ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޔޫރަޕާއި މެދުއިރުމަތީގައި އުޅެފައި އައި ދިވެއްސަކު ޓެސްޓް ކުރަނީ

ބޭރުގެ ބައެއް ގައުމުތަކުގައި ދަތުރު ކޮށްފައި އަދި ދިވެއްސެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން އޭނާ ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި އެ މީހާ އަކީ ޔޫރަޕާއި މެދު އިރުމަތީގެ ގައުމުތަކަކަށް ދަތުރު ކޮށްފައިވާ އައި ދިވެއްސެކެވެ. ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް އޭނާ އެކަހެރި ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން ފަހުން ނެގި ސާމްޕަލްތަކުގެ ތެރެއިން ގިނަ ސާމްޕަލްތަކުގެ ނަތީޖާ ވަނީ ނެގެޓިވް ވެފަ އެވެ. ނަތީޖާ ނުލިބި އޮތް ބައެއް ސާމްޕަލްތައް ވެސް އެބަ ހުއްޓެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުގައި ތިބި ފަސް މީހަކާއި، އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ މީހަކާއި، އއ. ބަތަލާ ރިސޯޓުގައި ތިބި ދެ މީހަކާއި، ކ. އަނަންތަރަ ދިގު ރިސޯޓުގައި ތިބި ދެ މީހަކާއި، އައިލެންޑް ސަފާރީ ކިޔާ ސަފާރީއެއްގައި ތިބި ދެ މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ.

އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ފަރުވާކުރެވި ރަނގަޅު ކުރެވިފަ އެވެ. އޭގެ ތެރެއިން ދެ މީހަކީ އއ. ބަތަލާ ރިސޯޓުން ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދިން ބިދޭސީ ދެމަފިރިއެކެވެ. ތިންވަނަ މީހާއަކީ ޅ. ކުރެންދޫ ރިސޯޓުން ޕޮޒިޓިވްވެގެން އެކަހެރި ކުރި އެ ރިސޯޓުގެ ބިދޭސީ ޑޮކްޓަރެކެވެ.

ރާއްޖޭން އެ ބައްޔަށް ޕޮޒިޓިވް މީހަކު ނުފެންނަތާ ވެސް ހަފުތާއެއް ވެއްޖެ އެވެ. އެހެން ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަދިވެސް ގެންދަނީ އަޅަމުންނެވެ. އަދި ހާލަތުން އަރައިގަނެފައި ނުވާ ކަމަށާއި އާންމުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި އެޗްޕީއޭގެ އެންގުންތަކަށް އަމަލު ކުރުމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.