ސްރީލަންކާގައި ތިބި ދިވެހިންނަށް އިތުރު 30 ދުވަހު ލަންކާގައި ތިބުމުގެ އިންތިޒާމް އެގައުމުން ހަމަޖައްސައިފި އެވެ
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ރޯގާގެ ސަބަބުން ސްރީލަންކާއަށް އެތެރެވުމަށް އެއްވެސް ބާވަތެއްގެ ވިސާ ދޫކުރުން އެގައުމުން ވަނީ ހުއްޓާލާފަ އެވެ.
ސްރީލަންކާ ސަރުކާރުން ނިންމާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހާއި ހަމަޔަށް އެ ގައުމުގައި އުޅޭ ބިދޭސީންނަށް ލިބިފައިވާ ހުރިހާ ކެޓަގަރީއެއްގެ ވިސާ 30 ދުވަހުގެ މުއްދަތަކަށް އިތުރުކުރުމަށެވެ. އެގޮތުން، ވިސާގެ މުއްދަތު އިތުރު ކޮށްފައިވާ ފަރާތްތައް، އެކަމަށް ދައްކަންޖެހޭ ފީ ދެއްކުމަށާއި ޕާސްޕޯޓްގައި އެކަމާ ގުޅުންހުރި ސްޓޭމްޕް ޖެހުމަށްޓަކައި، އޭޕްރީލް މަހުގެ އަށް ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަންގެ ވިސާ ޑިވިޝަން އަށް ހާޒިރު ވުމަށް ވެސް ލަންކާ ސަރުކާރުން ވަނީ އެދިފަ އެވެ.
މި އިންތިޒާމްގެ ދަށުން ސްރީލަންކާގައި މިވަގުތު ކުރު މުއްދަތުގައި ވިސާ އަދި ރެޒިޑެންޓް ވިސާގައި ތިބި ދިވެހިންނަށްވެސް އެއްވެސް މައްސަލައެއް ނެތި އިތުރު 30 ދުވަހުގެ ވިސާ ހަމަޖެހިގެންދާނެ އެވެ. އަދި ބައިނަލްއަގްވާމީ ފްލައިޓްތައް މެދުކަނޑާލުމާ ގުޅިގެން ދަތުރުކުރުމުގައި ދަތިތައް ދިމާވި ފަރާތްތަކަށް ކުރިމަތި ވިސާގެ މައްސަލަތަކަށްވެސް ވަނީ ހައްލު ލިބިގެން ގޮސްފަ އެވެ.
މީގެ އިތުރުން މިމަހުގެ އެއްވަނަ ދުވަހާއި 15 ވަނަ ދުވަހާ ދެމެދު، އިރާން، ދެކުނު ކޮރެއާ އަދި ޔޫރަޕުގެ އެއްވެސް ގައުމަކުން ސްރީލަންކާއަށް ދަތުރުކުރުމަށްފަހު މިވަގުތު އެގައުމުގައި ތިބި ހުރިހާ ފަރާތްތައް، ވީ އެންމެ އަވަސް ފުރުސަތެއްގައި އެފަރާތާ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަންގައި ނޫނީ 119 ކޯލް ސެންޓަރަށް ގުޅައިގެން ރެޖިސްޓްރީ ވުމަށްވެސް ވަނީ އަންގާފަ އެވެ.