ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19، ރާއްޖޭގެ ފިޔަވަޅުތައް ރަނގަޅު: ޗައިނާ ސަފީރު

ޗައިނާއިން އުފަންވެ ފެތުރެންފެށި ކޮވިޑް19 ވައިރަހުން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާމެދު ހިތްހަމަޖެހޭ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަފީރު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 ވައިރަހުން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން އަޅާފައިވަނީ އުނދަގޫ ފިޔަވަޅުތަކެއް ކަމަށެވެ. ނަމަވެސް އެ ފިޔަވަޅުތަކާމެދު ހިތްހަމަޖެހޭ ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވަނީ ކޮވިޑް19 ވައިރަހުން ރައްކާތެރިވުމަށް ޗައިނާއިން އެޅި ފިޔަވަޅުތައްވެސް ފާހަގަކުރައްވާފައެވެ. އަދި އެއީ ގަދަ ހިތްވަރާއެކު އެޅި ފިޔަވަޅުތަކެއްކަން ފާހަގަކުރައްވާ އެ ފިޔަވަޅުތަކުން ނަތީޖާ ނެރެވުނުކަން ދުނިޔެއަށް ހާމަވެފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވަނީ ޗައިނާ އޮތީ ރާއްޖެއިން ކުރާ މަސައްކަތަށް އެހީތެރިވެދިނުމުގައި ކަމަށްވެސް ވިދާޅުވެފައެވެ.

މިދިޔަ ޑިސެންބަރު މަހު ޗައިނާގައި ފެތުރެން ފެށި ކޮވިޑް19 ވައިރަސް ކޮންޓްރޯލްނުވެ މުޅި ދުނިޔެއަށް އެ ވައިރަސްގެ އަސަރު މިހާރު ވަނީ ފެތުރިފައެވެ. އެ ވައިރަސްގެ އަސަރު ކުރި މީހުންގެ އަދަދު ދެ ލައްކަ ފަހަނައަޅާ ގޮސްފައިވާއިރު އެ ބަލީގައި މިހާތަނަށް ދިހަ ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް19 އާ ގުޅިގެން ޗައިނާއިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ފިޔަވަޅުތަކާއި ގުޅިގެން މިއަދު ޗައިނާ ވެފައިވަނީ ކޮވިޑް19 ކޮންޓްރޯލް ކުރެވުނު ފުރަތަމަ ގައުމުގެ ގޮތުގައެވެ. ޗައިނާގެ ފިޔަވަޅުތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހުން ހިމެނެ އެވެ. ކޮވިޑް-19ގެ އާ ކޭސްއެއް ރާއްޖެއިން ނުފެންނަތާ މިހާރު ވަނީ ހަތަރު ދުވަސްވެފަ އެވެ.