ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޔޮޓްތަކާއި ސަފާރީތައް ރާއްޖެ އައުން މަނާކޮށްފި

Mar 19, 2020

އެހެން ގައުމުތަކުން ފުރައިގެން ރާއްޖެއަށް ޔޮޓްތަކާއި ސަފާރީތައް އައުމާއި ރަށްރަށުގައި ބަނދަރު ކުރުން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން މަނާކޮށްފި އެވެ. މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އެޅުއްވި ފިޔަވަޅެކެވެ.

އެޗްޕީއޭ އިން ބުނީ، ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގެ ދަށުން އެ އެޖެންސީއަށް ލިބިދޭ ބާރުގެ ދަށުން މިރޭ ދަންވަރު 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަން ދެން ޔޮޓްތަކާއި ސަފާރީތައް ރާއްޖެ އައުން މަނާވާނެ ކަމަށެވެ.

ރާއްޖޭގައި އޮތް ސަފާރީއެއްގައި ތިބި ދެ މީހެއް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އަދި ޔޮޓެއްގައި ހުރި މީހެއްގެ ފަރާތުން އަލާމާތްތައް ފެނުނެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގެޓިވް އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓޫރިސްޓުންނާއި ބިދޭސީންތަކެއްގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ.

އެހެންކަމުން ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭން ބޭރުން އަންނަ ހުރިހާ ދިވެހިން ގެންދަނީ އެކަހަރިކޮށް ވައިރަސްއަށް ޓެސްޓް ކުރަމުންނެވެ.

ކޮވިޑް-19 ވައިރަސް ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި، ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ސަރުކާރުން ގެންދަނީ ރައްކާތެރި ކަމުގެ ބޮޑެތި ފިޔަވަޅު އަޅަމުންނެވެ. މި ގޮތުން މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރިއިރު، ސްކޫލްތަކުގެ އިތުރުން މާލެ ސަރަހައްދުގައި އާންމުކޮށް އެއްވެ އުޅޭ ޕާކްތަކާއި މައިޒާންތަކާއި ބައެއް ތަންތަން ވަނީ ބަންދުކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ވެސް ހުއްޓާލާފައިވެ އެވެ.