އިލެކްޝަންސް ކޮމިޝަން

އީސީގެ ޖަލްސާ ބޭއްވީ ކޯރަމް އޮވެގެން: ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިއަދު ބޭއްވި ކުއްލި ބައްދަލްވުން ބޭއްވީ ކޯރަމް އޮވެގެން ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އެ ކޮމިޝަންގެ ކުރީގެ ނާއިބް ރައީސް އަހުމަދު އަކްރަމް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވުމާއި ގުޅިގެން އެ ކޮމިޝަންގެ މެންބަރު ކަމަށް އަކްރަމް އައްޔަން ކުރައްވާ އޭނާއަށް މެންބަރުކަމުގެ ފަތްކޮޅު މިއަދު ވަނީ ދެއްވާފައެވެ.

އެއާއެކު އިލެކްޝަންސް ކޮމިޝަންގެ 25 ވަނަ ކުއްލި ޖަލްސާގައި މެންބަރުންގެ އިއްތިފާގުން ކޮމިޝަންގެ ނާއިބް ރައީސް ކަމަށް އަހުމަދު އަކްރަމް އިންތިހާބު ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ. ކޮމިޝަންގެ މި ޓްވީޓާ ގުޅިގެން މިއަދު ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް އެ ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ.

އަދި މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ކިތަށް މެންބަރުންކަން ސާފު ކޮށްދެއްވުމަށް ފުއާދު ވަނީ އެދިވަޑައިގެންފައެވެ.

ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިއަދުގެ ބައްދަލްވުމުގައި ފުއާދު ފިޔަވައި އެހެން ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ. އެއީ ހަތަރު މެންބަރުންނެވެ. އެއީ ޝަރީފްގެ އިތުރުން މެންބަރު އިސްމާއީލް ހަބީބް އާއި، މެންބަރު އަލީ ނަޝާތުގެ އިތުރުން އަހުމަދު އަކްރަމް އެވެ.

ޝަރީފް ވިދާޅުވީ ޖަލްސާއެއް ބޭއްވުމުގެ ކޯރަމަކީ ތިން މެންބަރުން ކަމަށާ އެހެން ކަމުން މިއަދުގެ ޖަލްސާ ބޭއްވީ ކޯރަމް އޮވެގެން ކަމަށެވެ.