ކޮވިޑް 19ގެ ކުރިން ދިވެހިރާއްޖޭގެ އިގުތިސާދު އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއުލާންކުރައްވައިފި އެވެ.
އަމީރު މިކަން އިއުލާންކުރައްވާފައި މިވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ސްޓާފް ވިޒިޓަށްފަހު ނެރުނު ބަޔާނުގައި ރާއްޖޭގެ އިގުތިސާދު ބާރަށް ކުރިއަރަމުންދާ ކަމަށް ބުނެފައި ވަނިކޮށެވެ.
އަމީރު މިއަދު ވިދާޅުވީ ކޮވިޑް 19ގެ ކުރިން ރާއްޖޭގެ އިގުތިސާދު އޮތް ހިސާބަށް އަނބުރާ ގެނެވުނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ނަތީޖާ ރަނގަޅުވުމުން ކަމަށެވެ.
"ދިވެހި އިގުތިސާދު މިވަނީ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި. 2022 ވަނަ އަހަރަށް އަޅުގަނޑުމެން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައި. މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިގްތިސާދީ މިދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވަނީ ސިޔާސީ މަންފާއެއް ހޯއްދެވުމުގެ ބޭނުމުގައި ނޫން ކަމަށެވެ. ރައީސް ސޯލިހް އަބަދުވެސް އިސްކުރައްވަނީ ގައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ ކަމުގައިވެސް ވިދާޅުވި އެވެ.
އަމީރު އިތުރަށް ވިދާޅުވީ ކައިރި ގައުމުތަކުން ފެނިގެންދާ ހަގީގަތަކީ ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި, އިގްތިސާދީ ސިޔާސަތުތައް "ކޮމްޕްރޮމައިޒް"ވުމުން އޭގެ ބޮޑު ގެއްލުމާއި ދެރަ ވަރަށް ހިތިކޮށް އުފުލާ މަންޒަރު ކަމަށެވެ.
ކޮވިޑް 19ގެ ކުރިން ރާއްޖޭގެ އިގްތިސާދު ހުރި ހިސާބަށް މިއަހަރުގެ ތެރޭގައި އަނބުރާ ރުޖޫއަވާނެ ކަމަށް ސަރުކާރުން ކުރިންވެސް ލަފާކޮށްފައިވެ އެެވެ. ކޮވިޑަށްފަހު ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން ދަނީ ކުރިން ލަފާކުރި ވަރަށް ވުރެ ހަލުވިކޮށް ކަމަށް ދުނިޔޭގެ މާލީ ބައެއް އިދާރާތަކުން ވެސް މީގެކުރިން ބުނެފައިވެ އެވެ. ނަމަވެސް ދަރަނި ކުޑަކުރަން ފިޔަވަޅުތައް އެޅުމަށް މާލީ އިދާރާތަކުން ދަނީ ކެނޑިނޭޅި ސަރުކާރަށް އިލްތިމާސް ކުރަމުންނެވެ.