ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު މީހަކު ނުފެންނަތާ ހަފުތާއެއްހާ ދުވަސް މިހާރު ވެފައިވާތީ، މިއީ އެންމެން ހަމަޖެހިލަންވީ ވަގުތެއް ނޫން ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާތަނަށް 13 ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅުވެފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވި ގޮތުގައި ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ދެ ހަފުތާއަށް ބަންދު ކޮށްފައިވީ ނަމަވެސް، އަދިވެސް މާލޭގެ މަގުތައް ފެންނަނީ ވަރަށް ކާރޫބާރު ބޮޑު ކަމަށެވެ.
އޭނާ ވިދާޅުވީ ފަހަރެއްގައި އެއީ ބަލި ޖެހުނު މީހުންގެ ތެރެއިން ބަޔަކު ރަނގަޅުވުމުގެ އިތުރުން، އާ މީހަކަށް އެ ބަލި ޖެހިފައި ނުވުމުން، ގިނަ ބަޔަކު ކުޑަކޮށް ހަމަޖެހިލެވުނީ ކަމަށްވެދާނެ ކަމަށެވެ.
"އެކަމަކު އެފަދަ ހާލަތަކަށް އަދި ރާއްޖެއެއް ނުދޭ. ކޮންމެ ވަގުތެއްގައި ވެސް އެ ބަލި ޖެހިފައިވާ މީހަކު ފެނުމުގެ ފުރުސަތު އަދިވެސް ހަމަ ބޮޑު،" ރާއްޖެއަށް އަދި ހަމަޖެހިލެވެން ނެއްކަން ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ނަޒްލާ އިތުރަށް ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ވެސް، ވައިރަސް ފެތުރިގެން ގޮސްފައި ވަނީ ކުއްލިއަކަށެވެ. ސިއްހީ އިދާރާތަކުން ސޯޝަލް ޑިސްޓެންސިންއަށް ބާރު އަޅަނީ އެ ސަބަބާ ހެދި އެވެ.
އެގޮތުން، ބަލި ޖެހުނު މީހުނާ ކޮންޓެކްޓުވި މީހުން އެކަހެރިކުރުމުގެ އިތުރުން، އެ މީހުންގެ ފަރާތުން އިތުރު ބަޔަކަށް އެ ބަލި ފެތުރުން ހުއްޓުވޭނީ، އާންމުން ތަންތަނަށް އެއްނުވެ، ގޭގައި މަޑުކޮށްގެންކަން ނަޒްލާ ތަކުރާރު ކުރެއްވި އެވެ.
އެކަމަށް ބާރު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ، ކޮރޯނާ ވައިރަހަށް އިތުރު ބަޔަކު ޕޮޒިޓިވް ވަމުން ނުދިޔަ ނަމަވެސް، މި ހާލަތުން އަރައިގަންނަ އަދި ގާތް ވެސް ނުވާ ކަމަށެވެ.
"މިކަމުގައި އެންމެ ހާސްވާ ކަމަކީ ފުރަތަމަ ވައިރަސް ޖެހިގެން އެއް ލައްކައަށް ބަލި މީހުންގެ އަދަދު މި އެރީ 90 ދުވަހުގެ ތެރޭގައި. ދެ ލައްކަ އަށް އަރަން 11 ދުވަސް ނެގީ އަދި ހަފުތާއެއްގެ ތޭރައި ތިން ލައްކަ އަށް އަރައިފި،" ބަލި ފެތުރެމުންދިޔަ ހަލުވިމިނަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.