ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަންދާޒާކުރި ވަރަށް ކޮވިޑް-19 ރާއްޖޭގައި ނުފެތުރޭ: މިނިސްޓަރު

Mar 20, 2020
6

ރާއްޖޭގެ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ފެތުރޭނެ ކަމަށް ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ އެ ވައިރަސް ފެތުރެމުން ނުދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާ ވައިރަހުން ރާއްޖެ ސަލާމަތް ވެވޭނެ ކަމަށް ކުރާ އުންމީދު ކަނޑަ ނުލާ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ސަރުކާރުން ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއް ގޮތުން ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރޭނެ ކަމަށް ކުރިން ލަފާ ކުރި މިންވަރު ވަރަށް ބޮޑަށް މަޑުވެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

"ރާއްޖެ މިކަމުން ސަލާމަތް ކުރުމަށްޓަކައި މިކަމަށް އޮތް އުންމީދު އަދިވެސް ކަނޑައެއް ނުލަން މިދިޔަ 14 ދުވަހުގެ ތެރޭގައި ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ފެތުރުމުގެ ނިސްބަތް އިރާދަކުރެއްވިއްޔާ ކުރިން އަންދާޒާ ކުރި ވަރަށް ވުރެ މަޑުންދާ ކަމަށް ގަބޫލު ކުރަން," އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މިހާރު އަޅަމުންދާ އެންމެ މުހިންމު ފިޔަވަޅީ މީހުން ތަންތަނަށް އެއްވެ އުޅުން މަދު ކުރުން ކަމަށެވެ. މި ދުވަސްވަރަކީ ދިރިއުޅުމުގައި ކަންކަމަށް ހުރި އުނދަގޫ ދަނޑިވަޅެއް ކަމަށާއި އާންމު ހާލަތަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށް އަމީން ވިދާޅުވި އެވެ. އެހެން ނަމަވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިވަގުތު އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރުން މުހިންމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކެއިންބުއިމުގެ ކަންތަކާއި ސައި ހޮޓާތަކުގެ ކަންތައްތަކާއި އެއްރަށުން އަނެއް ރަށަށް ދިޔުމާއި މާލެ ތެރޭގެ ހަރަކާތްތެރިވުމާއި ރަށްރަށުގައި ވެސް އެއްތަނުން އަނެއް ތަނަށް ދިޔުމުގަ ބައެއް ކަހަލަ ރެސްޓްރިކްޝަންތަކެއް މިހާރު އެޅިފަ ވަނީ، މީގެ ބޭނުމަކަށް ވަނީ އަޅުގަނޑުމެން އެންމެން މިކަމުން ސަލާމަތްވުން، އެހެންވީމަ މިކަންކަމަށް ރައްޔިތުން ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް،" އަމީން ވިދާޅުވި އެވެ.

ރާއްޖޭގައި ކޮރޮނާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓަށް ބަލި ފެތުރި ފަސް މީހަކަށް ބަލި ޖެހުނެވެ. ކުރެއްދޫ ރިސޯޓަށް ކޮވިޑް-19 ފެތުރުނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ފަސް ދުވަސް ވަނީ ވެފަ އެވެ.

ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.