ލައިފްސްޓައިލް

15 ކިލޯ ބަރުވުމަށްފަހު ކްރީތީ ސެނޯން ވެސް ހިކެން މަސައްކަތްކުރަނީ

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ "މިމީ"ގެ މަސައްކަތް މިމަހުގެ ފަސް ވަނަ ދުވަހު ކްރީތީ ސެނޯން ވަނީ ނިންމާލާފަ އެވެ. "މިމީ" އަކީ އެންމެ މޮޅު ފިލްމުގެ ނެޝަނަލް އެވޯޑު 2011 ގައި ލިބުނު މަރާޓީ ފިލްމު "މާލާ އާއި ވޭޗީ"ގެ ހިންދީ އެޑަޕްޓޭޝަނެކެވެ.

ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކުރާ މި ފިލްމުގައި 29 އަހަރުގެ ކްރީތީ ކުޅެނީ ސަރަގޭޓް މަންމައެއްގެ ރޯލެވެ. ރާޖަސްތާންގެ މަންޑަވާ ކިޔާ އަވަށެއްގައި ހިނގާ ހާދިސާތަކެއް މި ފިލްމުގައި ދައްކަ އެވެ.

މި ފިލްމަށް ކްރީތީ އަށް ކޮންމެހެން ކުރަން ޖެހުނު އެއް ކަމަކީ 15 ކިލޯ ބަރުވުމެވެ. ކްރީތީ ބުނީ އަބަދުވެސް ވަރަށް ހިކިކޮށް ހުންނާތީ މިހާވަރަށް ފަލަ ވެވިދާނެކަމަކަށް ޚުދް އޭނާ ވެސް ގަބޫލެއް ނުކުރެ އެވެ.

"އަހަރެން ކިތަންމެ ވަރަކަށް ޕިއްޒާ އާއި ޕާސްތާ ފަދަ ތަކެތި ކެޔަސް ބަރުދަނަށް އެއްވެސް ބަދަލެއް ނާދޭ. އެއީ އަހަރެންގެ މެޓަބޮލިޒަމް ރަނގަޅުކަމުން. މި ފިލްމުގެ ސަބަބުން މެޓަބޮލިޒަމް ގޯސް ނުވާނެކަމަށް އުންމީދުކުރަން،" ކްރީތީ ބުންޏެވެ.

ކްރީތީ ބުނި ގޮތުގައި ފަލަ ވުމަށްޓަކައި އޭނާ ކާ މިންވަރު އިތުރުކުރަން ޖެހުނީ މަޑުމަޑުންނެވެ. ސަބަބަކީ އޭނާއަކީ އާއްމުގޮތެއްގައި ވަރަށް ކުޑަކުޑަ އެތިކޮޅެއް ކާލައިގެން ބަނޑު ފުރޭ މީހަކަށް ވާތީ އެވެ. އެހެންވެ ފަލަވާން މަސައްކަތްކުރި ބައެއް ދުވަސް ދުވަހު އޭނާއަށް ބަނޑު ފުރުނަސް ހިތްވަރުކޮށްފައި އިތުރަށް ކާން ޖެހުނެވެ.

ފިލްމުގައި އޭނާގެ ކެރެކްޓާއަށް އޭނާ ފަލަވުން މުހިއްމު ކަމަށް ވެފައި އެ ކަން ފުރިހަމަ ކުރެވުނީތީ ކްރީތީ ހުރީ ހިތްހަމަޖެހިފަ އެވެ. ކްރިތީ ބުނި ގޮތުގައި ފަލަކޮށް ހުންނަ ބައިގެ ޝޫޓިން އޭނާ ފުރިހަމަކުރީ އެންމެ ފުރަތަމައިނުންނެވެ. ހިކިކޮށް ހުންނަން ޖެހޭ ބަޔާއި ލަވަތައް ފަހަށް ބަހައްޓާފަ އެވެ.

ފަލަކޮށް ހުރެގެން ކުޅެން ޖެހޭ ބައި ނިމުމުން އަވަހަށް ހިކެން ކްރީތީ މަސައްކަތް ފެށި އެވެ. ނަމަވެސް ފަލަވުމަށްފަހު ހިކެން އެހާ ފަސޭހަ ނޫން ކަމަށް ކްރީތީ ވެސް އެއްބަސްވެ އެވެ. އެގޮތުން ފުރަތަމަ ފަހަރަށް އޭނާއަށް ޑައިޓްކުރަން ޖެހުނީ މިފަހަރު ކަމަށް ކްރީތީ ބުންޏެވެ.

"އަހަރެން ކަސްރަތު ނުކުރާތާ ވެސް އެތައް ދުވަހެއް ވެފައިވާތީ އަހަރެންގެ ގައިގެ ފަންވަރު ވެސް ހުރީ ވަރަށް ދަށްވެފައި،" ކްރީތީ ބުންޏެވެ.

ކްރީތީ ދެން ކުޅެން އޮތީ ވެސް ޕްރޮޑިއުސަރު ދިނޭޝްގެ ފިލްމެކެވެ. އަބީޝެކް ޖެއިން ޑައިރެކްޓްކުރާ މި ފިލްމަކީ މައިންބަފައިން މަރުވެފައިވާ ދެ ކުއްޖެއްގެ ވާހަކައިގެ މައްޗަށް ކުޅޭ ފިލްމެކެވެ. މިއީ ވަރަށް މަޖާ ކޮމެޑީ ފިލްމެކެވެ.

ކްރީތީ ބުނީ "މިމީ"ގެ ފަހު ޝެޑިއުލް ވަރަށް ސިކުނޑިއަށް ބުރަ ކަމަށާއި އެހެންވެ މަޖާ ކޮމެޑީ ފިލްމެއް ކުޅެލަން ވަރަށް ބޭނުންވެފައި ހުރި ކަމަށެވެ. މި ފިލްމުގައި ކްރީތީ އާއެކު ބައިވެރިވާނީ އޭނާގެ "ބަރޭލީ ކީ ބަރްފީ"ގެ ކޯސްޓާ ރާޖްކުމާރު ރާއޯ އެވެ.