ހަބަރު

ޒުވާނުންނަކީ ރާއްޖެ ކުރިޔަށް ގެންދިއުމުގެ މޯޓަރު: ރައީސް

Jan 7, 2015
1

ރައީސް ޔާމީންގެ ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގެ ދަށުން ކުޅިވަރުތަކުގެ ސީނިއާ ގައުމީ ސްކޮޑުތަކުގެ ކުޅުންތެރިންނަކީ މުސާރަ ލިބޭ ޕްރޮފެޝަނަލުންގެ ގޮތުގައި ހަމަޖެއްސުމުގެ ވައުދު ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެ ކުރިއަށް ގެންދެވޭނީ ޒުވާނުންގެ ހަކަތައިގައި ހުރި ބާރުމިނެއް ޒުވާނުން ސަރުކާރަށް ދައްކައިގެން ކަމަށާއި ޒުވާނުންގެ ހަކަތަ ސަރުކާރަށް ދައްކާނަމަ ޒުވާނުންނަށް އެ މަނިކުފާނުގެ ސަރުކާރުން ކޮށްދޭން ހުރި ކަންތައްތަކަކީ އަގު ނުކުރެވޭނެ، ހުސްނުވާވަރުގެ ކަންތައްތައް ކަމަށެވެ.  

ރައީސް ވިދާޅުވީ ރާއްޖެއަކީ އަމާން ގައުމަކަށް ހަދަން ޖެހޭ ކަމަށާއި ރާއްޖެ އަމާން ތަނަކަށް ހެދުމަށް މުޖުތަމައުގައި ހުރި މައްސަލަތައް ހައްލު ކުރަމަކީ ވަކި ފަރުދެއް ވަކި ޖަމާއަތެއްގެ ޒިންމާއެއްނޫން ކަމަށެވެ. އަމާން ތަނަކަށް ރާއްޖެ ހެދުމަށް ކުޅުންތެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެންގެ ގައުމީ ޒިންމާއެއް އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އިޖްތިމާއީ އެކި ބަލިމަޑުކަން އާންމުވެފައިވާ ކަމަށާއި ކުޅިވަރުގައި ވާދަވެރިކަމާއެކީ ކުރިބޯއްޓާ ހަމައަށް ދިއުމަށް ބޭނުންވާނަމަ އެފަދަ އިޖްތިމާޢީ ބަލިމަޑުކަމުން ދުރުގައި ހުންނަންޖެހޭ ކަމަށެވެ.

އަދި، ގައުމު ބިނާ ކުރުމާއި، ގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ނުބައި ކަންކަމުން އެހެން ކުދިން ދުރަށް ގެންދަން އިސްނަގައިގެން މަސައްކަތް ކުރުމަކީ، ކުޅިވަރުގެ ދާއިރާއިން ގައުމަށް ޚިދުމަތް ކުރުމަށް ލިބޭ ފުރުޞަތުތަކުގެ ތެރެއިން ހިމެނޭ ފުރުޞަތުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ވަރަށް ގިނަ ބައެއްގެ މަގުބޫލު ޝަޙްސިއްޔަތުން ކަމަށްވާއިރު، ޤައުމުގެ އިޖްތިމާއީ މަސައްކަތްތަކުގައި ސިޔާސީނުވެ އެކަންކަން ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ރައީސް ވިދާޅުވި އެވެ.  

ރައީސް ވިދާޅުވީ ކުޅިވަރު ކުޅުމަކީ ހުސް ވަގުތު ފުރާލުން ނޫން ކަމަށާއި، އެއީ ގަައުމު ބިނާ ކުރުމުގައި ވަރަށް މުހިންމު ރުކުނެއް  ކަމަށެވެ. އަދި އެއީ ގައުމު އުމު ބިނާކުރަން ބޭނުންވާ، އަދި ކުޅިވަރުގެ ބޭރުން ދަތުރުކުރަން ބެނުންވާ ރާސްތާއަކަށް ދަތުރުކުރުމަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިއްބައިދޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ގައުމު ބިނާ ކުރަން ބޭނުންވާ އެއްބައިވަންތަކަމުގެ ރޫޙާއި، ވާދަވެރިކަމުގެ ރޫޙާއި، ކުރިއަށް ދިއުމުގައި ހުރި ހިތްވަރާއި، އެ މީހަކަށް ދަސްވެފައިހުރި ތަމްރީނެއްގެ ބޭނުން ޢަމަލީގޮތުން ހިފުމަކީ، ކުޅިވަރުން ނަގައިދޭ ވަރުގަދަ ފިލާވަޅުތައް،" ރައީސް ވިދާޅުވި އެވެ.