ހަބަރު

ކޮމިޓީން ޝިފްލާގެ ނަން ކަނޑާލައިފި، ލިސްޓުގެ ކުރިއަށް އަނާ

ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް، ރައީސްގެ ލިސްޓުގެ ކުރީގައި އޮތް ކުރީގެ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމްގެ ނަމަށް ރުހުން ނުދޭން ފާާސްކޮށްފި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލި މީހުނާ އިންޓަވިއު ކުރުމަށް ފަހު، އެކުލަވާލި ރިޕޯޓްގައިވާ ގޮތުން އެ މުއައްސަސާއަށް ކުރިމަތިލި މީހުންގެ ތެރެއިން މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ނިންމީ ހަތް މީހެއްގެ ނަމެވެ.

އެ ހަތް ނަން ކޮމިޓީން އިސްކަން ދޭ ތަރުތީބު ލިސްޓު ކޮށްފައިވެ އެވެ. މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނީ ކޮމިޓީގެ ރިޕޯޓުގައިވާ ލިސްޓުގައި އިސްކަން ދީފައިވާ ތަރުތީބުންނެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ވީޓީވީގެ ސީނިއާ އެޑިޓަރު އައިމިނަތު އަމީނާ (އަނާ) އެވެ. ދެން ލިސްޓުގެ ކުރީގައި އޮތީ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީނެވެ.

ލިސްޓުގެ ތަރުތީބުގައިވާ ގޮތުން، ޝިފްލާގެ ނަން އެންމެ ކުރިއަށް އޮތް އިރު، ދެވަނާގައި އޮތީ އަނާގެ ނަމެވެ. ކޮމިޓީގެ ރިޕޯޓުގެ ދެވަނާގައިވާ ފަޒީންގެ ނަން އޮތީ ރައީސްގެ ލިސްޓުގެ ފަސްވަނައިގަ އެވެ.

މީގެ ކުރިން ވެސް ބްރޯޑްކޮމަށް އައްޔަން ކުރުމަށްޓަކައި ރައީސް ފޮނުއްވި ލިސްޓެއްގައި ޝިފްލާގެ ނަން އެންމެ ކުރީގައި އޮތެވެ. އެ ފަހަރު ޝިފްލާގެ ނަން ކޮމިޓީން ފާސްކޮށް ތަޅުމަށް ވެސް ގެންދިޔަ އެވެ. އެކަމަކު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން ރުހުން ދީފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓް، ގދ. އަތޮޅު ކުރީގެ ކައުންސިލަރު އަހްމަދު ގައިސްގެ ނަމަށެވެ.

ތަޅުމަށް ގެންދަން ކޮމިޓީން ނިންމި ނަންތައް

  • އައިމިނަތު އަމީނާ، ހަނދުވަރީގެ، ލ. ކުނަހަންދޫ
  • މުހައްމަދު ފަޒީން، ހޭޒުލިން، ބ. ތުޅާދޫ
  • ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިން
  • އަބްދުލް އަޒީޒް ޖަމާލު އަބޫ ބަކުރު، މާޒީ، ލ. މާވަށް
  • އިސްމާއީލް ސާޖިދު، މއ. ވިލާރޮދި
  • އަހްމަދު ހަލީލް، މއ. ހަތާ
  • އަހްމަދު ފައިރޫޒް، މއ. ރަސްއައިން

ބްރޯޑްކޮމްގައި މިހާރު ތިއްބެވީ އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ގައިސް އާއި، މެންބަރު ޒީނާ ޒާހިރު އާއި، މެންބަރު އައިމިނަތު ސަހާރަތު އިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދުގެ އިތުރުން މެންބަރު އަލީ ޔޫސުފެވެ.