަށް ކަންކަން ކުރަންވީ ވަގުތެއް ނޫން ކަމަށެވެ.

"މީޑިއާތަކަށް ބޭނުން ވާހަކައެއް ދެއްކޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި ޒިންމާދާރުވާންޖެހޭނީވެސް އެ މީޑިއާއެއް އަމިއްލައަށް ކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަން. އެކަމަކު މިއީކީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ހެންނެއް އަޅުގަނޑަކަށް ހަމަ ހީއެއްނުވޭ،" ގާނޫނު އެއްކިބައިގައި ބާއްވާފައި ރައްޔިތުންނާމެދު ވިސްނާލުމަށް އިލްތިމާސް ކުރައްވަމުން މަބުރޫކު ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ނަމަވެސް، ފާއިތުވި ދެ ދުވަހެއްގެ ތެރޭގައި، ގިނަ ބަޔަކު ޓެސްޓްކޮށްފައިވާއިރު، އެ ބައްޔަށް ޕޮޒިޓިވްވި އިތުރު މީހަކު ފެނިފައެއްނުވެ އެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ގޭގައި މަޑު ކުރުމަށް އަންގާފަ އެވެ.