އާމިރު ޚާން

"ލާލް ސިންގް ޗައްޑާ" ދައްކަން އާ ސިނަމާތަކެއް

އާމިރު ޚާންގެ އާ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތް ފެށީއްސުރެ މި ފިލްމުގެ އަޑު ފިލްމު އިންޑަސްޓްރީގައި ވަނީ ވަރަށް ގަދަވެފަ އެވެ. ފޭނުންނާއި ބެލުންތެރިން ވެސް މި ފިލްމު ރިލީޒް ކުރާނެ ދުވަހަކަށް ތިބީ ބަލަބަލަ އެވެ.

އާމިރުގެ ފިލްމުތައް ބެލުންތެރިން މާޔޫސް ނުވާ ވަރުގެ މޮޅު ފިލްމަށް ވާނެކަން ހިންދީ ފިލްމުތަކަށް ލޯބިކުރާ އެންމެންނަށް ވެސް ޔަގީންކަން އޮވެ އެވެ. އެހެންވެ ބޮކްސް އޮފީހުގައި އޭނާގެ ގިނަ ފިލްމުތަކަށް ވަރަށް ރަނގަޅު ވިޔަފާރިއެއް ކުރެވި ޕްރޮޑިއުސަރުންނަށް ވަރަށް ބޮޑު ފައިދާއެއް ލިބެ އެވެ.

އެހެންވެ އާމިރުގެ "ލާލް ސިންގް ޗައްޑާ" ރިލީޒް ކުރަން ވާއިރަށް އާ ސިނަމާތައް ތައްޔާރު ކުރުމަށް ބައެއް އެގްޒިބިޓަރުން މިހާރު ރާވަމުންދާ ކަމަށް އިންޑިޔާގެ ނޫހަކުން ވަނީ ބުނެފަ އެވެ.

"ލާލް ސިންގް ޗައްޑާ" ރިލީޒްކުރާ ދުވަސްވަރު އާ ސިނަމާތަކެއް ތައްޔާރުކޮށް ހުޅުވަން އެގްޒިބިޓަރުން ބޭނުންވަނީ އެ ފިލްމު ބަލަން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަންނާނެކަމުގެ ޔަގީންކަން އެމީޙުންނަށް އޮތީމަ އެވެ.

ކަރީނާ ކަޕޫރާއެކު އާމިރު ކުޅޭ މި ފިލްމު މިހާރު ރިލީޒް ކުރަން ކަނޑައަޅާފައިވާ ތާރީޚަކީ އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. ނަމަވެސް ކޮރޯނާވައިރަސްގެ ސަބަބުން ޝޫޓިންގްތައް ކުރިޔަށް ގެންދިއުން ހުއްޓިފައި ވާތީ ފަހަރެއްގައި އަންނަ އަހަރަށް މި ފިލްމު ރިލީޒް ކުރުން ލަސް ކޮށްފާނެ ކަމަށް ބެލެވެ އެވެ.

"ލާލް ސިންގް ޗައްޑާ" އަކީ ޓޮމް ހޭންކްސް ބަތަލުގެ ބައި ކުޅެފައިވާ ހޮލީވުޑްގެ ކްލެސިކް "ފޮރެސްޓް ގަމްޕް"ގެ އޮފިޝަލް ރިމޭކް އެކެވެ.