އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުން ކޮވިޑް-19 އަށް ދިވެއްސެއްގެ ފަރާތުން ޝައްކުވާ އަލާމާތްތަކެއް ފެންނާތީ އޭނާ ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. އޭނާގެ ނަތީޖާ ލިބެންދެން ރިސޯޓް ވަނީ މޮނީޓާ ހާލަތަށް ގެނެސްފަ އެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 600 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަތް ދުވަސް ވަނީ ވެފަ އެވެ.
ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.