ބައެއް އިމްތިހާންތަކާއި ސުކޫލް ޗުއްޓީއަށް ބަދަލު ގެނެސްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ބައެއް އިމްތިހާންތަކާއި ޗުއްޓީއަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިއަދު ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން ނެރެފައިވާ ކުރު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކޯވިޑް19 އާ ގުޅިގެން އޯލެވެލް އިމްތިހާނާ، ސުކޫލް ޗުއްޓީއަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތަކަކީ އެެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މުޅި ދުނިޔެއަށް ކާރިސާއެއް ކުރިމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ސައްހަ ނޫން މައުލޫމާތުތައް ނުފެތުރުމަށްވެސް އެޑިއުކޭޝަނުން ވަނީ އެދިފައެވެ.
ދިވެހި ދަރިވަރުންނަށް މޭ އަދި ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި މިހާތަނަށް ގޮތެއް ނުނިންމާ ކަމަށް އެޑިއުކޭޝަން މިނިސްްޓްރީން މީގެ ކުރިންވެސް ވަނީ ބުނެފައެވެ.
އިނގިރޭސި ވިލާތުގެ ސްކޫލުތައް ބަންދުކޮށް ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ ހޫނުމޫސުމުގައި (މޭ/ޖޫން ގައި) ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ވަނީ ކެންސަލް ކޮށްފައެވެ.
އެޑިއުކޭޝަނުން ބުނީ އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ގައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައި ނުވާތީ މޭ/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު ގޮތެއް ނުނިންމާ ކަމަށެވެ.