ބޮލީވުޑް

އަކްޝޭގެ "ބެލް ބޮޓަމް"ގެ ބަތަލާއަކަށް ވާނީ ކަޕޫރު

އަކްޝޭ ކުމާރު އަލަށް ފަށާ "ބެލް ބޮޓަމް"ގެ ބަތަލާއަކަށް ވާނީ ކަޕޫރު ހަމަޖެހިއްޖެ އެވެ. ރަންޖިތު ތިވާރީ ޑައިރެކްޓްކުރާ މި ފިލްމަކީ 1980ގެ އަހަރު ތަކުގައި އުޅުނު ޖާސޫސެއްގެ ހަގީގީ ހާދިސާއަކަށް ތައްޔާރުކުރާ ފިލްމެކެވެ.

ފިލްމާ ގުޅޭ ގޮތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މި ފިލްމުގެ ސްކްރިޕްޓް ޑިމާންޑް ކުރަނީ މުޅިން އާ ޖޯޑެއް ލައްވާ ފިލްމު ކުޅުވާށެވެ. ވާނީ އާއި އަކްޝޭ މީގެ ކުރިން ފިލްމެއް ކުޅެފައި ނުވާތީ ވާނީ އަށް ފިލްމު ލިބުނީ އެވެ.

މިއީ އާދައިގެ ލޯބީގެ ފިލްމެއް ނޫން ކަމަށާއި އަކްޝޭ އާއި ވާނީގެ މެދުގައި ރޮމެންޓިކް މަންޒަރުތަކާއި ލޯބީގެ ލަވަތަކެއް ހުރި ނަމަވެސް ފިލްމުގެ ވާހަކަ މުޅިން ތަފާތު ވާނެކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ފިލްމުގައި ވާނީ ކުޅޭނީ އަކްޝޭގެ ކެރެކްޓާގެ އަނބިމީހާގެ ރޯލެވެ. އަދި މިއީ ފިލްމުގެ ވާހަކައިގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކެރެކްޓާއެއް ކަމަށް ވެސް ވެއެވެ.
ވާނީ އެންމެ ފަހުން ފެނިފައިވަނީ ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް އާއެކު އޭނާ ކުޅުނު "ވޯ" އިންނެވެ.

ކްރީތީ ސެނޯންގެ ކޮއްކޮ ނޫޕޫރް ސެނޯން އަށް މި ފިލްމުގެ ލީޑް ރޯލު ލިބިފައިވާ ކަމުގެ ހަބަރުތަކެއް ވެސް މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާގެ ނޫސްތަކުން ގެނެސްދީފައި ވެއެވެ. އަކްޝޭ އާއެކު "ފިލްހާލް"ކިޔާ މިއުޒިކް ވީޑިއޯއެއްގައި ނޫޕޫރް ހަރަކާތްތެރިވުމުން މި އަޑުތައް މާ ގަދަވެގެން ދިޔަ އެވެ. ނަމަވެސް އަޑުތައް ފެތުރުނު ގޮތަކަށް ކަންތަކެއް ނުދިޔަ އެވެ.

ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ވާޝޫ ބަގްނާނީ އާއި ނިކިލް އަދުވާނީ މިހާރު ގެންދަނީ ފިލްމުގައި ވާނީގެ ކެރެކްޓާ ހުންނާނެ ސިފަ ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަކްޝޭ ކުޅެނީ ސީކްރެޓް އެޖެންޓެއްގެ ރޯލު ކަމަށްވާތީ މި ފިލްމުގައި އޭނާ ލާނީ 80 ގެ އަހަރު ތަކުގެ ފިލްމުތަކުގައި އެކްޓަރުން ލާ އުޅުނު ކަހަލަ ބޮޑެތި ސައިޒުގެ ކޯޓުތައް ކަމަށް ވެއެވެ.

މި ފލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހު އެވެ. އެއީ އަކްޝޭ މިހާރު ޝޫޓްކުރަމުންދާ "ބައްޗަން ޕާންޑޭ" ގެ މަސައްކަތް ނިންމާފަ އެވެ.