ދުނިޔޭގައި މިހާރު ވަރަށް ހަލުވި މިނުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭންވެސް ފެނިފައިވާއިރު، އެ ބަލި ރާއްޖޭގައި ފެތުރިގެން ދިޔުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަދިވެސް ބައެއް ދިވެހިން އަމަލުކުރަމުންނުދާތީ، ބަލީގެ ސީރިއަސްކަން ވިސްނައިދިނުމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވަރަށް ބިރުވެރި މަންޒަރެއް ކުރަހައި ދެއްވައިފި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާއިރު، ބައެއް ދިވެހިން ހާއްސަކޮށް އަތޮޅު ތެރެއަށް ފުރަމުންދާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ސަރުކާރުން އެފަދަ ފިޔަވަޅުތަކެއް އަޅާފައިވަނީ ވައިރަސް ފެތުރިގެންދާނޭ ފަދަ ހާލަތެއް މެދުވެރިވުން ހުއްޓުވުމަށްޓަކައި މީހުން އެއްވެ އުޅުން މަދުކުރުމަށް ކަމަށެވެ.
"އެހެންވީމާ ހުރިހާ ބޭފުޅުންވެސް މިވަގުތު ތިއްބެވި ތަނެއްގައި މަޑުކޮށްލައިގެން ތިއްބެވުމަކީ އޭގެ އެންމެ ރަނގަޅު ގޮތަކީ. އެއްފަހަރާ ގިނަ ބަޔަކު ފުރަން ދިޔުމަކީވެސް ހަމަ މީހުން އެއްވުން. އެންމެ ރަނގަޅު ގޮތަކީ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުން މަޑުޖައްސާލުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން މިހާތަނަށް އެޅި ހުރިހާ ފިޔަވަޅުތަކަކީވެސް އެހެން ގައުމުތަކުގައި ބަލި ފެތުރޭ މިންވަރާއި އެ ގައުމުގެ ތަޖުރިބާތަކާއި، ސައިންސްވެރިންނާއި ސިއްހީ މާހިރުންގެ ދިރާސާތަކަށް ބަލައިގެން އަޅާފައިވާ ފިޔަވަޅުތައް ކަމަށެވެ.
![](https://images-01.avas.mv/post/big_MrCaXH0GKWIcPOtXa8sJBMycB.jpg)
މިހާރު އެ ބަލި އެންމެ ބޮޑަށް ފެތުރިފައިވާ އެއް ގައުމުކަމަށްވާ އިރާނުގެ ޝަރީފް ޔުނިވާސިޓީއަކުން ހެދި ދިރާސާއަކަށް އިޝާރާތްކުރައްވަމުން، ޑރ. ނަޒްލާ ވިދާޅުވީ، ހަމައެކަނި ބަލި ޖެހިފައިވާ މީހުން އެކަހެރިކުރުމުގެ ފިޔަވައި، ސޯޝަލް ޑިސްޓަންސިންގް އިތުރުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ މުހިއްމުކަންް އެ ދިރާސީއިން އެކަނިވެސް ސާފު ކަމަށެވެ.
އެގޮތުން، އިރާނުގައި އެ ބަލި ފެތުރޭ މިންވަރަށް ބަލާއިރު، މިހާރު އެގައުމުން އަޅާފައިވާ ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅި، އެކަންކަން ތަންފީޒުކުރެވި، އަދި ރައްޔިތުން އެ ފިޔަވަޅުތަކަށް ބޯލަނބައި ކިޔަމަންވި ނަމަވެސް، އެގައުމުގައި އިތުރަށް 12،000 މީހުން މަރުވާނެކަމަށް އެ ދިރާސާއިން ދައްކާ ކަމަށެވެ.
އަދި އެ ފިޔަވަޅުތައް ކޮންމެވެސް ވަރަކަށް އެޅިގެން، ގިނަ ބަޔަކު އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރިނަމަވެސް، އެ އަދަދު 110،000 އަށް އިތުރުވެގެންދާނެ ކަމަށެވެ
އިރާނުން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ، އެގައުމުގައި މި ބަލި ޖެހިގެން 3.5 މިލިއަން މީހުން މަރުވާނެކަމަށް އެ ދިރާސާގައި ބުނެފައިވާކަމަށް ޑރ. ނަޒްލާ އިތުރަށް ވިދާޅުވި އެވެ.
" މި އަދަދުތައް ހިތަށް ގެންނަން ވެސް އުނދަގޫ. އެކަމަކު މި އަދަދުތައް އަޅުގަނޑު މިދަންނަވާލީ ބަލީގެ ސީރިއަސްކަން އަންގައި ދިނުމަށް. އެ ހާލަތަކަށް އަދި ރާއްޖެއެއް ނުދޭ. އެކަމަކު ކޮމިޔުނިޓީ ޓްރަންސްމިޝަންގެ ހާލަތަކަށް ގޮސް މީހުންގެ މެދުގައި ފެތުރިގެން ގޮސްފިނަމަ، މި ބަލި ކޮންޓްރޯލްކުރަން ވަރަށް އުނދަގޫވާނެ،" ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން ސިއްހީ އިދާރާތަކުން އަންގާ އެންގުންތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވި އެވެ.