(19 މާރިޗު 2020 އާ ގުޅޭ)
"ޒެލްއާ ވާހަކައެއްދައްކަން ބޭނުން" ނަމާދުން އަވަދިވެ ހޭޒަލްއާ ދިމާއަށް އެނބުރިލައި ދާރިއަން ބުންޏެވެ. ހޭޒަލް ކުރިއަށް ޖެހިލިއެވެ. ހޭޒަލްގެ އަތްތިލަ ނަގައި ދާރިއަންގެ އަތުގެތެރެއަށް ލަމުން އޭނާ ބަލާލިއެވެ. އޭނާގެ ވިސްނުން ހޭޒަލްއާ ޚިއްޞާކުރަން އަދި އަވަސްބާއޭ ހިތަށް އަރާފައެވެ. ދާރިއަން ވާހަކަ ފެށީ ދުރުދުރުންނެވެ. އޮފީހުން ޗުއްޓީއެއް ނަގަން ހިތަށް އަރާކަން ފުރަތަމަ ވެސް ހާމަކުރިއެވެ. ހޭޒަލްއާއެކު ވަގުތު ހޭދަކޮށްލަން ބޭނުންވާކަން ދާރިއަން ބުންޏެވެ. ފިރިމީހާގެ ވާހަކަތަކުން ހޭޒަލް ހިނިތުންވެލިއެވެ.
"ހަނީމޫނަށް ދާންތަ؟" ދާރިއަންއާ ނަޒަރު ސީދާކޮށްލުމާއެކު ހޭޒަލް އަހާލިއެވެ. ދާރިއަން ބަސްހުއްޓުނީއެވެ. ފާޑަކަށް ރަކިވެގެން އިސްޖަހާލެވުނީއެވެ. އެވަގުތު ހޭޒަލްގެ ލުއި ހީނލުމުގެ އަޑު އިވުނެވެ. އެ އަޑުގައި ހުރީ ލާނެތްކަމެވެ. ދާރިއަންއާ އިހުނަށްވުރެ ގާތަށް ހޭޒަލް ޖެހިލިއެވެ. ފިރިމީހާގެ ކަނާއަތް ހިއްލާލައި އަތްދަށުން ގާތްވެލިއެވެ.
"އައި ތިންކް، މަންމަމެންނަށް މިރޭގެ ހުރިހާކަމެއް އެނގޭނެހެން" ދާރިއަންގެ ކަނދުރާގައި މޫނު ފޮރުވާލައިގެން އިނދެ ހޭޒަލް ވާހަކަދެއްކިއެވެ.
"އެހެންވެތަ ބައްޕަ އަހަރެން ގޮވައިގެން ބޭރަށް ނުކުތީ؟" ދާރިއަން ހިނިތުންވެލިއެވެ. ހޭޒަލް ބޯހަރަކާތްކޮށްލީ އާނއެކޭ ބުނުމަށެވެ.
"ސީދާ ނުބުންޏަސް އެމީހުންނަށް ވެސް އެނގޭނެ، ދާރިއަންއަށް ފެނިދާނެތީ އަހަރެން ގަނެގެން ގެނައި އެއްޗެހި މަންމަ ކޮޓަރިއަށް ލާން ޖެހުނީ، މަންމަ ބަލާނެކަން ޔަގީން" ހޭޒަލް މަޑުމަޑުން ބުންޏެވެ.
"އެކަމާ ދެން އަޅާނުލާ، ދެމަފިރިންގެ ފަރާތުން އެކަހަލަ ކަމެއް ފެނުމަކުން މައްސަލައެއްނޫން، ޒެލް ހަނީމޫނުގެ ވާހަކަ ބުނީމަ، ކޮންތާކަށް ދާން ބޭނުންވަނީ" ދާރިއަން އަހާލިއެވެ.
"ދާރިއަންއަށް ކަމުދާތަނެއް އޯކޭ" ހޭޒަލް ބުނެލިއެވެ.
"އަހަންނަށް ޒެލް ލިބިދާނެކަމުގެ އެއްވެސް ޔަގީންކަމެއްނެތް، މިރޭ އަހަރެން ވަރަށް އުފާވެއްޖެ، ޒެލް ބޭނުންވާ ސްޕޭސް ދިނުމަށް ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަން ޔަގީން، ޒެލް! ހަޤީޤަތުގައި ވެސް ޒެލްއަށް އަހަރެން ކަމުދޭތަ؟ ލޯބިވޭތަ؟" ހޭޒަލްގެ ބޮލުގައި ތުންފަތް ޖައްސާލައިގެން އިނދެ ދާރިއަން ވާހަކަދެއްކިއެވެ.
"ކުރިއަކުންނުވޭ، ފާޑަކަށް މަޖުބޫރުވެފައި ހުންނަހެން ފީލްވީ، އެކަމަކު މިހާރު ނުވެއެކޭ ނުބުނާނަން... މި ދިރިއުޅުން ގެއްލޭކަށް ނޭދެން، އަހަރެން ބިރުގަންނަނީ އަހަންނަށް ލޯބިވެވުމުން އަހަރެންދެކެ ދާރިއަން ފޫހިވެދާނެތީ، އަހަރެން އެމީހަކުދެކެ ލޯބިވެއްޖެއްޔާ ވަރަށް ބޮޑަށް ލޯބިވާނެ، އަހަރެންނަށް ދެވެން އޮތް ހުރިހާ އެއްޗެއް އެމީހަކަށް ދޭނަން، ކުރިން ވެސް ވިސްނޭ ލޯބިވާ މީހަކާ ވަކިވާން ޖެހިއްޖެއްޔާވާނީ ކިހިނެއްބާއޭ، އޭރު އެއީ ހަމައެކަނި ކުރެވޭ ޚިޔާލެއް... އެކަމަކު... މިހާރު އަހަރެންނަށް އެކަން އިޙްސާސް ކުރެވިއްޖެ، ދެވަނަ ފަހަރަށް އެ ޔަގީންކަމާއެކު ލޯބިވާން އަހަރެން ބިރުގަންނަނީ އެހެންވެ، އަހަރެން ބޭނުން މި ދިރިއުޅުން ވޯކްކުރަން، އަހަރެމެން ދެ މީހުން އެކުގައި އުޅޭން، ލޯބިން އުޅޭން" ހޭޒަލްގެ ބޯ ހިއްލާލައި ދާރިއަންގެ މޫނުގައި އަތްތިލަ ޖައްސާލިއެވެ. ދާރިއަންގެ ދެ ލޮލުން ހޭޒަލް އެދޭ ފަދަ ޔަގީންކަމެއް ހޯދާ ކަހަލައެވެ.
"އަހަރެން ދުވަހަކުވެސް ނޭދެން އަހަރެންގެ ދިރިއުޅުމަށް ޒެލްނޫން އަންހެނެއް އައުމަކަށް، އެހެންވީމަ ޔަގީންކުރޭ، އެފަދަ ދުވަހެއް ﷲ މެދުވެރިނުކުރައްވާތޯ ދުޢާކުރާނަން، އަހަންނަށް ހޭޒަލް ލިބުމަށްފަހު ދޫކޮށްލުމުގެ ޚިޔާލު އަހަރެންގެ ވިސްނުމަށް ވެސް ނާދޭ، އަހަރެން ލޯބިވާ މީހާއަށް ދޮގު ހަދާ އޮޅުވާލައި ބޭވަފާތެރިއެއް ނުވެވޭނެ، އެފަދަ ހެއްލުންތަކާ އަހަރެންގެ ނަފްސު ދުރުކުރާނަން، އެހެންވީމަ ހޭޒަލް ކަންބޮޑުނުވޭ... އަހަންނަށް ކުޅަދާނަވެގެންވީ ވަރުން އަހަންނާއެކު އަބަދުވެސް އަހަރެން އަނބިމީހާވާނީ، ވަރަށް ބޮޑަށް ހޭޒަލްދެކެ ލޯބިވޭ" އަނބިމީހާގެ މޫނުގައި ދާރިއަން ބޮސްދިނެވެ.
އެހެން ދުވަސް ދުވަހު ފަތިސް ނަމާދުކޮށްގެން ރިޒްވާނާއެކު ގެއަށް އަންނަ ދާރިއަން ކޮޓަރީގައި އުޅޭއިރު ހޭޒަލް އިންނާނީ ބަދިގޭގައެވެ. އެކަމަކު މިއަދު އެމަންޒަރު ތަފާތުވެއްޖެކަން ރިޒްވާނާއި ސާއިރާއަށް ފާހަގަވެއްޖެއެވެ. ދާރިއަން ގެއަށް އައުމާއެކު ހޭޒަލް ވެސް ވަނީ ކޮޓަރިއަށެވެ. ރިޒްވާނު އަނބިމީހާއެކު އެރީ ހާމަފެންޑާއަށެވެ.
ހެނދުނުގެ ސައި ވެސް އޮތީ ހާމަފެންޑާގައެވެ. ސައި ހަދަންވާއިރަށް ހޭޒަލް އައިސް ބަދިގެއަށް ވަންތަން ސާއިރާއަށް ފެނުނެވެ. ދަރިފުޅުގެ މޫނުން ފާޅުވާ އުޖާލާކަމާއި ތެތްއިސްތަށިގަނޑުގައި ދޫހުޅިއެއް ޖަހާލާފައި ހުރިއިރު ހީވަނީ ފެންވަރައިގެން އެއައީ ދެންމެ ހެންނެވެ. ހޭޒަލްއަށް ގޮވާލުމާއެކު ސާއިރާގެ ހަރަކާތްތައް ހުރީ އާދައިގެ މަތިންނެވެ. ދެމައިންވެގެން ތައްޔާރުކުރި ތަށިތައް ހިފައިގެން ހާމަފެންޑާއަށް އެރިއެވެ. ރިޒްވާނާއި ދާރިއަންއަށް ގޮވާލެވުނީ އޭގެ ފަހުގައެވެ.
ކާމޭޒު ދޮށުގައި ތިބެ ދާރިއަންއާއި ހޭޒަލް އެކަކުއަނެކަކަށް ބަލާލައި އިޝާރާތެއްކޮށްލިއެވެ. މޭޒުދަށުން ހޭޒަލްގެ ކުރިމަތީ އިން ދާރިއަންގެ ފައިގަ ކޮއްޓާލިއެވެ. އޭނާ ކަރުކެހިލިއެވެ. އަވަސް އަވަހަށް ކައިރީހުރި ސައިތަށިން އެތިފޮދެއް ބޯލިއެވެ. ސާއިރާއާއި ރިޒްވާނަށް ބަލާލިއިރު އެމީހުންގެ ނަޒަރު ހުރީ ދާރިއަންއަށެވެ. ދާރިއަން ވާހަކަދައްކަން ފެށިއެވެ. ހޭޒަލްއާ ދެމީހުން ޗުއްޓީއަކަށް ދާން ގަސްދުކުރާކަން ދާރިއަން ބުންޏެވެ.
"ބައްޕަ ކީއްކޮށްދޭންވީ؟... ކޮންތާކަށް ދަނީ؟ ކިހާތާކު؟" ރިޒްވާނުގެ ސުވާލުތައް އިއްވާލިއެވެ.
ރާވާފައި އޮތްގޮތް ދާރިއަން ކިޔާދިނެވެ. އެހާ ގިނަ ދުވަހަކަށްނޫންކަމާއި ދެހަފްތާ ރިސޯޓެއްގައި ތިބެފައި އެނބުރި އަންނާނީކަން ދާރިއަން ބުންޏެވެ. އެވާހަކައިގަ ހޭޒަލް ބައިވެރިވިއެވެ. ދާން ގަސްދުކުރާ ރިސޯޓުން ކަންކަން ހަމަޖެހުމުން ފުރަންވީކަން ހޭޒަލް ބުންޏެވެ. އެދުވަސްތަކުގައި މަންމައާއި ބައްޕަ ވެސް ޗުއްޓީއެއް ހަދާލަން ކޮންމެވެސް ތަނަކަށް ދާން ހޭޒަލް ޚިޔާލު ދިނެވެ. ސާއިރާއަކީ ދަތުރުކުރާ ހިތްވާ މީހަކަށްވާއިރު ހޭޒަލް ގެއަށް އައީސުރެ އެ މަންމަ އިނީ ގޭބަންދުވެފައެވެ. މަންމަގެ މިނިވަންކަން ގެއްލޭކަށް ހޭޒަލް ނޭދެއެވެ. ހޭޒަލްގެ ޚިޔާލުން ސާއިރާގެ ހިނިތުންވުން ފުޅާވެލިއެވެ.
* * * * *
ޗުއްޓީގެ ވާހަކަދައްކާފައި ޒުކަންގެ ކެބިންއިން ދާރިއަން ނުކުތް ވަގުތު އެ ދިމާއަށް އަންނަ ސާރާ ފެނުނެވެ. ދާރިއަން ފެނުނު ހިނދުން ސާރާގެ މޫނުން ދިރުން ފަނޑުވެލައިފިއެވެ. ދާރިއަން މަޑުކޮށްލައިގެން ހުރެ ލުއި ހިނިތުންވުމެއް ސާރާއާ ބަދަލުކޮށްލިއެވެ.
"ކިހިނެއްތަ؟ އޮފީހުން ހާދަ ނުފެނެޔޭ" ދާރިއަން ހަޤީޤަތުގައި ވެސް އެކުވެރިޔާގެ ހާލު އެނގެން ބޭނުންވިއެވެ.
"ހިލޭ އަންހެނުންނާ ވާހަކަދެއްކީމަ އަންހެނުން ރުޅިއެއްނާދޭތަ؟" ސާރާގެ އަޑުގައި ހިސާބެއްގެ ހަރުކަށިކަން ހުއްޓެވެ. ދާރިއަންއަށް ލިބުނީ ހައިރާންކަމެވެ. ސާރާ މަޑުކުރުމެއްނެތި ޒުކަންގެ ކެބިންއަށް ވަދެއްޖެއެވެ. ދާރިއަންއާ ވާހަކަދައްކަން ސާރާ ބޭނުންނުވާކަން އޭނާ ދެނަގަތެވެ. އެހެންވެ ދާރިއަން ވެސް ހިނގައިގަތީ އޭނާގެ ކެބިންއާ ދިމާއަށެވެ.
މެންދުރު ފަސްވީފަހުން ދާރިއަންގެ ޗުއްޓީ ޒުކަން ހަމަޖައްސައިފިންކަން އެންގިއެވެ. ފުރުމުގެ ކުރީން ހޭޒަލް ގޮވައިގެން ގެއަށް އަންނަން ޒުކަން އެދުނީ ދާރިއަންއާއެކު އޮފީހުން ނުކުންނަމުންނެވެ. ރިޒްވާނާއި ސާއިރާ ބައްދަލުނުވާތާ ދުވަސްތަކެއްވެފައިވާތީ އެމީހުން ވެސް ގޮވައިގެން އަންނަން ޒުކަން އެދުނެވެ. އެކަމާ އެއްބަސްވެލަމުން ސާރާ ގުޅިގެން ދާރިއަން ސުވާލުކޮށްލިއެވެ. ޒުކަންގެ ކެބިން އިން ނުކުތް ވަގުތު ސާރާއާ ބައްދަލުވިކަން ދާރިއަން ބުންޏެވެ.
"މިހާރު ވަރަށް ނުފެނޭ އޮފީހުން، ޗުއްޓީގަތަ" ދާރިއަން ފާހަގަކުރިއެވެ.
"ފުރަން އެއުޅެނީ، މިއަދު އެއައީ ކެނޑެން ސިޓީ ހިފައިގެން" ޒުކަން ބުނެލިއެވެ. ބައްޕަގެ މޫނުން ފާޅުވި އަސަރުތަކުން ސާރާގެ އެ ނިންމުމާމެދު ބައްޕަ ގަޔާނުވާކަން އެނގުނެވެ.
"ވަޓް! ކޮންތާކަށްދާންވެގެން އޮފީހުން ކެނޑެނީ" ދާރިއަންއަށް ނިކަން އަވަހަށް އަހާލެވުނެވެ.
"ކިޔަވަންށޯ، ބައްޕަ ބުނިން ކިޔަވާ ނިމިގެން އައިސް މިކޮޅުގައި ވޯކްކުރެވޭނޭ، ކެނޑިގެން ނުދާށޭ... ސާރާ ޤަބޫލެއްނުކުރި، މިހާރު މިތަނުގައި މަސައްކަތްކުރަން އޭނާ ބޭނުންނުވާ ކަހަލަ" ޒުކަން ބުނެލިއެވެ.
"އަސްލު މައްސަލައަކީ ކޮބާކަން ބައްޕައަށް އެނގެއެއްނު" ދާރިއަން ބުންޏެވެ. ޒުކަން ބޯޖަހާލަމުން ވާހަކަދެއްކިއެވެ.
"އެނގޭ، ހާނިމް ވެސް އެކަމާ ބައްޕައާ ވާހަކަދެއްކި، އޭނާ ވެސް ބޭނުންވަނީ ސާރާދެކެ ލޯބިވާ ޒުވާނަކު އެ ދަރިފުޅަށް ލިބެން، ސާރާއަށް ޓަކައި ވިޔަސް ދާރިއަންގެ ނުރުހުމުގައި ކުރެވޭ ކައިވެނިން އެމީހުންގެ ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ނުލިބޭނެކަން ޔާސްމީން ވެސް ބުނިކަމަށްވޭ، އެކަމަކު އެކަން ސާރާއަށް ނުވިސްނެނީ އޭނާ ރިއާންދެކެ ލޯބިވާތީ... ހާނިމް ބުނީ މީ އެންމެ ރަނގަޅު ގޮތޭ، ދުރުގައި ހުރުމުން ރިއާންގެ ޚިޔާލުތަކާ ދުރަށްދެވިދާނޭ" ޒުކަން ހަޤީޤަތް ހާމަކުރިއެވެ. ދާރިއަން ބޯޖަހާލީއެވެ.
"ދަނީ ބައްޕަ، އިރުނޯސެނީސް އަންނާތި ދެކުދީން" ޒުކަން ބުންޏެވެ. ދާރިއަން މިފަހަރު ވެސް ޖަވާބު ދިނީ ބޯޖަހާލުމަކުންނެވެ. ބައްޕަ ކާރަށް އެރުމުން ދާރިއަން ވެސް އޭނާގެ ކާރާ ދިމާއަށް އައެވެ.
އާދައިގެ ދުވެއްޔެއްގައި ގެއާ ދިމާއަށް ދާރިއަން މިސްރާބު ޖެހިއިރު އޭނާއަށް ވިސްނެމުންދިޔައީ ސާރާއާ މެދުއެވެ. ލޯބިނުވާ މީހަކާއެކު ވަގުތު ހޭދަކުރުމަކީ ހަޔާތުން ދުވަސްތަކެއް ބޭކާރުކޮށްލުން ކަމުގައި ދާރިއަން އޭރު ސާރާ ގާތު ބުންޏެވެ. ސާރާއާ އެކި ފަހަރު މަތިން ދެއްކިފައި ހުރި ވާހަކަތައް ދާރިއަންގެ ހަނދާނަށް އަންނަން ފެށިއެވެ.
"އަހަރެންނާ ސާރާގެ ހުރީ ކޮންތަފާތެއް؟ އަހަރެން ސާރާއަށް ފުރުޞަތު ނުދިނީ ހޭޒަލްގެ ލޯބި ބޭނުންވެގެން، އަހަންނަށް ހޭޒަލްދެކެ ލޯބިވެވުނީ ގަސްދަކާނުލާ، ސާރާ އަހަރެންދެކެ ލޯބިވީ ހަމައެފަދައިން، އޭނާ ވެސް ބޭނުންވީ އަހަރެންގެ ފަރާތުން ފުރުޞަތެއް، އެ ފުރުޞަތައިގެން ކުރިއަށްދިއުމުގެ ވިސްނުން ނެތީ އަހަރެންގެ، އެކަމަކު އަހަންނަށް އެ ފުރުޞަތު ހޭޒަލް ދިން، އަހަރެންވާ ލޯބި އޭނާއަށް އިޙްސާސްކޮށްދިނުމަށް ވަގުތު ދިން، ހެ...ހެ...ހެ! އަހަރެމެން ދެ މީހުންނަކީ ވެސް އަމިއްލަ އެދުން ބޮޑު ދެމީހުން، އަހަރެން ސާރާ ބޭނުންވި ވަގުތު ދިންނަމަ ކިހިނެއް އެނގެނީ އަހަންނަށް އޭނާދެކެ ލޯބިނުވެވޭނެކަމެއް؟... އެކަމަކުވެސް ހެޔޮ، ސާރާ ބޭނުންވާގޮތް މިހާރު ސާފުވެއްޖެ، އަހަރެން ވެސް އޭނާއާ ދުރުން އުޅޭނީ، އެކުވެރިކަން ބަދަހިކުރުމުގެ ބޭނުންކެނޑިއްޖެ، ސާރާ ތި ނިންމީ ރަނގަޅަށް، އަހަންނާ ދުރުގައި ހުރޭ، މިހާރު އަދިއަމުދުން އަހަންނެއް ނުލިބޭނެ، ﷲގެ ރަޙުމަތުން އަހަރެން ބޭނުންވި ދިރިއުޅުން ލިބިއްޖެ، މިހާރު އަހަރެން މިހުރީ އުފަލުން... ހޭޒަލް އެހެންމީހަކަށް ލިބުނަކަ ނުދޭނަން، އޭނާއަށް ބޭވަފާތެރިވުމަށްވުރެ މަރުވުން ވެސް މާރަނގަޅު" ދާރިއަންގެ ނުތަނަސްކަން ފިލައި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.
* * * * *
އަނބިމީހާ ގޮވައިގެން ދާރިއަން ޗުއްޓީގެ ދުވަސްތައް ގުނަންފެށިތާ ތިންވަނަ ދުވަހެވެ. ކޮންމެ ދުވަހަކުވެސް ދެ ފަރާތުގެ ޢާއިލާ އެމީހުންގެ ހާލު ބަލައެވެ. މަންމަގެ ފޯނަށް ހޭޒަލްގެ ސެލްފީތައް މެދުކެނޑުމެއްނެތި ލިބެއެވެ. ހެނދު ސައިބުއި ކޯޗަކާކަން މެންދުރު ކާން ހުރި ބުފޭގެ ބާވަތްތައް ނޫނީ މޫދުގެ ކުޅިވަރުގައި އުޅެނިކޮށް ނަގާފައި ހުރި ފޮޓޯތަކެވެ. އެމީހުންގެ ދަރިފުޅުގެ އުފާވެރިކަން އެނބުރި އަތުވެއްޖެކަން ޔަގީންކުރެވޭވަރު ވެއްޖެއެވެ.
ކޮޓަރީގެ ކުރިމަތީ ހުރި ބީޗް ގޮނޑީގައި ދާރިއަންގެ އުނގުތެރޭ ހޭޒަލް އޮތެވެ. އަނބިމީހާގެ ގައިގާ ދެއަތް ވަށާލައި ގާތްކޮށްލައިގެން ދާރިއަން ވެސް އިނީ އިރުއޮއްސެން ކައިރިވަމުން އައިވަރަކަށް އުދަރެހުން ފާޅުވާ ގުދުރަތުގެ ރީތިކަމަށް ގެއްލިފައެވެ.
"ޒެލް!" ދާރިއަން ގޮވާލިއެވެ. ހޭޒަލް ހޫންލައްވާލިއެވެ.
"އަހަރެން ވާހަކައެއް ބުނަންތަ؟" ދާރިއަން އަހާލުމުން މިފަހަރު ވެސް ހޭޒަލް ލައްވާލީ ހޫންއެކެވެ.
"އުމުރުން މައްޗަށް މިތިބަދަނީ، ޢާއިލާއެއް އަހަރެން ބޭނުން، އިތުރަށް މަޑުކުރުމަށްވުރެ އަހަންނަށް ފެންނަނީ އަވަހަށް ޓްރައިކުރަން، ޒެލްގެ ޚިޔާލެއް ބުނެބަލަ، އަދި ރެޑީނޫނިއްޔާ ވެސް ބުނައްޗޭ" ދާރިއަން އިހުނަށްވުރެ ހޭޒަލް ގާތްކޮށްލިއެވެ. ދާރިއަންގެ ގަމީހުގެ ގޮށްތައް ނާޅުވާ ހުރުމުން ހާމަވެފައިވާ މޭމަތީ ހޭޒަލް ބޮސްދިނެވެ.
"ޒެލް! އިހަށް ޖަވާބެއް ދީބަލަ" ހޭޒަލް ވާހަކަ އޮއްބާލަން އުޅެނީއޭ ހީވެ ދާރިއަން ބުނެލިއެވެ.
"ދާރިއަން ކުއްޖަކު ބޭނުންވަނީތަ؟" ހޭޒަލް އަހާލިއެވެ. ހޭޒަލްގެ ހަރަކާތްތައް ހުއްޓި ހިމޭންވެލިއެވެ.
"ބޭނުން! ޒެލް އަހަންނަށް ބޭބީއެއް ދޭނަންތަ؟" ހޭޒަލްއާ ނަޒަރު ސީދާކޮށްލަން ދާރިއަން ބޭނުންވިއެވެ. އެހެންނަމަވެސް އޭނާގެ މޭގައި ހޭޒަލް މޫނު ފޮރުވާލި ގޮތުން ދާރިއަން ސުވާލު އުފެދުނެވެ.
"އަހަންނަށް ބޭބީއެއް ނުދެވިއްޖެއްޔާ" ހޭޒަލްއަށް ބަދަލުތަކެއް އަތުވެއްޖެކަން ދާރިއަންއަށް ވަގުތުން ނަގައިގަނެވުނެވެ.
"އަހަރެން ޒެލް ދުލެއްނުކުރާނަން، ﷲއަކީ ކޮންމެ ކަމަކަށް ވެސް ކުޅަދުންވަންތަ ރަސްކަލާނގެ، މައްސަލައެއް ހުރިއްޔާ ފަރުވާކުރުމަކީ ވެސް އޮތްގޮތެއް، ކުރެވެން ހުރި ކޮންމެކަމެއް އަހަރެން ކުރާނަން، އެކަމަކު ޒެލްއާ ވަތްކެއްނުވާނަން، ތީ އަހަރެންގެ ދެދުނިޔޭގެ ވެސް ބައިވެރިޔާ" ހޭޒަލްގެ ބޮލުގައި ދާރިއަން ބޮސްދިނެވެ. އޭނާގެ ގައިގާ ވަކިން ބޮޑަށް ހޭޒަލް ބައްދާލިއެވެ.
ދަރިއަކު ހޯދާ ވާހަކަ ދާރިއަންއަށް ދެއްކުނީ މާއަވަހަށްހެން އޭނާއަށް ހީވާންފެށީ އެވާހަކަ ދެއްކިފަހުން ހޭޒަލްއަށް ބަދަލުތަކެއް އަތުވެއްޖެކަން ފާހަގަވީމައެވެ. ރިސޯޓުގައި ހުރި ދުވަސްތަކުގައި ދެމެދުގައި އޮތް ގާތްކަމަށް ބަދަލު ނަޔަސް ހޭޒަލް ކޮންމެވެސް ފިކުރަކަށް ގެއްލިފައި ހުންނަތަން ދާރިއަންއަށް ފެންނަނީއެވެ. އެވަގުތުތަކުގައި ހޭޒަލްގެ މޫނުން ހިތްދަތިކަން ފާޅުވެއެވެ. އެކަމަކު އޭނާ ހިތާމަކުރަންވީ ސަބަބެއް ދާރިއަންއަކަށް ނުވިސްނެއެވެ. ހަމައެކަނި އޮތްގޮތަކީ ހޭޒަލް އަދި ދަރިއަކު ބޭނުންނުވުމޭ ދާރިއަންގެ ވިސްނުމަށް އައެވެ.
"ޒެލް! ތި ނަފްސަށް ތަކުލީފެއް ލިބޭކަށް އަހަރެން ނޭދެން، މާދަމާ އަހަރެމެން މާލެ ދާނެ، އޭގެ ކުރީން އަހަރެން އެނގެން ބޭނުން، ޕްލީޒް! ކޮންކަމެއްތަ ޒެލްއަށް އުނދަގޫކުރަނީ، ކުއްޖެއް ހޯދަން ބޭނުންނޫނީތަ؟ އަހަންނަށް ދެއްކުނީ ޒެލް ނޭދޭކަމެއްގެ ވާހަކަތަ؟" ނުނިދިފައި އޮތް ދާރިއަން ވާހަކަދެއްކީ މަޑުންނެވެ. އޭނާއަށް ފުރަގަސްދީގެން އޮތް ހޭޒަލް އެނބުރިލީ އެވަގުތެވެ. ފިރމީހާގެ ދެ ލޮލަށް އޭނާ ބަލާލީ މާނަވީ ގޮތަކަށެވެ. އެ ދެ ލޯ ފެންކަޅިވާތަން ފެނި ދާރިއަން ވަކިން ބޮޑަށް ކަންބޮޑުވެއްޖެއެވެ.
"ވަޓް ހެޕެން؟ ޕްލީޒް ޒެލް، އަހަންނަށް ކަމެއްކުރެވުނީތަ؟ އަހަރެން ވަރަށް ވިސްނައިފިން، އެކަމަކު ވިސްނުމަކަށް ނައި، އެންމެފަހުން އަހަރެން ޒެލްއާ ދެއްކި ވާހަކައިން ތިބަދަލުތަކެއް އައިސްގެން ތިއުޅެނީ، ފެމެލީއެއް ޕްލޭންކުރަން އަވަހީތަ؟" ދާރިއަންގެ ހާސްކަން އެއަޑުން ފާޅުވެއެވެ. އޭނާ އަވަސްއަވަހަށް ހޭޒަލްގެ ކޯތާފަތުން ކަރުނަ ފުހެދެން ފެށިއެވެ. ހޭޒަލް ގެނެސް ގާތްކޮށްލުމާއެކު ބައްދާލައި އެ ދެ ލޮލުގައި ބޮސްދިނެވެ.
"އައި ޑޯންޓް ތިންކް އައި ކޭން ގިވް ޔޫ ވަޓް ޔޫ ވޯންޓް" ރޮވެމުންދިޔަ ހޭޒަލް ބުނެލިއެވެ. ދާރިއަންއަށް ލިބުނު ހައިރާންކަމާއެކު ހޭޒަލް ދުރަށް ޖައްސާލައި އެ މޫނަށް ބަލާލެވުނެވެ.
"ޒެލްއަށް ކުދިން ނުލިބެނީތަ؟" ދާރިއަންގެ ހިތުގައި ސުވާލު އުފެދުނެވެ.
ހޭޒަލް ނާއުންމީދުވެފައިވާވަރު އޭނާ ހާމަކުރިއެވެ. ކުރިން އެތައް ފަހަރު އޭނާ ބަލިވެ އިންކަމެވެ. އެންމެ ފަހަރަކުވެސް ދަރިފުޅު ހަރުނުލިކަމެވެ. ކައިވެނީގެ ހަޤީޤީ އުފާވެރިކަމަކީ ދަރީންނެވެ. ނަމަވެސް އެ އުފާވެރިކަމުން މަހުރޫމްވަނީ އެންމެ ހިތްދަތި ގޮތުގައެވެ. އެއިންކޮންމެ ފަހަރަކު ލިބޭ ހިތްދަތިކަން ތަޙައްމުލު ނުކުރެވެއެވެ. އަބަދުހެން އެހެންވާންޖެހުމުގެ ސަބަބުން ދަރިން ނުލިބުމުގެ ފުރުޞަތު ބޮޑުވެފައިވެއެވެ. ދާރިއަން އެދުނަސް އޭނާއަށް ދަރިއަކު ހޭޒަލް ދާނީ ކިހިނެއްކަމެއް ނޭނގުނެވެ. ދެން ވެސް ބަލިވެ އިނުމާއެކު ކުރިމަތިލާންޖެހޭނީ އެހިތްދަތިކަމާއެވެ. އެ އުނިކަން ދުވަހަކުވެސް ފިލައިގެން ނުދާނޭކަމެވެ. ދާރިއަންގެ އުންމީދުތައް ފުރިހަމަކޮށްދޭން ކިތަންމެ ބޭނުމަސް ހޭޒަލްއަކީ އަނި އަންހެނެއްކަމެވެ.
"ޕްލީޒް ސްޓޮޕް ކްރައިން، އައި ލަވް ޔޫ... ސޯ ޕްލީޒް ޑޯންޓް ކްރައި، ޒެލް ހީކުރާ ގޮތަށް ނުވުމަކީ ވެސް އޮތް ޗާންސެއް، ދެމީހުންވެގެން ﷲއަށް ދަންނަވާނީ، ފަހަރެއްގައި ދަރިއަކު ދެއްވަންވީ ވަގުތު ނުޖެހެނީކަމަށް ވެސް ވެދާނެ، ކެތްތެރިކަމާއެކު ދަންނެވުންމަތީ ދެމިތިބުމަކީ އޮތް ގޮތެއް، ދަރިއަކު ދެއްވައިފިނަމަ ޔަގީނުންވެސް އެކުއްޖާވާނީ ޞާލިޙު ކުއްޖަކަށް، އަހަރެމެންގެ ބަސްއަހާ އަހަރެމެންދެކެ ލޯބިވާނެ، އަހަރެމެންގެ މައިންބަފައިންދެކެ ލޯބިވާނެ ކުއްޖަކަށް، އަދި އުންމީދު ކަނޑާލާކަށްނުވޭ، ކެތްތެރިކަމާއެކު ﷲއަށް ވަކީލުކުރި ދެމީހުން އަހަރެމެންނަކީ، ދަތިކަމަށްފަހު ކެތްތެރިކަމުގެ އަގު ލިބިއްޖެ، ހިތްހަމަޖެހުން މިދިރިއުޅުމުގައިވޭ، ޕްލީޒް ލަވް! ސްޓޮޕް ކްރައިން، ހޭ! އެހެންވީމަ ހިނގާ ބޭބީއެއް ހޯދަމާ، އަހަންނަށް ފެންނަނީ މިހާރު ވެސް ޓްރައިކޮށްލަން، ނޫންތަ؟ އައި ވޯންޓް ޔޫ!... ނައު!..." ދާރިއަންގެ ވާހަކައިން ހޭޒަލްގެ ހިތްހަމަޖެހުނެވެ. ހަމައެއާއެކު ކަރުނައިގެ ތެރެއިން އޭނާއަށް ހީނލެވުނީ ދާރިއަންގެ ޢަމަލުތައް ހުރި ގޮތުންނެވެ. އޭނާ ރޯން ދާރިއަން ދޫކޮށެއްނުލިއެވެ. އޭނާއަށް ދާރިއަންގެ ސަބަބުން އެއްވެސް ކަމެއްގައި މާޔޫސްވާގޮތެއްނުވެއެވެ. ފިރިއެއްގެ ފަރާތުން ކުރިން ނުލިބޭ ހިތްވަރެއް ހޭޒަލްއަށް އިޙްސާސްކުރެވެއެވެ. ދާރިއަންގެ ސަމާސާތަކަށް ކެތްނުކުރެވި ހޭޒަލްގެ ހުނުމުގެ އަޑު ކޮޓަރިތެރެއަށް ފެތުރިއްޖެއެވެ. ރުއިމަށްފަހު އެހާ އަވަހަށް އޭނާ އުފާވެރިކަމުގެ ހުނުމަކުން ހޭންޖެހިދާނޭ ހިޔެއްނުކުރެއެވެ. ދާރިއަންގެ އޯގާތެރިކަމާއި އަޅާލުން އޭނާ ހިތާމަކުރާކަށް ފުރުޞަތެއް ނުދޭނޭކަން ހޭޒަލްއަށް އެނގެއެވެ. ހިތުގެ ޖަޒުބާތުތައް ފުންވެގެން ދިޔައީ ފިރިމީހާގެ މައްޗަށް ގަދަވެގަތް ހޭޒަލްގެ ލޯތްބެވެ.
* * * * *
އެއް މަސްފަހެވެ.
ފޯނު އަތަށް ލައިގެން އެއަށް ބަލަން ހޭޒަލް އިނެވެ. ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައެވެ. އަސުރުގެ ފަހުން ދާރިއަން އަންނާނޭކަން އެނގެއެވެ. އޭގެ ކުރީން އޭނާ ތައްޔާރުވާންޖެހޭނޭކަން އެނގެއެވެ. ބޮލުގައި ރިއްސާތާ ހަފްތާއެއްވީއެވެ. ޑަކްޓަރަށް ނުގޮސް މިއަދު ނުވާނޭކަން ހޭޒަލްއަށް އެނގެއެވެ. އެކަމަކު އޭގެ ކުރީން އޭނާ ކުރަންޖެހޭ ކަމެއް އެބައޮތެވެ.
(ނުނިމޭ)