ހަބަރު

ހުޅުމާލޭގައި ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހަތް އަހަރުގެ އަންހެން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިއަދު އިރުއޮއްސި ހައެއް ޖަހަނިކޮށް ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލޭގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި، މިއަދު އުތުރުގެ ރަށަކުން ވެސް ވަނީ ކުޑަ ފިރިހެން ކުއްޖަަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު ވެސް އުތުރުގެ ރަށަކުން ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ ގޮތުން ދާދި ފަހަކުން ވަރަށް ޅަ އުމުރުގެ ތުއްތު ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ.