ކުރީގެ މަޝްހޫރު ފިލްމީ ބަތަލާ ހެމާ މާލިނީ ދާދި ފަހުން ވަނީ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ދަރިފުޅު އީޝާ ޑެއޯލް އާއެކު ބައިވެރިވެފަ އެވެ. އީޝާގެ ބައްޕަ ދަރުމެންދުރަ އާއި އާއިލާއަކީ ވަރަށް ބޯދާ ޚިޔާލު ގެންގުޅޭ ބައެއްކަން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ދަނެ އެވެ.
މި ޝޯގައި ވާހަކަ ދައްކަމުން ހެމާ ކިޔައިދިން ގޮތުގައި އީޝާ ފިލްމު ކުޅެން ބޭނުންވެގެން އެ ވާހަކަ ދެއްކުމުން އޭނާގެ ބައްޕަ ދަރުމެންދުރަ އެކަމާ ވަރަށް ނުރުހުނެވެ. އަދި އީޝާ ފިލްމު ކުޅުމާ ކަނޑައެޅިގެން ދެކޮޅުހެދި އެވެ.
ހެމާ ބުނި ގޮތުގައި އީޝާ އަކީ ކުޑައިރު ކިޔެވުމަށް ވުރެ ބޮޑަށް އިތުރު ހަރަކާތްތަކާއި ކުޅިވަރަށް ލޯބިކުރި ކުއްޖެކެވެ. އަދި އެމީހުންގެ ގޭގައި ވެސް ނެށުން ފަރިތަ ކުރުން ވަރަށް ގިނައިން އޮންނާތީ އޭނާ ނެށުމަށް ޝައުގުވެރިވެ ޕްރޮފެޝަނަލް ނެށުންތެރިއަކަށް ވާން ބޭނުންވި އެވެ. އަދި ފަހުން ބޮލީވުޑް ފިލްމުތައް ކުޅުމުގެ ޝައުގު އީޝާގެ ހިތުގައި އުފެދުނެވެ. ނަމަވެސް އޭނާގެ ބައްޕަ އެކަމާ ދެކޮޅު ހެދީ އެވެ. ނަމަވެސް ހެމާ ވަރަށް މަސައްކަތުން އީޝާ ފިލްމު ކުޅުމުގެ ހުއްދަ ދޭން އޭނާގެ ބައްޕަ ލައްވާ އެއްބަސް ކުރުވީ އެވެ.
ބޮލީވުޑްގެ އެންމެ ބޮޑެތި ފިލްމުތަކުގެ ތެރެއިން "ދޫމް"، "ޔޫވާ" އަދި "ކާލް"ގައި އީޝާ ބައިވެރިވެފައި ވެއެވެ. ނަމަވެސް ބައްޕަ އާއި އެއްބަފާ ދެ ބޭބެ ކަމަށްވާ ސަނީ އާއި ބޮބީ ޑެއޯލް ފަދައިން ބޮލީވުޑްގައި ރަނގަޅު މަގާމެއް ހޯދުމުގައި އީޝާ އަށް ވެސް ވީ ނާކާމިޔާބެވެ.
މިހާރު ޑެއޯލް އާއިލާގެ އެއްވެސް މެމްބަރަކު ބޮލީވުޑްގައި އެހާ ބޮޑަކަށް ހަރަކާތްތެރިއެއް ނުވެ އެވެ. ނަމަވެސް ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނާއި ފޭނުން މި އާއިލާއަށް އިހުތިރާމާއި ލޯބި ދީފައި ވެއެވެ.
އީޝާ ބުނި ގޮތުގައި ކުރިޔަށް އޮތް ތަނުގައި ފިލްމު ކުޅުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ކައިވެނިކޮށް ދެ ދަރިން ލިބިފައިވާތީ ދެން ބޭނުންވަނީ ގެވެހި އަންބެއްގެ ގޮތުގައި ދިރިއުޅުން ހޭދަކުރަން ކަމަށް އީޝާ ބުންޏެވެ.
އީޝާ ވަރަށް ފަހުން ވަނީ އޭނާ މަންމަ އަކަށް ވުމާއި ދަރިން ލިބުމުން ކުރެވުނު ތަޖުރިބާތައް ފޮތެއްގެ ސިފައިގައި ލިޔެ ނެރެފަ އެވެ. މި ފޮތުގެ ނަމަކީ "އައްމާ މިއާ" އެވެ.