ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކަރަންޓާ، ފެން ބިލުން ބައެއް ސަރުކާރުން ދައްކައިދެނީ

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް19 ގެ ވަބާއާ ގުޅިގެން ދިވެހި ރައްޔިތުނަށް ދިމާވެދާނެ ދަތިތަކަށް ހައްލު ހޯދާދިނުމަށް ކަރަންޓް އަދި ފެން ބިލުން ބައެއް ސަރުކާރުން ދައްކައިދިނުމަށް ނިންމައިފި އެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ މިއަދު ސަރުކާރުން ތައާރަފްކޮށްފައިވާ އިކޮނޮމިކް ޕެކޭޖްގެ މައުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.

ސަރުކާރުގެ މި ނިންމުން ހާމަކުރައްވާ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު އަންނަ އެޕްރީލް އަދި މެއި މަހު ކަރަންޓާ ފެން ބިލުން ބައެއް ސަރުކާރުން ދައްކައިިދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓް ސަބްސިޑައިޒް ކޮށްދިނުމަށް ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދެ މަހު، އޭޕްރީލްމަހާ މެއި މަހުގެ ކަރަންޓް ބިލުން 40 ޕަސެންޓް އަޅުގަނޑުމެން ސަބްސިޑައިޒް ކޮށްދޭނަން. އަދި ފެން ބިލް، އޭޕްރީލް އަދި މެއި މަހު 30 ޕަސެންޓް އަޅުގަނޑުމެން ސަބްސިޑައިޒް ކޮށްދޭނަން." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ފިނޭސް މިނިސްޓަރާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި ގަވަރުނަރު އަލީ ހާޝިމް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ މި ބައްދަލްވުމުގައި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއް ތައާރްފްކޮށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.