ސަލްމާން ހާން

ގޭގައި ކަރަންޓީނުވެ ސަލްމާން ކުރަހަނީ

ކޮރޯނާވައިރަސް ފެތުރޭތީ ބޮލީވުޑް ވެސް މިހާރު އޮތީ މުޅިން ހުއްޓިފަ އެވެ. އެހެންވެ ފިލްމީ ތަރިން އަމިއްލައަށް އެމީހުންގެ ގޭގޭގައި މިހާރު ތިބީ ކަރަންޓީނު ވެގެންނެވެ. އެހެން ތިބޭއިރު ޖިމަށް ދާން އާދަވެފައި ތިބޭ މީހުން ގޭގައި ކަސްރަތުކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވެއެވެ.

އެގޮތުން ކެޓުރީނާ ކައިފް އާއި ޝާހިދު ކަޕޫރު ފަދަ ތަރިން ގޭގައި ކަސްރަތުކުރާ މަންޒަރުތައް އެމީހުން ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. ސަލްމާން ޚާންގެ ހޮބީ އަކީ ކުރެހުން ކަމަށް ވާތީ ގޭގައި ހޭދަކުރާ ދުވަސްތަކުގައި އޭނާ ދަނީ ވަރަށް ރީތި ޕޯޓްރެއިޓެއް ކުރަހަމުންނެވެ. ކުރަހާ މަންޒަރުތައް ސަލްމާން ދަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ބެލުންތެރިންނާ ހިއްސާ ކުރަމުންނެވެ.

އެންމެ ފަހުން ސަލްމާން ޝޫޓްކުރީ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" އެވެ. ނަމަވެސް ކޮވިޑް-19 ފެތުރޭތީ ޝޫޓިންގްތައް ހުއްޓާލަން ޖެހުމުން އޭނާ އަމިއްލައަށް ގޭގައި ކުރެހުމުގެ މަސައްކަތްތައް ފެށީ އެވެ. އެގޮތުން ސަލްމާން މިހާރު ކުރަހަމުންދަނީ ކަޅާ ހުދުގެ ވަރަށް ރީތި ތަސްވީރެކެވެ.

ސަލްމާނަކީ ކުރިން ވެސް ލިބޭ ހުސް ވަގުތުގައި ކުރެހުމުގެ މަސައްކަތް ކުރާ އެކްޓަރެކެވެ. އެގޮތުން ވަރަށް ގިނަ ފިލްމީ ތަރިންގެ ސޫރަ ވެސް އޭނާ އަތުން ކުރަހައި އެމީހުންނަށް ހަދިޔާ ކޮށްފައި ވެއެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމް "ދަބަންގް 3" އަށް ބޮކްސް އޮފީހުގައި މާ އެދެވޭ ނަތީޖާއެއް ނުދެއްކުނެވެ. ޕްރަބޫދޭވާ ޑައިރެކްޓްކުރި މި ފިލްމުގައި ސަލްމާނާއެކު ބައިވެރިވީ ސޮނާކްޝީ ސިންހާ އާއި ސާއި މަންޖްރޭކަރް އެވެ.

އޭނާ މިވަގުތު ދެ ފިލްމެއްގެ މަސައްކަތް ފަށާފައި ވެއެވެ. ދިޝާ ޕަޓްނީ އާއެކު ކުޅޭ "ރާދޭ" އާއި ޕޫޖާ ހެގްޅޭ އާއެކު ކުޅޭ "ކަބީ އީދު ކަބީ ދިވާލީ" އެވެ.

މިހާރު އިއުލާން ކޮށްފައިވާ ގޮތުން "ރާދޭ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ ފިތުރު އީދު ދުވަހު އެވެ. ނަމަވެސް ކޮރޯނާވައިރަސްގެ ސަބަބުން ޝޫޓިންގްތައް ހުއްޓާލަން ޖެހިފައިވާތީ މިހާރު އެ ތާރީޚުގައި ފިލްމު ރިލީޒްކުރެވޭނެކަން ޔަގީނެއް ނޫނެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތައް ރިލީޒްކުރާ ތާރީޚުތަކަށް މިހާރު ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. ގާތްގަނޑަކަށް ހުރިހާ ފިލްމުތަކެއް ކަހަލަ ގޮތަކަށް ރިލީޒްކުރާ ތާރީޚުތައް ވަރަށް ބޮޑަށް ވަނީ ފަސްކޮށްފަ އެވެ.