ވާހަކަ

ހޮވި ކުއްޖާ (ދެވަނަ)

(ދެވަނަބައި)

ކަންފަތުގައި ޖެހުނީ މަންމަގެ ގިސްލުމުގެ އަޑެވެ. މަންމަގެ ވޭނީ އިހްސާސްތަކެވެ. އަހަންނަށް މަޑުމަޑުން ހިންދިރުވާލެވުނެވެ. ގަދަކަމުން ކަހަލަ ގޮތަކަށެވެ. އަނެއްކާ ވެސް ދޮރުފަތުގައި ކަންފަތް ޖައްސައިލީމެވެ. އިވެމުން ދިޔަ ފަނޑު އަޑުގެ ތެރެއިން ބައެއް ވާހަކަތައް ސާފުވަމުން ދިޔައެވެ.

"ކަލޭއަށް ފުރުސަތުގެ ބޭނުން ވެސް ހިފީ ނުހައްގު ގޮތުގައި." ބައްޕަގެ އަޑުގައި ހުރީ ރުޅިވެރި ކަމެވެ.
"ތަކުރާރުކޮށް އަހަންނަށް އެކަން ހަނދާންކޮށް ނުދިނަސް ހުރިހާ ކަމެއް އަހަންނަށް އެނގެޔޭ. މުރާދަށް ވެސް ކަންތައް ވީގޮތް އެނގޭނެ." މަންމަ ރޮމުން ގިސްލަމުން ވާހަކަދެއްކި އަޑުއިވުނެވެ.
"އިތުރު ގޮތެއް ނެތް. މަ ވިއްޔާ މަ." ބައްޕަ ހަޅޭއްލަވާގަތެވެ.
"އަހަންނަށް ތިހެން ނުހަދާ މުރާދު! އާދޭސްކޮށްފަ ބުނަން. އެވެސް އަހަރެންގެ އުފަން ދަރިއެއް،" މަންމަ ގިސްލަމުން ހުއްޓަމުން ކަހަލަ ގޮތަކަށް ވާހަކަދައްކަމުން ދިޔައެވެ. "އަހަންނަކަށް ކެތެއް ނުވާނެ. އެ ފަކީރަށް މިހާރު ވެސް ކުރެވޭވަރު ކުޑައީތަ؟ އެވެސް މި ލެޔޭ! އަހަންނަށް އިހްސާސްވެޔޭ އެ ހިތުގައި އަޅާނެ ވޭން. އެ މައުސޫމު ހިތަށް ކުރާނެ އަސަރު."

މަންމަގެ އަޑު ފަނޑުވަމުން ގޮސް އަޑު އިވޭ ވަރެއް ނުވިއެވެ. ތަންކޮޅެއް ބޮޑަށް ސަމާލުކަން ދީގެން އަނެއްކާ ވެސް ދޮރުފަތުގައި ކަންފަތް ޖައްސާލީމެވެ. އަހަރެންގެ ސިކުނޑީގައި ސިފަވަމުން ދިޔައީ މަންމަގެ ހަރަކާތްތަކެވެ. މަންމަ އުޅޭނެ ގޮތެވެ. ބައްޕަގެ ދެފައިގައި ހިފައިގެން ރޮއި އާދޭސް ކުރާނެ މަންޒަރެވެ. އަހަންނަށް ޓަކައި އެ ހިތުގައި ޖަހަމުން ދިޔަ މައިވަންތަ ކަމުގެ ކުލުނެވެ. އެ އިހުސާސެވެ.

"ވަހީދާ ބޭނުންވަނީ މަ، ލޭ ކައްކުވަންތަ؟ އެ މުޑުދާރު މޫނު ފެންނަ ކޮންމެ ފަހަރަކު މަގޭ ލޭ ހިލިގަންނަންތަ؟ މަ ހާދަ ރުޅިއެއް އާދެޔޭ. މަ ހައްގަކަށް އަރައިގަތީމަ." ބައްޕަ ހުއްޓައިލިއެވެ.
"އެ މުރާދު ބޭނުންވެގެން ކުރި ކަމެކެއްނު. މުރާދު އިތުބާރުކުރީ އެންމެ ގާތް ރަހުމަތްތެރިއަކަށްނު،" މަންމަ ނޭފަތް ދަމަމުން ބުނެލިއެވެ. "އަހަންނަށް ކުރެވޭނެ ކަމެއް އޮތްތަ؟ ކައިވެނި ރޫޅުމާއި ކައިވެނި ކުރުމަކީ އަހަރެން ކުރާ ކަމެއްތަ؟ އެތައް ފަހަރަކު ކައިވެނިކޮށް އެތައް ފަހަރަކު ވަރިކުރުން އެ އަހަރެން ކުރި ކަމެއްތަ؟ މުރާދު ބުނާހާ ފަސޭހައިން ކަންކަން ވޭތަ؟ މުރާދުއަށް ފައިސާ ނުދީފަ ހައްގޭ ކިޔޭނެތަ؟ އޭރު އަހަންނަކީ މުރާދުގެ ހައްގެއްތަ؟ ނޫނީ އޭނާގެ ހައްގެއްތަ؟"
"ކަލޭ މަކުރިމަތީ މިހާރު ޒުވާބު ކުރަން ވެސް ފެށީތަ؟" ބައްޕަގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ.
"އާނ! މިހުރިހާ ދުވަހު އަހަންނަށް ހުރެވުނީ ނިދިފަ. މުރާދުގެ ފިޔަވަޅުން އަހަރެން ރިޒާއާ މެދު ކަންކުރީ. މުރާދު ބުނިގޮތަށް ބުނި އެއްޗެއްކީ. އެ މައުސޫމު ހިތަށް ކުރާނެ އަސަރެއް، އަޅާނެ ވޭނަކަށް ނުބަލާ،" ދޭތެރެ ދޭތެރެއިން ނޭފަތް ދަމައިލަމުން، ގިސްލަމުން ކަހަލަ ގޮތަކަށް މަންމަ ވާހަކަ ކުރިއަށް ގެންދިޔައެވެ. "މިއަދު އަހަންނަށް ވިސްނިއްޖެ. އިހުސާސް ކުރެވިއްޖެ، އަހަރެން ކުރި ޖެއްސުމަކުން، އުނދަގުލަކުން އެ ހިތުގައި އަހަންނަށް ނަފުރަތެއް ނެތްކަން. އެ ދެ ލޮލުން އަހަންނަށް ދަރިއެއްގެ ލޮލުން ފެންނަންޖެހޭ އިހުސާސްތައް، އެ އަސަރުތައް ފެނިއްޖެ."
"އޭނ! ކީކޭ؟ ކަލޭ ދެން އެހެން ނަހަދާނަމޭތަ؟" ބައްޕަ ހަޅޭއްލަވާގަތް އަޑު އިވުނެވެ. "މަ ބުނާ ގޮތް ހަދާ."
"އައްދޯތް! ދޫކުރޭ. އަހަރެންގެ ގައިން ދޫކުރޭ. ތަދުވެޔޭ އިސްތަށިގަނޑަށް ތަދުވެޔޭ." މަންމަ ރޮމުން ރޮމުން ހަޅޭއްލަވާ އަޑު އިވުނެވެ.

މަންމަގެ ހަޅޭއްކުގެ އަޑު ދިޔައީ ބާރުވަމުންނެވެ. އަނިޔާ ނުކުރުމަށް ގޮވަމުން ރޮއި އާދޭސްކުރާ އަޑު ދިޔައީ ގަދަވަމުންނެވެ. ސަލާމަތަށް އެދި ދެތިން ފަހަރަކު މަންމަ ގޮވާލިއެވެ. އަހަރެންގެ ހިތަށް ކެތް ކުރެވޭ ވަރެއް ނުވިއެވެ. މޭ ހީވީ ތާށިވިހެންނެވެ. ނޭވާ ހީވީ ހުއްޓުނު ހެންނެވެ. މަންމަގެ ވޭނީ އާޚްގެ އަޑުތައް އިވިފައި ދެ ލޯ ބޮޑުވިއެވެ. އަތުގައި އޮތް މަދުކޮތަޅު އަތުން ދޫވިއެވެ. މަދުތައް އެކިތަނަށް ބުރައިގެން ދިޔައެވެ. އަހަންނަށް ބަލައިލެވުނެވެ. ގިނަ މަދުތައް ހުރީ ގެއިން ނުކުންނަށް ހުރި ދޮރާ ދިމާ ތަޅުންމަތީގައެވެ. އަހަންނަށް މުހިއްމީ މަދު ހެއްޔެވެ؟ ނޫނީ މަދުވި ލޯބި ހެއްޔެވެ؟ އެ މަންމަ ހެއްޔެވެ؟ އެވަގުތު އެންމެ މޮޅު ޚިޔާލަކަށް އައީ ކޮޓަރިއަށް ވަނުމެވެ. ބައްޕައާ ކުރިމަތި ލުމެވެ.

ދެތިން ފަހަރު ދޮރުގައި ޖަހައިލީމެވެ. ބާރުބާރަށް ތަޅުގައި ހިފައި އެގޮތް މިގޮތަށް ތަޅަށް އަނބުރައިލީމެވެ. އެއާއެކު ދޮރު ހުޅުވުނެވެ. ފެނުނު މަންޒަރުން ދެ ލޯ ބޮޑުވިއެވެ. ގައިން ހީވީ ވަރު ހުސްވިހެންނެވެ. ހިތް މޭގައި ތާށިވިހެންނެވެ. މަޑުމަޑުން ދެއަތް ނަގައި އަނގަމަތީގައި އަޅައިލެވުނެވެ. އެވަގުތު ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހިގަތެވެ.

އަހަންނަށް ހުރެވުނީއެވެ. ގަނޑުވެފައެވެ. ގުޑިލަން ވެސް ނޭނގިފައެވެ. ހަރަކާތެއް ކޮށްލާނެހާ ހިތްވަރު ވެސް ނެތިފައެވެ. މަންމަ އޮތީ މުށިގަނޑު މަތީގައެވެ. ނިތްމަތިން ފަޅައިގެން ގޮސް ހުރި ތަނުން ރަތްކުލައިގެ ރޮނގަކުން، ލޭތައް ލޮލާ ދިމާއަށް ތިރިއަށް ކުރެހެމުން ދިޔައެވެ. މަންމަގެ އިސްތަށިގަނޑު އޮތީ ބައްޕަގެ އަތަށް އޮޅައިލައިފައެވެ. އަހަރެން ދޮރު ހުޅުވާލުމާއެކު މަންމަގެ އިސްތަށިގަނޑު ދޫކޮށްލަމުން ބައްޕަ ހިތްދެމިލިއެވެ.

"ދޭ! މިތަނުންދޭ! މަރައިފާނެ. އަވަހަށް ދުވޭ ފިލާ." އަހަރެން ފެނުމާއެކު މަންމަ ބާރުބާރަށް ބުނެލިއެވެ.

ބައްޕަ ބަލައިލީ އަހަންނާ ދިމާއަށެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. މޫނުމަތި ހުރީ ފުފިފައެވެ. ޖަންބުކުލަ އަރާފައެވެ. ދެއަތް ވަނީ ފުޅާކޮށްލެވިފައެވެ. މުށްކަވާލައިފައެވެ. އަހަރެން ފެނުމާއެކު އަހަންނާ ދިމާއަށް ބައްޕަ އަންނަން ފެށިއެވެ.
"ދާށޭ. މިތަނުން ދާށޭ." މަންމަ އަނެއްކާ ވެސް ހަޅޭއްލަވާ ގަތެވެ.
އަވަސް ފިޔަވަޅުތަކެއް އަޅަމުން ބައްޕަ އައިސް އަހަރެން ކުރިމައްޗަށް ހުއްޓުނެވެ. އަހަންނަށް ހުރެވުނީއެވެ. ހަނދާންވީ ގޮތެއް ކުރާންވީ ކަމެއް ނޭނގިފައެވެ.
"ދާށޭ. މިތަނުން ދާށޭ! ދަރިފުޅާ ރިޒާ ދާށޭ." އަހަންނަށް ބަލައިލެވުނީ މަންމައާ ދިމާއަށެވެ.

ކަންފަތުގައި ޖެހުނު އަޑުގެ ސަބަބުން އާދަޔާ ޚިލާފު ފިނިކަމެއް ހިތަށް ލިބުނުހެން ހީވިއެވެ. މަންމަގެ އެ ލަފުޒުތައް ދެވަނަ ފަހަރަށް ގުގުމައިލިހެން ހީވިއެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ކަޅި ޖަހައި ނުލައި މަންމަގެ މޫނަށް ބަލަން ހުރެވުނީއެވެ.

"ދަރިފުޅާ!" މަންމަ ރޯން ފެށިއެވެ.

ބައްޕަ އާގޮތަށް އައިސް އަހަރެންގެ ކަރުގައި ހިފައި ފިތާލިއެވެ. ބާރުބާރަށެވެ. އަހަންނަށް ނޭވާ ހާސްވެގެން ތެޅިގަނެވުނެވެ. ސަލާމަތަށް އެދި އަތް ހޫރެން ފެށުނެވެ. އަހަންނަށް ހޫރައިލެވުނު އަތް ޖެހުނީ ބައްޕަގެ ލޮލުގައެވެ. ބައްޕައަށް ލިބުނު ސިހުމާއެކު އަހަރެންގެ ކަރުން ބައްޕަގެ އަތް ދޫވިއެވެ. އަހަންނަށް މާނޭވާލެވެން ފެށުނެވެ. ކަރުގައި އަތް ޖައްސާލެވުނެވެ. ގަދަކަމުން ހިންދިރުވާލެވެނެވެ. އޭރު މަންމަ ތެދުވެގެން ކޮރު ޖަހަމުން ކަހަލަ ގޮތަކަށް އަހަންނާ ދިމާއަށް އަންނަނީއެވެ.

އަހަންނަށް ދުއްވާ ގަނެވުނެވެ. މަންމައާ ދިމާއަށެވެ. މަންމަ އަހަންނާ ދިމާއަށް ބަލައިލިއެވެ. ވޭނުން ފުރިގެންވާ ގޮތަކަށެވެ. ދުވެފައި ގޮސް މަންމަގެ ފަސްބައިގެ ތެރެއަށް ވަދެވުނެވެ. ފައިގައި އޮޅުލައި ގަނެވުނެވެ. މަންމަ ކަކޫ މައްޗަށް ތިރިވެލަމުން އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. ބޮލުގައި ފިރުމިއެވެ. މޫނުގައި ވަސްގަތެވެ.

"ދަރިފުޅާ އަވަހަށް މިތަނުންދޭ. ބައްޕަ މަރައިލަފާނެ." އަހަރެންގެ މޫނުގައި ފިރުމާލަމުން މަންމަ ބުނެލިއެވެ.
އަހަންނަށް ބޯ ހޫރައިލެވުނެވެ. މަންމަ އެކަނި ކޮށްލާފައި ނުދާނެ ކަމަށް ބުނާ ފަދަ ގޮތަކަށް މަންމައަށް ބަލައިލެވުނެވެ. މަންމަގެ މޫނުގައި އަހަރެން ދެ އަތުން ފިރުމައިލީމެވެ.
"ދޭ، ގޮސް މީހުންނަށް އަންގާ. ބާރަށް ދުވެފައި ދޭ." މަންމަ އަހަރެންގެ ކަންފަތް ބުޑުގައި ވައި އަޑުން ބުނެލިއެވެ.

އިތުރު އެހެން ވާހަކައެއް ވެސް ބުންޏެވެ. އަހަންނަށް ބަލައިލެވުނީ ބައްޕަ ކޮބައިތޯއެވެ. އޭރު ބައްޕަ ލޮލުގައި އަތް އުނގުޅަމުން އުނގުޅަމުން ކަހަލަ ގޮތަކަށް އަހަރުމެންނާ ދިމާއަށް އާދެއެވެ. އަހަރެން މަންމަގެ މޫނަށް ބަލައިލަމުން ބޯ ޖަހައިލީމެވެ. މަންމަގެ ވާހަކައަށް ތާއިދުކުރަމުންނެވެ. މަޑުމަޑުން މަންމައާ ދުރަށް ޖެހިލީމެވެ. ބައްޕަގެ ވިސްނުން އަހަންނަށް ދޭހަ ކުރެވުނެވެ. ބަދަލު ހިފުމުގެ ރޫހެއް ހުރިހެން ހީވިއެވެ. އަހަރެން މަންމައާ ދުރަށް ޖެހެމުން ޖެހެމުން ދިޔައީމެވެ. ފާރުގައި ފުންނާބު ޖެހުމުން ހުއްޓިލީމެވެ.

މަންމަ ހުރީ މަންޒަރު ބަލާށެވެ. މާނޭވައިލަމުންނެވެ. އަނގަމަތީ އަތް އަޅައިގެންނެވެ. ބައްޕަ އަހަންނާ ދިމާއަށް ފުންމާގަތެވެ. ހީވީ މަސްގަނޑެއް ފެނުމުން ބުޅަލެއް ފުންމާލާހެންނެވެ. އަހަރެން ހުރީ އެކަމަށް ވިސްނައިގެންނެވެ. ބައްޕަގެ އަތުގައި ޖެހުމުގެ ކުރީން ފާރާއި ބައްޕައާ ދެމެދުން ދެމިގަތީމެވެ. އަނެއްކާ ވެސް ބައްޕަ އަހަންނާ ކުރިމަތިލިއެވެ. އަހަރެންގެ ބޭނުންވީ މަންމަ ސަލާމަތްކުރާށެވެ. ކޮންމެ ހާލެއްގައި ވެސް އެ އަނިޔާތަކުން މަންމަ ނެރެދޭށެވެ. މަންމަ ވެސް ބަލައިލީ އަހަންނާ ދިމާއަށެވެ. މަންމަ ނިތުން އިޝާރާތްކޮށްލިއެވެ. ދޮރާ ދިމާއަށް ބަލައިލެވުނެވެ. މަޑުމަޑުން އެއްފަރާތަށް ޖެހެމުން ޖެހެމުން ދިޔައީމެވެ. އަހަންނާ އެއްވަރަށް ބައްޕަ ވެސް ޖެހެމުން ދިޔައެވެ. އެއް އަތުން ލޯ އުނގުޅަމުންނެވެ.

ދެވަނަ ފަހަރަށް ބައްޕަ އަހަންނާ ދިމާއަށް ފުންމާގަތެވެ. އަހަންނަށް ދެމިގަންނަން ލިބުނީ ހަނި ޖާގައެކެވެ. ބައްޕައަށް ހިފުނީ އަހަރެންގެ ގަމީހުގެ ކޮނޑާ ދިމާގައެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެން ދެމިގަތީމެވެ. ރާންކިޔައިފައި އަޑެއް އިވުނެވެ. އަހަންނަށް ބަލައިލެވުނެވެ. ގަމީހުގެ ކޮނޑު ދިޔައީ ބައްޕަގެ އަތަށެވެ. އޭރު ބައްޕައަށް ހުރެވުނީ ކޮޓަރިން ބޭރުގައެވެ. ބައްޕަގެ ފަހަތުން މަންމަ ފެނުނެވެ. ނިތުގެ އިޝާރާތުން މަންމައަށް ކަންކުރަންވީ ގޮތް ބުނެލަދިނީމެވެ. މަންމަ އަވަސް އަވަހަށް ދޮރު ލައްޕާ ތަޅުލިއެވެ. ސިހިފައި ބައްޕައަށް ބަލައިލެވުނެވެ. އެއާއެކު ދޮރުގައި ތަޅައިގަތެވެ. ބާރުބާރަށެވެ. ދޮރު ހުޅުވާށޭ ކިޔައި ހަޅޭއްލަވާ ގަތެވެ.

"މިނުލަފާ ކަލޭގެ ކުޑަޔަކަސް ހާދަ މަކަރުވެރިޔޭ،" ބައްޕަ އެނބުރިލީ އަހަންނާ ދިމާއަށެވެ. "ކަލޭ ހީކުރީ މަ އަތުން ސަލާމަތްވީ ކަމަށްތަ؟"

ރުޅިވެރި ކަމާއެކު ބައްޕަ ބަލައިލީ އަހަރެންގެ މޫނަށެވެ. އަހަރެން ގައިން ހީބިހިނަގައި ގަތެވެ. ދެން އޮތީ ގެއިން ބޭރަށް ނުކުތުމެވެ. އެއީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ބައްޕަ އެ ހުރީ ގެއިން ނުކުންނަށް ހުރި ދޮރާ ދިމާގައެވެ. ކޮންމެ ގޮތަކުން ވެސް ސަލާމަތްވާން ޖެހެއެވެ. އެހެން ނޫނީ މިއަދު މަންމަ ވެސް ސަލާމަތެއް ނުވާނެއެވެ.
އަހަރެން ދެއަތަށް ބާރުކޮށްލެވުނެވެ. ބައްޕަގެ މޫނަށް ބަލަމުން ގޭގެ އެތައް މިތަނަށް ކަޅި އުކަން ފެށީމެވެ. ލޮލުގައި އަޅައިގަތީ ދޮރާދިމާ ތަޅުން މަތީގައި ހުރި މަދުތަކެވެ. ދަތްކުނޑި ވިކާލެވުނެވެ. ފާޑަކަށް ހިނިތުންވެވުނެވެ. ބައްޕަ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.

"ކަލޭ އަދި މަށަށް މަލާމަތް ކުރަނީތަ؟" ބައްޕަ ދަތްކުނޑި ވިކައިލިއެވެ.
މަޑުމަޑުން ބައްޕައާ ދިމާއަށް ދިޔައީމެވެ.
"މަ އަތު ޖެހިއްޖެ ނަމަ ނޮޅައިލާނަން." ރުޅިވެރި ކަމާއެކު ބައްޕަ ބުނެލިއެވެ.

އަހަރެން ގޮސް ޖެހިގަތީ ބައްޕަގެ ކަކުލުގައެވެ. އެއީ ބައްޕަ ރިއްސާތީ އުޅޭ ފަޔެވެ. ބައްޕައަށް ލިބުނު ކުއްލި ސިހުމާއެކު ފަހަތަށް އެއްލުނެވެ. ވީތަދުން ހަޅޭއްލަވާގަތެވެ. ނަމަވެސް، ބައްޕަ އެއްލި އަތުން އަހަރެންގެ އަތުގައި ހިފުނެވެ. އަހަރެން އަތް ފޮޅުވާލަން ވަރަށް މަސައްކަތް ކުރީމެވެ. ކާމިޔާބުވާ ގޮތެއް ނުވިއެވެ. ބައްޕަ ހިފިލެއް ބާރުކަމުން އަތަށް ތަދުވާން ފެށިއެވެ. ބައްޕަ ގަޔާ ގާތަށް އަހަރެން ދަމާގަތެވެ. އެ ގެންދިޔަ ބާރުމިނުގައި އަނެއް އަތުން އަހަރެން އަނގަމަތީގައި ޖެހިއެވެ. މޫނުމަތިން ތަރި ބުރައިގެން ދިޔައެވެ. ވީތަދުން ހަޅޭއްލަވާ ގަނެވުނެވެ. ބާރުބާރަށް ރޯން ފެށުނެވެ. އަހަންނަށް އަނގަމަތީގައި އަތް ޖައްސާލެވުނެވެ.

އަތުގައި ޖެހުނީ އޮލަ އެއްޗެކެވެ. އަތް ނަގައި ބަލައިލީމެވެ. ހީވީ ރަނގަޅަށެވެ. އަނގަމަތި ފަޅައިގެން ދިޔައީއެވެ. މުޅި އަތުގައި ހުރީ ލޭޔެވެ. ރަތްލެޔެވެ. އަހަންނަށް ރުޅި އާދެވުނެވެ. ދެއަތް މުއްކަވާލެވުނެވެ. ކަނާއަތުން ބައްޕަގެ ރިހޭގފައިގައި އެތި ފަހަރެއް އަޅައިލީމެވެ. އެއާއެކު ބައްޕަގެ އަތުން އަހަރެން ދޫވިއެވެ. އަވަހަށް ދޮރުން ނުކުންނަށް ދުއްވާގަތީމެވެ. ބައްޕަ ވެސް އަހަރެންގެ ފަހަތުން ދުއްވާގަތެވެ.

ޕައްކިޔައިފަ އެއްޗެއް ވެއްޓުނު ހެން ހީވިއެވެ. ފަސް އެނބުރި ބަލައިލީމެވެ. ހީވީ ރަނގަޅަށެވެ. ބައްޕަ އޮތީ ތަޅުންގަނޑު މަތީގައެވެ. މަދުތަކަށް އެރި ކަހައިލީ ކަމަށް ނިންމާ ބާރުބާރަށް ދުއްވާގަތީމެވެ. (ނުނިމޭ)