ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

14 ދުވަސް ހަމަވުމުން ކުރެއްދޫގައި ތިބި 32 މީހަކު ދޫކޮށްލައިފި

Mar 20, 2020

ކުރެއްދޫ އައިލެންޑް ރިސޯޓުގައި އެކަހެރިކޮށްފައި ތިބި މީހުންގެ ތެރެއިން، 32 މީހެއްގެ ކިބައިން ކޮވިޑް-19ގެ އަލާމާތެއް ފެނިފައިނުވުމުން، އެ މީހުން ދޫކޮށްލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނި ގޮތުގައި، ކުރެއްދޫގައި އެކަހެރިކޮށްފައި ތިބި 32 މީހަކު، 14 ދުވަހުގެ ކަރަންޓީނު ފުރިހަވުމުން، އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

ކުރެއްދޫ ރިސޯޓަށް ކޮރޯނާ ވައިރަސް ފެތުރުނީ އެ ރަށުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ ޓޫރިސްޓުގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ފެތުރިފައިވެ އެވެ. އެއީ ރާއްޖޭގައި އެ ވައިރަހަށް ޕޮޒިޓިވްވި މީހަކު ފެނުނު ފުރަތަމަ ފަހަރެވެ.

އޭގެ ފަހުން އެ ރިސޯޓުގައި ތިބި އިތުރު ތިން ބިދޭސީއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުނު ނަމަވެސް، އެ އިޓަލީ މީހާއަށް ފުރުނު މައްސަލަ ފުލުހުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އެގޮތުން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، އެ އިޓަލީ މީހާގެ ފަރާތުން އެ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރިކަން، އޭނާ ބެލި އެ ރިސޯޓުގެ ޑޮކްޓަރުގެ އިތުރުން ރިސޯޓުގެ އިސް މުވައްޒަފުންގެ މެދުގައި މަޝްވަރާ ކުރެވުނު ނަމަވެސް، އެކަން ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް، އެކަމުގައި ރިސޯޓުގެ ސީދާ އިހުމާލެއްވޭތޯ ޔަގީންކަމާއެކު ބުނެވޭނީ. ތަހުގީގު ނިމުމުންކަމަށް ފުލުހުން އިއްޔެ ބުނެފައިވެ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ބިދޭސީންނާއި ޓޫރިސްޓުންތަކެއްގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ.