(17 މާރިޗު 2020 އާ ގުޅޭ)
އޭނާ އެކަނި ބާޒާރުކުރަން ނުކުތުން ރަނގަޅު ޚިޔާލަކަށްނުވިއެވެ. ބާޒާރުކުރަން މަންމައާއެކު ދާކަށް ހޭޒަލް ބޭނުމެއްނޫނެވެ. ދެން ހުރީ އިޝްވާއެވެ. ހޭޒަލް ގަންނަ އެއްޗެހި ފެނުމުން އިޝްވާއަށް ހުރިހާކަމެއް އެނގޭނެއެވެ. އޭނާއަށް އެނގޭކަށް ހޭޒަލް ބޭނުމެއްނޫނެވެ. ދެން ހަމައެކަނި ހުރި މީހަކީ ނަޝާއެވެ. އޭނާ ގާތު އެދިފިއްޔާ ދާނެކަން ޔަގީނެވެ. އެހެންވެ އެކުވެރިޔާއަށް ގުޅައި ވަގުތެއް ހަމަޖެއްސިއެވެ. ހަވީރު ހަތަރެއް ޖަހާއިރަށް ދެ އެކުވެރީން ބާޒާރުކުރަން ނުކުންނާނީ ކަމުގައި އެއްބަސްވެއްޖެއެވެ. އެގޮތަށް ދެއެކުވެރީން ބާޒާރުކުރަން ނުކުތުން ހޭޒަލްގެ ފުރަތަމަ ކައިވެންޏާ ހިސާބުން އޮތީ ހުއްޓިފައެވެ. ހުރިހާކަމެއްގައި ހޭޒަލްގެ ނިންމުން އަބަދުވެސް އޭރު އޮންނަނީ ލިއަމްއާ ގުޅިފައެވެ. އޭނާ އެދޭ ގޮތަށްނޫނީ ހޭޒަލް އެއްވެސް ކަމެއް ނުނިންމާނެއެވެ. ލިއަމްއަކީ އަންހެނުންގެ އެއްޗެހި ގަތުމުގައި އާންމު ފިރިހެނުންނަށްވުރެ ކުޅަދާނަ ފިރިހެނެކެވެ. އޭނާއަށް ފިހާރަތަކުން ގަޔާވާ އެއްޗެއް ފެނިއްޖެނަމަ ހޭޒަލްއަށް ގަނެދޭނެއެވެ. ޚާއްޞަކޮށް ހެދުމުގެ އެތެރެއިން ހޭޒަލް ލާ އަންނައުނު ގަނެދެނީ މުޅިން ވެސް ލިއަމްއެވެ. އެކަމަކު އެ ދުވަސް މިހާރު ބަދަލުވެއްޖެއެވެ. ހޭޒަލްއަށް އަލުން ދިރިއުޅެން ދަސްކުރަން ޖެހިފައިވާ ކަހަލައެވެ. ކޮންމެ ދުވަހަކީ އައު ތަޖުރިބާއެކެވެ.
އޮފީހުގައި އިން ދާރިއަންއަށް ހޭޒަލް މެސެޖުކޮށްލުމާއެކު އޭނާ ގުޅައިފިއެވެ. ބާޒާރުކޮށްލަން ދަނީކަމުގައި ހޭޒަލް ބުނުމުން ދާރިއަން ސުވާލު އުފެދުނީއެވެ. އޭނާ ގާތު ބުނަނިކޮށް ގެނެދީފާނަންކަން ދާރިއަން ހާމަކުރިއެވެ. އެކަމުގައި ހޭޒަލް ބަހަނާއަކަށް ދެއްކީ ނަޝާ މާކުރިން އެދިފައި އޮތްކަމެވެ. އެކުވެރިޔާގެ ބޮލަށް ހުރިހާކަމެއް ޖެހިއެވެ. ދާރިއަން ސުވާލު ގިނަވެދާނެތީއެވެ. އޭނާއަށް އޮޅުވާލަން ހޭޒަލްއަށް ފަސޭހަކަމަކަށްނުވާނޭކަން އެނގޭތީއެވެ. ހޭޒަލް އެދޭ ގޮތް ބުނުމުން ގިނަ ވާހަކަތަކެއް ދާރިއަން ނުދެއްކިއެވެ. އަސުރުން ފައިބައިގެން ހޭޒަލް ބަލާ އަންނާނޭކަން ބުންޏެވެ. ނަޝާމެން ގެއަށް އޭނާ ގެންގޮސްދޭންށެވެ.
* * * * *
ހޭޒަލް ވެސް ގޭގައި ނެތުމުން އޮފީސް ނިމުނު ގޮތަށް ބައްޕައާއެކު ދާރިއަން އައީ މަންމަ ގާތަށެވެ. ހޭޒަލް ގުޅަންދެން އެގޭގައި މަޑުކޮށްލަން ގަސްދުކޮށެވެ. ހަމައެއާއެކު ރިޒްވާނާއި ސާއިރާއަށް ވެސް އޭނާ އެ ޚަބަރު ދިނެވެ. އެ މަންމައާއި ބައްޕަ ތިބޭނީ އޭނާ އޮފީސް ނިންމާފައި އަންނަންދެން ސައިނުބޮއެކަން އެނގޭތީއެވެ.
"އައްދޭ! މިއޮއް އައީ ކޮންކުއްޖެއްތަ؟ އިބާ!" ސިޓިންރޫމުގައި އައިކުއަށް ފާޑުކިޔަން އިން ތަހުމީނާގެ ޠަބީޢަތް ވަގުތުން ބަދަލުވިއެވެ. ފުޅާ ހިނިތުންވުމަކާއެކު ދާރިއަންއަށް އަތްދިއްކޮށްލިއެވެ.
"ކޮބާ މަންމަ؟... މާމަ ކިހިނެއްތަ؟" ތަހުމީނާގެ ގާތަށް ދާރިއަން އައެވެ. ސޯފާގެ ކޮޅުގައި ހުރި ވަށްމޭޒުގެ މަތީ ދަބަސް ބަހައްޓާލާފައި މާމަގެ ގާތުގައި ސޯފާގައި ދާރިއަން އިށީނދެއްޖެއެވެ.
"އަންނާނަން ބަލާލާފައި" ޒުކަން އެތެރެއަށް ހިނގައިގަތެވެ.
"ބްރޯ!..." ނިތް އެއްލަމުން އައިކު ގޮވާލިއެވެ.
"މީނަ މިއަދު ދާނޭތަނެއް ނެތީތަ މާމާ" ހިނިއައިސްފައި އިނދެ ދާރިއަން ބުނެލިއެވެ.
* * * * *
"ދެން ކޮންތާކަށްދާނީ؟" ނަޝާ އަހާލިއެވެ.
"މިވަރު އޯކޭ... އަހަރެން ބޭނުންވި އެއްޗެހި ލިބިއްޖެއެއްނު" ކޮތަޅުތައް ދެއަތަށް އެއްވަރަކަށް ހޭޒަލް ބަހާލިއެވެ.
"އެއްބައި ގެނޭ އަހަރެންނަށް" ނަޝާ ބުނެލިއެވެ.
"ސައިބޯން ތަނަކަށް ވަންނާނަންތަ؟" ހޭޒަލް އަހާލިއެވެ.
"ގެއަށް ދާނީ، ޙައްޖުން އައިސް އަހަރެމެންގެއަށް ޒެއްލު އަދި ތިއައީ، މަންމަ އެބަހުރި ޒެއްލުގެ އިންތިޒާރުގައި، މަށަށް ޔަގީން ސައި ވެސް ހަދައިގެން ހުންނާނީ" ނަޝާ ބުންޏެވެ.
ވާހަކައިގަ ތިބެ ދެ އެކުވެރިންގެ މިސްރާބު ނަޝާމެން ގެއަށް އަނބުރާލިއެވެ. އެގެއާ ހަމައަށް ދެވެންދެން ވެސް ނަޝާގެ ފިރިމީހާގެ ޢާއިލާ މީހުންގެ ވާހަކަދައްކާ ނުނިމުނެވެ. މައިދައިތަގެ ވިސްނުން ހުރީ މާލޭގައި ދިރިއުޅުންކަމުގައި ނަޝާ ބުންޏެވެ. ހުންނަން ބޭނުންވަނީ ނަޝާމެން ގޭގައި ކަމަށް ބުންޏެވެ. ދެމަފިރިންގެ ދޭތެރޭގައި އޮންނަން ވިޔަސް އަންނަން ހުރީ ތައްޔާރަށް ކަމަށް ނަޝާ ބުނެލީ ފޫހި ރާގެއްގައެވެ. އޭނާގެ ވާހަކަތަކަށް ހޭޒަލް ހަމައެކަނި ހިނިތުންވެލީއެވެ. އެކަން ނަޝާއަށް ފާހަގަކުރެވުނެވެ. އޭނާގެ އެކުވެރިޔާ ހާދަ ބަދަލުވެއްޖެއޭ ނަޝާގެ ހިތަށް އެވަގުތު ވެސް އެރިއެވެ. ކުރީގެ ހޭޒަލްނަމަ އޭނާއާ އެވާހަކައިގެ ބައިވެރިވީހެވެ. އޭނާއާއެކު އޭނާ ފޫހިވާ މީހުންނަށް އެއްޗެހި ކީހެވެ. ނަމަވެސް މިހާރު އެފަދަ ވާހަކަތަކަށް ހޭޒަލް ޚިޔާރު ކުރީ ހިމޭންކަމެވެ. އެހެންނަމަވެސް އޭނާ ނަޝާ ދައްކާ ހުރިހާ ވާހަކައެއް އަޑުއަހާކަން ޔަގީނެވެ. ބޮލުން ކޮށްލާ ކުދިކުދި އިޝާރާތްތަކުން ވެސް އެކަން އެނގެއެވެ.
"މަންމާ! މިއައީއޭ" ގޭތެރެއަށް ވަދެގެން އަންނަމުން ނަޝާ ގޮވާލިއެވެ.
"މަ ހިފަހައްޓައިގަނެގެން އުޅެނިކޮށް ވެސް އެ ސޮރު ނިދައިފި، އައިމަނު ހިނގައްޖެ ސުކޫލު ދޮށަށް" ނަޝާގެ މަންމަ ފައްޗަކަށް އަމުނާލިއެވެ. ހޭޒަލްއަށް ވެސް ހަމަ އެ ނޭވާގައި ގޮވާލައިފިއެވެ. އޯގާތެރި ހިނިތުންވުމަކާއެކު އައިސް ހޭޒަލްގެ ގާތުގައި ހުއްޓި އޭނާގެ ކޮނޑުގައި ފިރުމާލިއެވެ.
"މި މަންޖެ ފެނުނީމަ އަހަރެން ހާދަ ހިތްހަމަޖެހެއޭ، އަވަހަށް އާދޭ ސައިބޯން" ހަލީލާ ހިނގައިގަތީ ނަޝާއާއި ހޭޒަލްއާ އެކީގައެވެ.
ކާމޭޒުދޮށުގައި އެންމެން ސައިބޯން ތިބިއިރު ހޭޒަލްއާ ގިނައިން ވާހަކަދެއްކީ ހަލީލާއެވެ. މަންމަ ތެދުވެގެން ދިއުމުން ނަޝާއަށް އެކުވެރިޔާއާ ވާހަކަދައްކާލޭ ފުރުޞަތުލިބުނެވެ.
"ދާރިއަން ކިހިނެއްތަ؟ އޭނާއަށް ކަމެއްކޮށްލަން ދޯ ތިއުޅެނީ" ނަޝާ އިނދެފައި ބުންޏެވެ. އެ އަޑުގައި ސަމާސާކަން އެކުލެވިފައި ވިއެވެ.
"ރަނގަޅު" ހޭޒަލް ހިނިތުންވެލިއެވެ.
"ސެކްސީ މީހަކާ ދޯ އަނެއްކާ ވެސް ތި އިދެވުނީ" ނަޝާ ހީނގަތެވެ. ހޭޒަލް ވަކި އެއްޗެއް ނުބުނެ ހީނލީއެވެ.
ދާރިއަންއާ ބެހޭ ގޮތުން ވާހަކަދައްކާކަށް ހޭޒަލް ނޭދެއެވެ. ނަޝާއަށް އިތުބާރު ނުކުރާތީއެއްނޫނެވެ. އޭނާ ޖެހިލުންވަނީއެވެ. ފިރިމީހާގެ ރަނގަޅުކަމާއި ހެޔޮކަމުގެ ވާހަކަދައްކަން ބިރުގަންނަނީއެވެ. ހަޔާތުން ދާރިއަން ގެއްލިދާނެތީއެވެ. އެންމެ އަވަހަށް މިހާއަށް ޖެހޭނީ ދުލުގެ ނުބައިކަމެވެ. ހޭޒަލްގެ ވިސްނުން މިހާރު ހުރީ އެފަދައިންނެވެ. މީގެ ކުރީން އޭނާ އެންމެން ގާތުގައި ވެސް ލިއަމްގެ ރަނގަޅުކަމާއި ފުރިހަމަކަމުގެ ވާހަކަދައްކަނީ ފަހުރެއްކަމުގައި ދެކިގެންނެވެ. އޭނާއަށް ލިބިފައިވާ އަގުބޮޑު ނިޢުމަތެއްގެ ގޮތުގައި ޤަބޫލުކުރެވޭތީއެވެ. ފަހަރެއްގައި ހޭޒަލްގެ ދިރިއުޅުމަށް އައި ލޮޅުމަކީ އޭނާގެ ދުލުގެ ސަބަބުން ކުރިމަތިވި މުސީބާތަކަށްވެދާނޭ ހޭޒަލްއަށް ހީކުރެވެއެވެ. އަނެކުންގެ ހިތް އޮންނާނޭ ގޮތެއް ނޭނގޭއިރު އެސްފީނާ ފަދަ ނުބައި ކަމަކަށް އަމިއްލައަށް ގޮވާލަން އެދޭނީ ކާކުހެއްޔެވެ. ހޭޒަލްގެ ދިރިއުޅުން ރައްކާތެރިކުރުމަށް މުހިންމު ސަމާލުކަމެއް އޭނާ ދެއެވެ. އެންމެ ގާތްމީހާގެ ގާތުގައި ވެސް ފިރިމީހާއާއި ދިރިއުޅުމުގެ ހާލަތު ހާމަކުރާކަށް ހޭޒަލް ނޭދެއެވެ.
* * * * *
"ހާއި!... ޒެލް ނުގުޅައިގެން އިނީ" ކާރަށް ހޭޒަލް އެރުމާއެކު ދާރިއަން ބުނެލިއެވެ.
"ނަޝްގެ މަންމަ ހުރީ ސައި ހަދާފަ، އެހެންވެ ސައިބޮއެގެން މިގުޅީ... ލަސްވީތަ؟" ހިނިތުންވުމަކާއެކު ހޭޒަލް ވާހަކަދެއްކިއެވެ.
"ނޫން، ޒެލް ފެނުނީމަ ހިތްހަމަޖެހިއްޖެ" ލޯބިވެތި ހިނިތުންވުމަކާއެކު ހޭޒަލްއަށް އަމާޒުކުރެވިފައިވި ދާރިއަންގެ ލޮލުގެ އެސްފިޔަތައް އަވަސްއަވަހަށް ޖަހާލިއެވެ. ދާރިއަންގެ އެ ހަރަކާތަކުން ހޭޒަލް ހީނލިއެވެ. ހައިރާންކަމެއް ދާރިއަންއަށް ލިބުނެވެ. އޭނާގެ ސަބަބުން އަނބިމީހާ އެފަދަ ޖާދޫވީ އަސަރުހުރި ގޮތަކަށް މީގެ ކުރިން ހީނނުލައެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އެހެންނަމަވެސް އެ ޖަޒުބާތުތައް ދާރިއަން ފޮރުވާލިއެވެ.
"ކޯއްޗެއް ގަތީ" ދާރިއަންގެ ސަމާލުކަން އެހެންދިމާއަކަށް އަނބުރާލުމަށް ގަސްދުކޮށް އަހާލިއެވެ. ފަހަތު ސީޓުގައި ހޭޒަލް ބާޒާރުކުރި ކޮތަޅުތައް ހުއްޓެވެ.
"ހެދުމުގެ އެއްޗެހި" ފަހަތަށް ކުޑަކޮށް ބަލާލާފައި ހޭޒަލް ބުނެލިއެވެ. މިފަހަރު ދާރިއަންއަށް ބަލާލާކަށް ހޭޒަލްއަކަށް ނުކެރުނެވެ. އެ ކޮތަޅުތައް ދާރިއަންއަށް ދައްކަން ޖެހިދާނެތީ ހޭޒަލް އިނީ ޖެހިލުންވެފައެވެ.
ގޭ ކައިރީ ކާރު ޕާކުކޮށްލުމުން ހޭޒަލް މާކުރިން ކާރުން ފައިބައިފިއެވެ. ފަހަތު ސީޓުގައި ހުރި ކޮތަޅުތައް އޭނާ ނެގިއެވެ. ހޭޒަލްގެ ހަރަކާތްތައް ހުރި ގޮތުން ތަފާތުކަމެއް ދާރިއަންއަށް ފާހަގަވިއެވެ. ގޭތެރެއަށް ވަދެ އެލެވޭޓާ ތެރެއަށް އަރަމުން ދާރިއަންގެ އަތަށް ކޮތަޅުތައް ދޭށޭ ބުނުމުން އެކަމާ ވަގުތުން ހޭޒަލް ދެކޮޅު ހެދިއެވެ. ހޭޒަލްގެ އަތުގައި ހުރި ކޮތަޅުތައް ދާރިއަންއަށް ނުދައްކަން އުޅޭހެން ހީވުމުން އެ ބެލުމުގެ ޝައުގު ދާރިއަންގެ އުފެދުނެވެ. އެހެންނަމަވެސް އަނބިމީހާގެ ނިންމުމާ ޚިލާފުވެވޭނޭކަން އެނގޭތީ އެކަމާ އޭނާ ވިސްނިއެވެ.
"އާ ހެދުމެއް ފަހަންތަ ތިއުޅެނީ؟ މަންމަ އެބަހުއްޓެއްނު ބައިވަރު ހެދުން ގެނެސްދީފަ" ދާރިއަން ބުނެލިއެވެ.
"އެއީ ތަފާތު ހެދުމެއް" ހޭޒަލް ބުނެލިއެވެ. އޭނާއަށް ދެއަތުން ކޮތަޅުތަކުގެ އަތްގަނޑުގައި ހިފާބާރުކޮށްލެވުނެވެ.
"ލުމުގެ ކުރީން އަހަންނަށް ދައްކާލާނަންތަ؟" ދާރިއަން ބުނެލިއެވެ. ބޭއިޚްތިޔާރުގައި ދާރިއަންއާ ހަތަރުކަޅި ހޭޒަލްއަށް ހަމަކޮށްލެވުނެވެ. އެ ހިމަ ދޮންމޫނުން ލަދުވެތިކަމުގެ އިންތިހާ ފާޅުވެލިއެވެ. ދާރިއަންއަށް އަޖައިބުވިއެވެ. އޭނާއަށް ހޭޒަލްގެ ފުށުން ފާޅުވާ އަސަރުތައް ދޭހަކުރުމަށް އުނދަގޫވެއްޖެއެވެ. އޭނާ އެވަރު އެއްޗެއް ބުނެގެން ހޭޒަލް ލަދުގަނެދާނޭ ދާރިއަން ހީނުކުރެއެވެ. އެކަމާ ގުޅުވާ އެއްޗެކޭ ބުނަން އުޅެނިކޮށް އެލެވޭޓާގެ ދޮރު ހުޅުވިއްޖެއެވެ. ހޭޒަލްގެ ފިޔަވަޅު ހަލުވިއެވެ.
"ހޭ..ޒަ..ލް!" ދާރިއަންއަށް ވައިއަޑުން ގޮވާލެވުނެވެ.
ހޭޒަލް ގަނެގެން ގެނައި އެއްޗެހި ގެންގޮސް ލީ މަންމަގެ ކޮޓަރިއަށެވެ. ދާރިއަން ސުވާލުގިނަވުމުން އެ ކޮތަޅުތައް ބަލާފާނޭ އޭނާއަށް ހީވީއެވެ. ހޭޒަލް ކޮޓަރިން ނުކުތްއިރު އޮފީސް ހެދުން ބަދަލުކުރަން ދާރިއަން އުޅުނެވެ. އޭނާ އައީ ހާމަފެންޑާގައި ހުރި ރިޒްވާނުގެ ގާތަށެވެ. ހޭޒަލް ވާހަކައެއް ދައްކާލަން ބޭނުންވާކަން ބުނި ގޮތުން ރިޒްވާނަށް ސަމާލުކަން ދެވުނެވެ. ދަރިފުޅުގެ ހަރަކާތްތަކުން އޭނާ ލަދުން އުޅޭހެން ރިޒްވާނަށް ހީވިއެވެ. ރިޒްވާނުގެ ކައިރީ ގޮނޑި ދައްކާލުމުން ހޭޒަލް އައިސް އެތަނުގައި އިށީދެއްޖެއެވެ.
"ބައްޕަ ގާތުގައި ބުނަން ނުކެރެންޏާ މަންމަ ގާތުބުނޭ، އޭރުން މަންމަ ބުނާނެ ބައްޕަ ކައިރީ" ރިޒްވާނު ބުންޏެވެ.
"މީ... ބައްޕަ... މިރޭ ދާރިއަން ގޮވައިގެން... ބޭރަށް ގޮސްލަފާނަންތަ؟" ހޭޒަލް އެދުނެވެ. ރިޒްވާނުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
"ގޭގައި ދާރިއަން ބަހައްޓަން ބޭނުންނުވާ ވަގުތަކީ ކޮބާ" ނިކަން ހިނިއައިސްފައި އިނދެ ރިޒްވާނު ބުންޏެވެ. އޭނާއަށް ހޭޒަލް ކަމެއް ރާވަނީކަން އެނގުނީއެވެ.
"ނައިންގެ ފަހުން، ދާރިއަން ވަރަށް އަވަހަށް ނިދަން ބޭނުންވާނެ... އެކަމަކު ބައްޕަ ބުނެފިއްޔާ އޭނާއަށް ނުކެރޭނެ، އަޅުގަނޑު ބޭނުން ޓޫ އަވާޒް" ހޭޒަލް ބުންޏެވެ. ރިޒްވާނަށް ތަންކޮޅެއް ބާރަށް ހީނގަނެވުނެވެ.
"ބައްޕާ ޕްލީޒް.... ނުހީބަލަ، ޒެއްލު ލަދުގަނެއޭ" ހޭޒަލް ތުންފިއްތާލިއެވެ. ދާރިއަންއާ ހެދި ހޭޒަލް އުޅޭތަން ރިޒްވާނަށް ފެނުނު ފުރަތަމަ ފަހަރެވެ. އޭނާއަށް ލިބިފައިވާ އުފާވެރިކަމެއް ނުފޮރުވުނެވެ. ހެމުންހެމުން ގޮނޑިން ތެދުވެ ހޭޒަލްގެ ބޮލުގައި ފިރުމާލުމާއެކު ބޮސްދީފިއެވެ. އަދި އަލުން ގޮނޑީގައި އިށީނދެއްޖެއެވެ.
"އޯކޭ!... ޓޫއަވާޒްކޮށްފަ ދާރިއަން ގޮވައިގެން އަންނާނަން، ދަރިފުޅު ތި ރާވަނީ ކޮންކަމެއް" ރިޒްވާނު އަހާލިއެވެ.
"އެއީ ސީކްރެޓެއް، ހަޒްބަންޑް ވައިފް ސީކްރެޓެއް" ކުޑަކޮށް ހިނިއައިސްފައި އިނދެ ހޭޒަލް ބުނެލިއެވެ. އެވަރުން ރިޒްވާނު ދެނެގަތެވެ.
ހޭޒަލް ހޯދަމުން ދާރިއަން ހާމަފެންޑާއަށް އެރިއެވެ. ރިޒްވާނު ނިކަން ހިނިއައިސްފައި އިންތަން ފެނުނެވެ. އޭނާއަށް ދާރިއަން ފެނުމުން ވެސް އެމޫނުގައިވި އުފާވެރިކަން ނުފިލައެވެ. ދާރިއަންއަށް ގޮވާލައި ގާތަށް އައުމަށް ރިޒްވާނު އެދުނެވެ. ގިނައިރެއްނުވެ ސާއިރާ ވެސް އެތަނަށް އަތުވެއްޖެއެވެ. މަޣްރިބު ނަމާދަށް ގޮވަންދެން އެމީހުން އެތަނުގައި ވާހަކައިގަ ތިއްބެވެ.
* * * * *
ރޭގަނޑު ކެއުމުގެ ކަންކަން އިޝާ ނަމާދަށްފަހު ނިމިއްޖެއެވެ. ސާއިރާގެ ކޮޓަރީގައި ހޭޒަލް ބެހެއްޓި ކޮތަޅުތައް އޭނާ ބަލާލިއެވެ. އޭނާގެ ކައިރިއަށް ނިކަން ހިނިއައެވެ. އެހެންނަމަވެސް އޭނާއަށް ކަމެއް އެނގޭކަމެއް ނުދެއްކިއެވެ. ހޭޒަލް ލަދުގަންނޭކަން އެނގޭތީއެވެ. އެކޮޓަރީގައި ބަހައްޓާލާނަމޭ ހޭޒަލް ބުނީ ދާރިއަންއަށް އެތަކެތި ފޮރުވަންކަން ސާއިރާއަށް ނަގައިގަނެވުނީ ދެނެވެ. ނުވައެއް ޖެހުމުން ދާރިއަން ގޮވައިގެން ރިޒްވާނު ބޭރަށް ނުކުމެއްޖެއެވެ. ހޭޒަލްގެ މަސައްކަތައިގެން އޭނާ އަވަސްވެލިއެވެ. މަންމަގެ ކޮޓަރިން ކޮތަޅުތައް ނަގައިގެން އައިސް އަމިއްލަ ކޮޓަރިއަށް ވަނެވެ.
އެނދުގެ ތަންމަތި ހޭޒަލް ބަދަލުކުރިއެވެ. ކޮޓަރީގައި ހުރި ކުޑަދޮރުގެ ދޮރުފަތިގަނޑާއި ރީތިވާ މޭޒާއި އެނދުގެ ސައިޑް ކަބަޑުތަކުގައި ފެއަރީ ލައިޓްސްތައް އަތުރަން ހޭޒަލް ފެށިއެވެ. ބިއްލޫރި ފުޅިތަކުގައި ހުރި މީރުވަސް ދުވާ އުއްބައްތިތަކުން އުއްބަތިއެއް އެނދުގެ ސައިޑް ކަބަޑުތަކުގައި ބެހެއްޓިއެވެ. މަންމަގެ ކޮޓަރީގެ ވާސްތަކަށް ވަގުތީގޮތުން ޖެހި ރަތްފިނިފެންމާތައް ގެނެސް އުއްބަތިތައް ކައިރީ ތިން މަލުން ބެހެއްޓިއެވެ. ދެން ވެސް ކޮޓަރީގައި އުޅޭއިރު އުނދަގޫނުވާހެން ހީވާ ދިމަދިމާގައި އުއްބަތި ހޭޒަލް ބެހެއްޓިއެވެ.
ހުރިހާކަމެއްކޮށް ހިންދެމިލެވުމުން އޭނާ އަވަހަށް ގޮސްވަނީ ފާޚާނާއަށެވެ. ފެންވަރާލާއި މީހާ ތާޒާވެލިއެވެ. އޭނާގެ ދިގު އިސްތަށިގަނޑު ހެއާރޑްރައިޔަރުން ހިއްކުމަށް ވަގުތުނެގިއެވެ. އެހެންވެ ކިރިޔާ ތެތްކަން ފިލާވަރު ވުމުން ހޭޒަލް ބުރުހުން އިސްތަށިގަނޑު އޮމާންކޮށްލީއެވެ. ދޫހުޅިއެއް އިސްތަށިގަނޑުގެ ކޮޅަށް ޖަހާލައި ފަހަތަށް ދޫކޮށްލިއެވެ. ރީތިވާ މޭޒު ކައިރީ ތިރީގަ ބަހައްޓާފައި ހުރި ކޮތަޅުން ފޮށި ނަގައި ހުޅުވާލިއެވެ. އޭގައި ތުނި ކަރުދާހުގެ ތެރޭ ބަންދުކޮށްފައި އޮތް އަސުރުމާކުލައަށްވުރެ އަނދިރި ދަނބުކުލައަކަށް ދާ ސިލްކު ނިދާ ހެދުން ހޭޒަލް ލިއެވެ. އަދި އޭގެ ބޭރުން އެކުލައިގެ ރޮބް ލިއެވެ. އޭގެ އަތުގެ ބަޔަކުން ފެށިގެން ބުރަކަށި ފެންނާނޭހެން ހުރީ ލޭސްލައްވާފައެވެ. ނިދާހެދުމުގެ ބޮޑު ކަރުގައި ރޭނދާކޮޅެއް އަޅާފައި ހުރިއިރު ދެކޮނޑުގައިވީ ދެ ވާކޮޅެވެ. ސެންޓު ޖެހުމަށް ޚާއްޞަ ހިސާބުތަކަށް ހޭޒަލް ސެންޓު ޖެހިއެވެ.
"ޔޫ ރެޑީ" ލޯގަނޑުން ފެންނަ ސޫރައަށް ހޭޒަލް ބުނެލިއެވެ. އަދި އަމިއްލަ ޖަވާބު ވެސް ދީފިއެވެ.
"ވީ އާ ބެކް" ހޭޒަލްގެ ފޯނަށް މެސެޖު އައި އަޑަށް ބަލާލިއެވެ. ރިޒްވާނުގެ މެސެޖެކެވެ. ހޭޒަލްއަށް ހާސްކަން ލިބުނެވެ. ކިތަންމެ ތައްޔާރުވެގެން ހުއްޓެއްކަމަކު އޭނާ ޖެހިލުންވިއެވެ. ހަލުވިކޮށް އައިސް ކޮޓަރީގެ ބޮކިތައް ނިވާލައިފިއެވެ. އެއާއެކު އުއްބައްތިތަކުގެ ހުޅުކޮޅުގެ ހިޔަނިން ކޮޓަރިތެރެއަށް ދިރުން ގެނެސްދީފިއެވެ. ފެއަރީ ލައިޓްސްއާއި އުއްބައްތީގެ ރަންއަލިން ނިދާކޮޓަރީގެ މާޙައުލު އެއްކޮށް ބަދަލުވެފައި ވާކަހަލައެވެ. އެނދުގައި ވެސް އޮތީ ކަޅުކުލައިގެ ސިލްކުގެ ތަންމައްޗެކެވެ. ރަތްކުލައިގެ ރޭނދާ އެޅި ކުދިކުދި ބާލީސްތައް ޖައްސާލެވިފައި ހުއްޓެވެ. ކޮންމެ އިރަކުވެސް ދާރިއަން ކޮޓަރިއަށް ވަދެދާނޭކަން ވިސްނި ފާޚާނާއަށް ހޭޒަލް ވަނެވެ.
ކޮޓަރީގެ ދޮރުހުޅުވާލުމާއެކު ދާރިއަންއަށް އިރުކޮޅަކު މަޑުކޮށްލެވުނެވެ. ފަހަތަށް ބަލާލާފައި ނިކަން އަވަހަށް ކޮޓަރިއަށް ވަދެ ފުރަގަހުން ދޮރު ލައްވާލައިފިއެވެ. އޭނާއަށް ހޭޒަލް ކޮބާތޯ ބަލާލެވުމުގެ ކުރީން ކޮޓަރިއަށް ނަޒަރު ހިންގާލެވުނެވެ. ހިނިތުންވާން ހަނދާންނެތޭވަރަށް އޭނާ އަޖައިބުވިއެވެ. ކޮޓަރިތެރެއިން އޭނާއަށް ލިބުނު މެސެޖު ދާރިއަންއަށް ޔަގީނެއްނުކުރެވުނެވެ.
"ހޭޒަލް!" ދާރިއަން ގޮވާލީ މަޑުންނެވެ. ފެންނަ ހިސާބުގައި އަނބިމީހާ ނެތުމުން ފާޚާނާއަށް ދާރިއަންގެ ނަޒަރު ދަތުރުކޮށްލިއެވެ. އަނެއްކާ ވެސް ހޭޒަލްއަށް ގޮވާލިއެވެ. އެހިނދު ފާޚާނާގެ ދޮރު ހުޅުވުނުތަން ފެނިއްޖެއެވެ.
ފާޚާނާއާއިން ނުކުތް ހޭޒަލްއަށް ނަޒަރު ހުއްޓުނު ގޮތަށް ދާރިއަން ހުރިހާކަމެއްގެ މަތިން ހަނދާންނެތުނު ކަހަލައެވެ. ފުންނޭވާއެއް ދާރިއަން ދޫކޮށްލުމުން ހޭޒަލް އިތުރަށް ޖެހިލުންވިއެވެ. އެހެންނަމަވެސް އޭނާ މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅާލިއެވެ. ނިދާ ހެދުމުގެ މަތިން ލައިގެން ހުރި ރޯބް މަޑުމަޑުން ދުރުކޮށްލިއެވެ. އެހިނދު ވިދުވަރެއް ފަދައިން ދާރިއަން އައިސް ހުރީ ހޭޒަލްގެ ކުރިމަތީގައެވެ. އޭނާގެ އަތުގައި ހިފަހައްޓާލީ ހޭޒަލްގެ ހަރަކާތްތައް ހުއްޓުވުމަށެވެ. މިފަހަރު ހައިރާންކަމެއް ލިބުނީ ހޭޒަލްއަށެވެ.
"ޒެލް... އާ ޔޫ ޝުއާ" ދާރިއަން އަހާލިއެވެ. ދާރިއަންއަށް ބަލަން ހުރެ ހޭޒަލް ބޯޖަހާލިއެވެ.
"ޒެލް ފަހުން ޑިސެޕޮއިންޓްވެދާނެތީ އަހަރެން ކަންބޮޑުވޭ... އެކަމަކު... މިރޭ ޒެލްއާ ދުރުގައި ހުރެވިދާނެހެން ހިޔެއްނުވޭ" ހޭޒަލްގެ އަތަށް ދާރިއަންއަށް ބާރުކޮށްލެވުނެވެ. އެހިނދު ދާރިއަންއަށް ބަލަން ހުރި ހޭޒަލްގެ އަނެއްއަތުން ފިރިމީހާގެ މޫނުގައި އަތްލިއެވެ. ހޭޒަލް ބަދަލުކޮށްލި މާނަވީ ހިނިތުންވުން ދާރިއަންއަށް ފުދުނެވެ.
"އައި ލަވް ޔޫ" ދާރިއަން ސިއްރެއް ބުނެލިފަދައެވެ. މަޑުމަޑުން ހޭޒަލް ފަހަތަށް ފިޔަވަޅު އަޅާލިއެވެ. ހަށިގަނޑުން ސޮހިގެން ތިރިއަށް ވެއްޓުނު ރޮބް ހޭޒަލްގެ ފައިކައިރީ އޮތެވެ. ދާރިއަން ހިނިތުންވެލިއެވެ. އޭނާއަށް ފެންނަ މަންޒަރާމެދު ގަޔާވާކަން ހާމަކޮށްލުމުން ހޭޒަލް ލަދުގަތެވެ. ނިކަން އަވަހަށް ހޭޒަލްގެ އަތުގައި ހިފާ ދަމާލުމާއެކު ގާތަށް ގެނެސް ދާރިއަންގެ މޭގައި އަނބިމީހާ ލައްކޮށްލައިފިއެވެ. ވިންދު އަވަސްވެފައިވާ ހަށިގަނޑުގެ އަޑު އަނބިމީހާއަށް އިއްވާދިނެވެ. ހޭޒަލްގެ ޖެހިލުންވުން ދާރިއަންގެ ބޮސްދިނުންތަކުން ފިލާ ހިނގައްޖެއެވެ.
ދާރިއަންގެ އަތުތެރޭގައި ހުރެ އޭނާ އަޅާ ކޮންމެ ފިޔަވަޅަކަށް ހޭޒަލް ވެސް ފިޔަވަޅެއް އެޅިއެވެ. މަޑުތަންމަތީގައި ހޭޒަލްއާއެކު ދާރިއަން އޮށޯވެލިއިރު ވެސް އެ ދެމެދުގައި ވަނީ ގާތްކަމެވެ. ސައިޑްކަބަޑުމަތީގައި ހުރި ފިނިފެންމާ ފެނި ދާރިއަން ހީނލިއެވެ. އެތަނުން މަލެއްނަގައި ހޭޒަލްއާ ސަމާސާކޮށްލިއެވެ. އަނތްބެއްގެ ފަރާތުން ދާރިއަންއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމާއި އުފާވެރިކަން ހޭޒަލް މިރޭ ދީފިއެވެ. ހަމައެއާއެކު ދާރިއަންގެ ކެތްތެރިކަމާއި އޯގާތެރިކަން ހޭޒަލް ހިތް ފަތަހަކޮށްފިއެވެ. ވަގުތުތައް ހޭދަވެގެން ދިޔަ ގޮތް ދެމީހުންނަށް ވެސް ނޭނގުނެވެ.
އެނދުގެ ތަންމަތީގައި ދާރިއަންގެ އަތުގެތެރޭ ހޭޒަލްވިއެވެ. ނިދާފައި ނޫނަސް ދެ ލޯ މަރާލައިގެން ދާރިއަން އޮތެވެ. އޭނާގެ ކަރުދޮށާއި މޭމައްޗަށް ހޭޒަލްގެ ނޭވާ އިޙްސާސް ކުރެވެއެވެ.
"ތެންކިއު..." ދާރިއަން މަޑުމަޑުން ބުނެލިއެވެ.
"އައި ތިންކް އައި ލަވް ޔޫ" ހޭޒަލް ވައިއަޑުން ބުނެލިއެވެ. ދާރިއަންއަށް ހިނިތުންވެވުނެވެ.
"އަހަރެން އެބަ އަންނަން، އެކަމަކު ޒެލް ނުތެދުވައްޗޭ... އަހަރެން އެނދަށް އަރަންދެން ތިއޮތްގޮތަށް އޮންނަންވާނެ" ދާރިއަން ދުރަށް ޖެހިލަމުން ބުނެލިއެވެ. ގައިމަތީ އޮތް ރަޖާގައި ހިފަހައްޓާލަމުން ހޭޒަލް ބަލާލީ ހައިރާންވެއެވެ. އެހެންވިޔަސް ދާރިއަން ދެވަނަ ފަހަރަށް އެދުނީތީ ހޭޒަލް އެއްބަސްވިއެވެ.
ފާޚާނާއަށް ވަދެފައި ދާރިއަން ނުކުމެ ނަމާދުކުރާ ބަޔަށް ވަދެއްޖެއެވެ. ހޭޒަލް އެނދުންގެން އައިސް ބޯ ދީ ސިއްރުން ބަލާލިއެވެ. އޭނާ ދެ ރަކުއަތުގެ ނަމާދެއް ކޮށް ދުއަތްނަގައި ޙަމްދުކުރިތަން ފެނުނެވެ. ހޭޒަލް އަވަހަށް އައިސް އެނދަށް އެރިއެވެ.
"އަދި ނަމާދުކުރާ ވަގުތެއް ނުޖެހެއްނު" ހޭޒަލް އަހާލީ ދާރިއަން އެނބުރި އައިސް އެނދަށް އެރުމުންނެވެ.
"ﷲއަށް ޝުކުރުކުރީ... އަހަރެން ހޭޒަލްއަށް ބޭނުންވާވަރު މޮޅަށް އެނގޭނޭ ފަރާތަކީ އެއީ، އަދި ތި ހިތުގައި އަހަންނަށް ލޯބިލެއްވުމަށް އެދި ދެންނެވީ އެކަލާނގެއަށް" ދާރިއަން މިހެންބުނުމާއެކު ހޭޒަލް އެ މޫނުގައި ބޮސްދީފިއެވެ.
"އަހަންނަށް މިރޭ ނިދޭނޭހެން ހިޔެއްނުވޭ" ހީނގަންނަމުން އަނބިމީހާގެ ގައިގާ ދާރިއަން ބައްދާލިއެވެ.
"ދެން ޑޯންޓް ސްލީޕް" ހޭޒަލްގެ އަޑުގައިވި މަސްތުކުރުވަނިވި އަސަރުން ދާރިއަންގެ ނުފެންނަ ފަރާތެއް ފާޅުވިއެވެ.
"އަންހެނެއްގެ ބީހުމަށް އަހަރެން މިހާ ބަލިކަށިވެދާނޭ ހީނުކުރަން... ޒެއްލު ނުގެއްލެއްޗޭ އަހަންނަށް" ދާރިއަން ބުނެލިއެވެ.
ދާރިއަންގެ ފުށުން ފެންނަ ހުރިހާ ސިފައަކަށް ހޭޒަލްގެ ހިތް ލެނބެމުންދިޔައެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން އޭނާއަށް ދާރިއަން އިޙްސާސް ކޮށްދީފިއެވެ. ހޭޒަލް ގެއްލިދާނެތީ ދާރިއަން ބިރުގަންނަކަން ހާމަކުރުމުން އޭނާއަކީ ދާރިއަންއަށް ކިހާ މުހިންމުމީހެއްކަން އެނގިއްޖެއެވެ.
"ކިހިނެއް ދާރިއަންދެކެ ލޯބިނުވެ ހުންނާނީ" ދާރިއަންގެ މޭގައި ފިރުމާލުމާއެކު ހޭޒަލް ހިނިތުންވެލިއެވެ.
* * * * *
ނިދިފައި އޮތް ހޭޒަލްއަށް ހޭލެވުނީ ކޯތާފަތުގައި ދާރިއަން ބޮސްދިނުމާއެކު ގޮވާލި އަޑަށެވެ. ހޭލަންވީއޭ ދާރިއަން ބުނެލުމާއެކު ހޭޒަލްއަށް ނަގައިގަނެވުނެވެ. ފިރިމީހާއާ ބަދަލުކޮށްލި ހިނިތުންވުމާއެކު ހޭޒަލް ތެދުވިއެވެ. އަރާމު ތަންމަތި ދޫކޮށްލައި ދާރިއަން ދިއްކޮށްލި އަތުގައި އޭނާ ހިފިއެވެ. ދެމަފިރިން އެކުގައި ފާޚާނާއަށް ވަނެވެ. ދެން ނުކުމެ ދަމު ނަމާދަށް އެރީ ދެމަފިރިން އެކީގައެވެ.
"ޒެލްއާ ވާހަކައެއްދައްކަން ބޭނުން" ނަމާދުން އަވަދިވެ ހޭޒަލްއާ ދިމާއަށް އެނބުރިލައި ދާރިއަން ބުންޏެވެ. ހޭޒަލް ކުރިއަށް ޖެހިލިއެވެ. ހޭޒަލްގެ އަތްތިލަ ނަގައި ދާރިއަންގެ އަތުގެތެރެއަށް ލަމުން އޭނާ ބަލާލިއެވެ. އޭނާގެ ވިސްނުން ހޭޒަލްއާ ޚިއްޞާކުރަން އަދި އަވަސްބާއޭ ހިތަށް އަރާފައެވެ.
(ނުނިމޭ)