ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހޮޓެލް ރިއުގެ ބިދޭސީގެ ނަތީޖާ ވެސް ނެގެޓިވް

Mar 19, 2020

ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ހޮޓެލް ރިއު އެޓޯލުން ނެގި ބިދޭސީއެއްގެ ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އެހެންވެ، އެ ރިސޯޓު ވަނީ މޮނިޓަރިންގްގެ ހާލަތުން ނަގާފަ އެވެ.

މިއަދު ވަނީ އިތުރު އެހެން ގިނަ ސާމްޕަލްތަކެއް ވެސް ނެގެޓިވްވެފަ އެވެ. ސައުތު ކޮރެއާއިން އައި ފަހުން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން އެކަހެރިކޮށް ޓެސްޓްކުރި މީހާ ވެސް ނެގެޓިވް އެވެ.

މީގެއިތުރުން އައްޑޫ ސިޓީ، ހިތަދޫގައި އެކަހެރިކުރި ކުޑަ ކުއްޖާ އާއި ރ. ފައިނު، ޅ. ހިންނަވަރު، އަދި މާލޭގައި އެކަހެރިކުރި މީހުންގެ ނަތީޖާ ވެސް ނެގެޓިވްވެފައިވާ ކަމަށް ސަރުކާރުން މިއަދު ހާމަކުރި އެވެ. މީގެތެރެއިން ހިތަދޫއިން އެކަހެރި ކުއްޖާއަކީ އިންޑިއާއިން އެނބުރި އައި ކުއްޖެކެވެ. އެ ކުއްޖާ ޓެސްޓްކުރީ ރޮގާ ހުރުމުންނެވެ. ދެން ތިބި މީހުންނަކީ ވެސް ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އައިއިރު ހުމުގެ އަސަރު ހުރުމުން ޓެސްޓްކުރި މީހުންނެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ގޭގައި މަޑު ކުރުމަށް އަންގާފަ އެވެ.

މިހާރު ސަރުކާރުން އަމަލު ކުރަމުންދާ އުސޫލަކީ ކިރިޔާ ވެސް ޝައްކެއްވާނަމަ އެމީހެއްގެ ސާމްޕަލް ނެގުމެވެ. އެގޮތުގެ މަތިން ގިނަ ބައެއްގެ ސާމްޕަލްތައް ދަނީ ނަގަމުންނެވެ. މިހާތަނަށް 517 ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބި އޮތީ 15 ސާމްޕަލެއްގެ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.