ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މުޖުތަމައުގެ ތެރެއިން ޑޮކްޓަރަކާއި ނަރުހަކަށް ބަލި ޖެހިފައިވޭ: އައިޖީއެމްއެޗް

May 9, 2020

ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ސްޓާފުންގެ ތެރެއިން މިހާތަނަށް ޑޮކްޓަރަކަށާއި ނަރުހަކަށް ކޮވިޑް-19 ޖެހިފައިވީ ނަމަވެސް، އެ ދެ މީހުނަށް ބަލި ޖެހިފައި ވަނީ މުޖުތަމައުގެ ތެރެއިން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެންއީއޯސީގައި އައިޖީއެމްއެޗް އާއި ޓްރީޓޮޕް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ މުޖުތަމައުގެ ތެރެއިން ޑޮކްޓަރާއި ނަރުހެއް ޕޮޒިޓިވް ވެފައިވާ ކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ.

ނަމަވެސް، އެކި ކޭސްތަކާއި ގުޅިގެން އައިޖީއެމްއެޗުގެ ސްޓާފުން މިހާރުވެސް ކަރަންޓީނު ކުރެވިފައިވާކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ. އެގޮތުން، އައްޑޫ ސިޓީން އިއްޔެ އައިޖީއެމްއެޗަށް ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، 16 ނަރުހެއް މިހާތަނަށް އެކަހެރިކުރަން ޖެހިފައިވާކަމަށް އޭނާ ހާމަކުރެއްވި އެވެ.

"ވަރަށް ބޮޑު ނުތަނަސްކަމެއް އެބަ އޮތް އެއް ވޯޑަކުން 16 ނަރުހުން އެކަހެރިކުރަން ޖެހުމުން. މިކަހަލަ ދަނޑިވަޅެއްގައި އަނެއްކާވެސް އަޅުގަނޑުމެން މިޖެހެނީ މެކޭނިޒަމްތައް ބަދަލުކޮށްގެން އެތަން ފޫބައްދަން،" ޑރ. ނަޒީމް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި އެޑްމިޓުކުރި މާބަނޑު މީހަކަށް ބަލިޖެހުނީ ހޮސްޕިޓަލުންކަމަށް ކުރެވޭ ތުހުމަތުތަކަށް ޑރ. ނަޒީމް މިއަދު ވަނީ ރައްދު ދެއްވައިފަ އެވެ. އެގޮތުން، ޑރ، ނަޒީމް ވިދާޅުވީ އެ އަންހެންމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓުކުރިތާ ތިން ދުވަސް ފަހުން ކަމަށްވާއިރު، ބަލި ޖެހުނީ އައިޖީއެމްއެޗުންކަމަށް ނުބެލެވޭ ކަމަށެވެ.

"ނަމަވެސް، އެކަން ބައްލަވާނީ އެޗްޕީއޭ އިން. އެހެންވީމާ އެ މީހާއަށް ބަލި ޖެހުނީ ހޮސްޕިޓަލުންތޯ ނުވަތަ ނޫންތޯ ނިންމަވާނީ އެޗްޕީއޭ އިން،" ޑރ. ނަޒީމް ވިދާޅުވި އެވެ.

މުޖުތަމައުގެ ތެރޭގައި އެ ބަލި މިހާރު ވަރަށް ބޮޑަށް ފެތުރިފައިވާއިރު، އެހެން ސިއްހީ ކަމެއްގައި ހޮސްޕިޓަލަށް އަންނަ މީހަކީ ކޮވިޑް-19 ޖެހިފައިވާ މީހެއް ކަމުގައި ބަލައިގެން، ހުރިހާ އެންމެނަށްވެސް މިހާރު ފަރުވާދެނީ ޕީޕީއީ ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުކަމަށް ޑރ. ނަޒީމް މިއަދު ވެސް ވަނީ ޔަގީންކަން ދެއްވައިފަ އެވެ.