ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖޭން ދިޔަ ފަހުން ފެލައިނީ ޕޮޒިޓިވްވުމުން، ކޮންޓެކްޓްވި މީހުން ހޯދަން ފަށައިފި

Mar 22, 2020
4

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި ދިޔަ ފަހުން، މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ، ރާއްޖޭގައި ހުރި މުއްދަތުގައި ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ، ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް 8 ވަނަ ދުވަހު އެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ރާއްޖޭން ފުރައިގެން އެނބުރި ޗައިނާއަށް ގޮސްފައިވަނީ މާޗް 12 ވަނަ ދުވަހު ކަމަށް މަބުރޫކު ވިދާޅުވި އެވެ.

"އޭނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މާޗް 20 ވަނަ ދުވަހު. އެހެންވީމާ، އޭނާއަށް އެންމެ އަވަހަށްވެސް އެ ވައިރަސް ޖެހުނުކަމަށް ބެލެވޭނީ މާޗް 6 ވަނަ ދުވަހު. އެއީ ޕޮޒިޓިވްވި ފަހުން 14 ދުވަސް ކަމަށް ބަލައިގެން. އެކަމަކު އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި އޭނާއަށް ވައިރަސް ޖެހިފައިވަނީ ރާއްޖޭން ފުރައިގެން ދިޔަ ފަހުން،" މަބުރޫކު ވިދާޅުވި އެވެ.

މަބުރޫކު އިތުރަށް ވިދާޅުވި ގޮތުގައި، ފެލައިނީ ރާއްޖޭގައި ހުރި މުއްދަތުގައި ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، އަދި އޭގެ ތެރެއިން އެކަކު މިހާރުވެސް އެކަހެރިކުރެވިފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ.

އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.