ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19ގެ ކާމިޔާބީ: ޑޮކްޓަރުންނަށް ތަފާތު ތަޖުރިބާއެއް!

މުޅި ދުނިޔެއާ އެއްގޮތަށް ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްގެ ބިރުވެރިކަމުގެ ތެރެއިން މިއަދު މިވަނީ ކުޑަ ނަމަވެސް އުންމީދީ އަދި އުފާވެރި ހަބަރެއް ލިބިފަ އެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ހާލު ދެރަ މީހާ ހިމެނޭ ގޮތަށް ދެ މީހަކު ވަނީ އެ ބައްޔަށް ނެގެޓިވްވެފަ އެވެ. މިހާތަނަށް ދުނިޔޭގައި ފަރުވާއެއް ހޯދިފައި ނުވާ މި ބަލި ޖެހިފައި ތިބި މީހުންނަށް އައިޖީއެމްއެޗް އިން ފަރުވާ ކުރަމުން ދިޔަ ގޮތާ ލިބުނު ތަޖުރިބާ އެ ހޮސްޕިޓަލްގެ ޑޮކްޓަރު މޫސަ ހުސެއިން ވަނީ ހިއްސާ ކުރައްވައިފަ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު މި މަހު 10 ގައި އައިޖީއެމްއެޗްއަށް ބަދަލު ކުރިއިރު އޭނާގެ ހާލު ހުރީ ވަރަށް ދަށްކޮށެވެ. ނޭވާލާ ނިޒާމަށް ޖެހޭ އާދައިގެ ނިއުމޯނިއާ ބަލީގައި ފުއްޕާމޭގެ އެއް ފަރާތަކަށް އިންފެކްޝަންތައް ޖެހުން ނަމަވެސް ކޮވިޑް-19 ޖެހިފައި ހުރި މީހެއްގެ ދެ ފަރާތަކާއި މައްޗާއި ތިރި އަދި މެދުގައި ވެސް އެ އިންފެކްޝަންތައް އުފެދިފައި ހުރި ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ.

އޭގެ އިތުރުން އައިޖީއެމްއެޗްއަށް ގެނައީ އުމުރުން 70 އަހަރުގެ ދުވަސްވީ މީހަކަށްވުމުން ކޮވިޑް-19 އެ މީހާގެ ހާލަތު ވަރަށް ބޮޑަށް ދަށްކޮށްލާނެ ކަމަށް ބެލެވުނެވެ. އަދި ވަރަށް ސީރިޔަސް ކޭސްއެއް ގޮތުގައި ފަރުވާ ދިނުމުގެ ކަންކަން ކުރަމުން ދިޔަ ކަަމަށް ޑރ. މޫސަ ވިދާޅުވި އެވެ.

ފަރުވާ ދިނުމުގެ ހުރިހާ ކަމެއް ވެގެން ދިޔައީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ. އެހެން ބަލި ޖެހޭ މީހެއް ކައިރިޔަށް ގޮސް އާދައިގެ މަތިން މޮނިޓާކޮށް ބަލަން ޖެހޭ ކަންކަން ބަލާ ހެދުން ފަދަ ކަންކަން ކޮވިޑް-19 ގައި ކުރަން ޖެހުނީ ވަރަށް ތަފާތުކޮށް އަދި ފަރުވާ ތެރިކަމާއެކުގަ އެވެ. އެހެން ނަމަވެސް 24 ގަޑިއިރު އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބެން ޑޮކްޓަރުންނާއި ނަރުހުން އެ ބައްޔާ ކުރިމަތިލެއްވި ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ.

"ތަޖުރިބާ ވަރަށް ތަފާތު، ފުރަތަމަ ވެސް ވަރަށް ބޮޑަށް ތައްޔާރުވެގެން ކައިރިއަށް ދިޔައީ، އެހެން ނިއުމޯނިއާތަކަށް ބަލާފައި ބަލި މީހާ ކައިރިޔަށް ގޮއްސަ ބެލުމާއި މޮނިޓާ ކުރުން އުނދަގޫ، އެކަމަކު ވެސް ބަލަން ޖެހޭ ހުރިހާ ކަމެއް ބަލަމުން މި ދިޔައީ،" ޑރ. މޫސަ ވިދާޅުވި އެވެ.

ފަރުވާ ދެމުން ދިޔަ ފަރަތަމަ ތިން ދުވަހު ބަލި މީހާގެ އޮކްސިޖަން ލެވަލް ވަރަށް ބޮޑަށް ދަށްވެ ހާލަތު ދެރަވަމުން ދިޔަ ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ. ކުރިން ފަރުވާކޮށްފައި ނުވާ ވައިރަސްއަކަށް ވާތީ ކަންކަން ނިންމުމުގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"ފުރަތަމަ ދުވަހު ބަލި މީހާ ކައިރިޔަށް ދިޔަ އިރު އަޅުގަނޑު ހިތައް އެރީ ކިހިނެތްބާއޭ ދެން ވާނީ، ދެން އަޅާނެ ފިޔަވަޅަކީ ކޮބާ ހެއްޔޭ. އޮކްސިޖަން ދަށްވަމުންނޭ މިދަނީ، ވެންޓިލޭޓަރަށް ލީމަ ވާނީ ކިހިނެތްހޭ،" ޑރ. މޫސަ ވިދާޅުވި އެވެ. "އެހެން ނަމަވެސް މަޑު މަޑުން އައިސް މިކަންކަމުން ތަޖުރިބާ ހާސިލް ކުރަމުން ދިޔައީ،"

ފުރަތަމަ ތިން ދުވަހު އޮކްސިޖަން ދަށްވަމުން ގޮސް ހަތަރު ވަނަ ދުވަހު ބޭރަށް ހިންގުން ފަދަ އެހެން ކަންކަން ދިމާވެ ހާލަތު އަނެއްކާ ވެސް އިތުރަށް ގޯސްވަމުން ދިޔަ ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ. އޭރު ދެމުން ގެންދިޔައީ ޗައިނާ އާއި އެހެން ގައުމުތަކުން ރެކަމެންޑު ކުރި ބޭސްތައް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

ފަސް ވަނަ ދުވަހު ބޭހުގެ އަސަރުކޮށް ބަލި މީހާގެ ހާލު ރަނގަޅުވަމުން އަންނަތަން ފެންނަން ފެށި އެވެ. އެގޮތުން ހުން އަންނަ މިންވަރު ދަށްވެ ހާލަތު ރަނގަޅުވަމުން ދިޔަ އެވެ. އަދި ފުރަތަމަ އަލާމަތްތައް ފެނުން ފަހުން 14 ވަނަ ދުވަހަކީ އިއްޔެއަށް ވާތީ ޓެސްޓު ކުރިއިރު ސާމްޕަލް ނެގެޓިވް ކަމަށް ދެއްކި އެވެ. އަދި މިއަދު ދެވަނަ ޓެސްޓު ހެދުމުން ވެސް ދެއްކީ ހަމަ އެ ނަަތީޖާ އެވެ.

"ތިން ދުވަހަށް ވުރެ ގަނައިން ހުން ރަނގަޅުވެފަ ބަލިމީހާގެ ހާލަތު ރަނގަޅުވެފަ އަދި ޓެސްޓު ނެގެޓިވްވެނަމަ ސްޓޭންޑަޑާ އެއްގޮތަށް މި ބަލަނީ ބަލި ރަނގަޅުވީ ކަމަށް،" ޑރ. މޫސަ ވިދާޅުވި އެވެ. "މިއީ އަޅުގަނޑުމެންނަށް މި ދިމާވި އެންމެ ބަލި ހާލުގައި ތިބި ބަލި މީހާ މިވަނީ ކިއޯ ކުރެވިފައި،"

ޑރ. މޫސަ ވިދާޅުވި ގޮތުގައި އެ ބައްޔަކީ މުޅިން އާއެއްޗަކަށް ވުމާއި އޭނާއާއެކު މަސައްކަތް އަދި އެކީ ކިޔަވާފަ ތިބި އިންޑިޔާގެ ޑޮކްޓަރުންނަށް ވެސް މުޅިން އާ އެއްޗެކެވެ. އެހެންވެ ރާއްޖޭގައި ކުރި ތަޖުރިބާ އަކީ މުޅިން އާ ތަފާތު ތަޖުރިބާއެކެވެ. އެ ވާހަކަތާކާއި ފަރުވާ ކުރަން ކުރި މަސައްކަތާއި ދިމާވި ކަންކަން ބޭރުގެ އެހެން ޑޮކްޓަރުންނާ ހިއްސާ ކުރަމުން އަންނަ ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ.

"މިކަމުގައި އުޅުނު ޑޮކްޓާރުންނާއި ނަރުހުންނާއި މިކަމުގައި އުޅުނު އެންމެންގެ ވަރަށް ބުރަ މަސައްކަތުން މިކަން ކާމިޔާބުވީ ވަރަށް ހިތްވަރާއެކު ބިރެއް ނެތި 24 ގަޑިއިރު އައިޖީއެމްއެޗް އައިސީޔޫގައި ހަމަ މި މީހުންނަށް ފަރުވާ ކުރަމުން މިހާރުވެސް އެބަދޭ ނަރުހުންނާއި ޑޮކްޓަރުންނާ. އެހެންވެ އެ ބޭފުޅުންގެ ވެސް މަސައްކަތް މިއީ އަޅުގަނޑުމެންގެ އެކަނި މަސައްކަތެއް ނޫން މިއީ އެންމެންގެ ވެސް މަސައްކަތް،" ޑރ. މޫސަ ވިދާޅުވި އެވެ.