ސްރީލަންކާ

ސާކް ރިލީފް ފަންޑަށް ލަންކާއިން ފަސް މިލިއަން ޑޮލަރު

ދުނިޔޭގައި ހަލުއިކޮށް ފެތުރެމުންދާ ކޮރޯނާ ވައިރަހާ ދެކޮޅަށް ސާކް ގައުމުތަކުން ކުރާ މަސައްކަތަށް ހުޅުވާފައިވާ އެމަޖަންސީ ރިލީފް ފަންޑަށް ސްރީލަންކާއިން ފަސް މިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ.

ލަންކާގެ ކަމާބެހޭ އިދާރާތަކުން ބުނީ ރިލީފް ފަންޑަށް ސްރީލަންކާއިން ފަސް މިލިއަން ޑޮލަރު ދިނުމަށް ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ނިންމަވާފައިވާ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސް ނެންގެވުމަކަށް އުފައްދަން ސާކްގެ އަށް ގައުމުގެ ވެރިން މިދިޔަ އާދީއްތަ ދުވަހު ހުށަހެޅި ފަންޑަށް އިންޑިއާ އިން 10 މިލިއަން އެމެރިކާ ޑޮލަރު ދޭނެ ކަމަށް ބޮޑު ވަޒީރު މޯދީ ވިދާޅުވެފައި ވެއެވެ.

މި ފަންޑަށް ރާއްޖެއިން ދޭން ނިންމާފައިވަނީ ދެ ލައްކަ ޑޮލަރެވެ. އަދި ނޭޕާލުން ވަނީ އެއް މިލިއަން ޑޮލަރު އެ ފަންޑަށް ދިނުމަށް ނިންމާފައެވެ. އަފްގާނިސްތާނުންވެސް ވަނީ އެއް މިލިއަން ޑޮލަރު ދޭނެ ކަން ހާމަކޮށްފައެވެ. އަދި ބޫޓާނުން ވަނީ އެއްލައްކަ ޑޮލަރު އެމަޖަންސީ ރިލީފް ފަންޑަށް ދޭނެކަން ހާމަކޮށްފައެވެ.

ކުރިން މޯދީ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ބަލާއިރު، ސާކު ގައުމުތަކުގެ މެދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އަދި ހިފެހެއްޓިފައި އޮތް ނަމަވެސް، އެ ބަލި ފެތުރިގެންދާނެ ހާލަތަކަށް ދުރާލައި ތައްޔާރުވާންޖެހެ އެވެ.

އެގޮތުން، އެމަޖެންސީ ފަންޑެއް އުފެއްދުމުގެ އިތުރުން، މިފަދަ ބަލިމަޑުކަމަކަށް ތައްޔާރުވުމުގެ ގޮތުން ސާކް ގައުމުތަކުގެ މެދުގައި މެޑިކަލް ރެސްޕޮންސް ޓީމެއް ތަމްރީނު ކުރަން ޖެހޭނެ އެވެ.