ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އަދިވެސް މައި ގޭޓު ބަންދުކުރާކަށް ނުވޭ؟

Mar 23, 2020
17

ކޮވިޑް-19 ޗައިނާ އިން ބޭރުވެގެން ދުނިޔޭގެ އެހެން ގައުމުތަކަށް ފެތުރެން ފެށުމާއެކު، ރާއްޖެއަށް ފަތުރުވެރިން އެތެރެވުން ހުއްޓުވަން އޭރުވެސް ގޮވަމުންދިޔަ އެވެ. އެކަމަކު ސަރުކާރުން ބުނީ އިގުތިސޯދު ވެއްޓިދާނެ ވަޅުގަނޑަކަށް ބަލައި، ބޭރު ފައިސާ ވަންނަ ހަމައެކަނި ދޮރު ބަންދުކުރެވެން ނެތް ކަމަށެވެ.

ރާއްޖެ އައި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން އެ ނުރައްކާތެރި ބަލި، އޭނާ ޗުއްޓީ ހޭދަކުރި ރިސޯޓުގެ ދެ މުވައްޒަފަކަށް ޖެހުމާއެކު އެ އަޑުތައް އިތުރަށް ގަދަވި އެވެ. އަދި އޭރު އެ ބަލި އެންމެ ބާރަށް ފެތުރެމުންދިޔަ ގައުމުން މީހުން އައުން ހުއްޓުވަން ލަސްވިކަމުގެ ތުހުމަތުތައްވެސް ސަރުކާރަށް އަމާޒުވި އެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް އެރިއިރުވެސް، ސަރުކާރުން ތަކުރާރުކޮށް ބުނަނީ އެއް ވާހަކައެކެވެ. އިގުތިސޯދަށް ވާނެ ގެއްލުމުގެ އިންޒާރު ދެމުންނެވެ. ސަރުކާރުން ދައްކަނީ ބަހަނާއެއް ކަމަށް ބުނާ ބަޔަކު ތިއްބަސް، އެ ވިސްނުމުގައި ބުރަދަން ހުރިކަން ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ފަތުރުވެރިން އައުން ހުއްޓުވައިފިނަމަ، ރާއްޖޭގެ ނާޒުކު އިގުތިސޯދު ހުއްޓޭނެކަން ތަފާސް ހިސާބުތަކުންވެސް ވަރަށް ސާފެވެ.

ހާލަތު ބަދަލުވެއްޖެ!

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވާ ގޮތުން، ކޮވިޑް-19ގެ ކުރިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ހުރީ ދުވާލަކު 5،000 އަށް ވުރެ މަތީގަ އެވެ. އެކަމަކު، މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ 204 އަށް ތިރިވެފަ އެވެ. އެއީ ސަރުކާރުން މިއަދު ދިން ތަފާސް ހިސާބެކެވެ. ދެން އޮތީ ރާއްޖޭގެ މައި އެއާޕޯޓުގެ ނަންބަރު ތަކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އިއްޔެ އައިސްފައިވަނީ އެންމެ 16 ފްލައިޓް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

ސަރުކާރުން މިހާތަނަށް ދައްކަމުން އައި ވާހަކަތަކާމެދު ސުވާލު އުފައްދަންޖެހެނީ އެހެންވީމަ އެވެ. ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން މީހުން އެތެރެވުމާއި ބޭރުވުން މަނާކޮށްފައިވާތީ، ދުނިޔޭގެ ޓޫރިޒަމް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ބޯޑަރު ހުޅުވައިގެން، ރަތް ދޫލައިގެ މަރުހަބާއެއް ކިޔަން ތައްޔާރުވެގެން ތިއްބަސް، އެންމެ އަންނަ ހިތުން ތިބި ޓޫރިސްޓުންނަކަށް ރާއްޖެއަށް އާދެވޭކަށް ނެތެވެ.

ކަން އެހެން އޮތްއިރު، ރާއްޖޭގެ މައި ގޭޓު، ބޭރު މީހުނަށް ބަންދުކޮށްގެން މިވަގުތު ލިބޭނެ މާ ބޮޑު ގެއްލުމެއް ނުފެނެ އެވެ. ބުކިންތައް ކެންސަލްވެގެން، ގިނަ ރިސޯޓުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ގެސްޓުހައުސްތައް އެ ވަނީ ބަންދުކޮށްފަ އެވެ. ދެން އެންމެ 200 އެއްހާ ޓޫރިސްޓުން ނަޔަސް، ރާއްޖޭގެ އިގުތިސޯދަށް ލިބޭނެ އިތުރު ގެއްލުމެއް ނުސްވިނެ އެވެ.

އެކަމަކު ކިތަންމެ މަދުންނަމަވެސް، އެމީހުން އައުން ހުޅުވާލާފައި ބާއްވައިގެން ރާއްޖެ ހުށަހެޅޭ ނުރައްކާ މިއަދުވެސް އެ އޮތީ ހާމަވެފަ އެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވި ކޭހެއް ރާއްޖޭން ނުފެންނަތާ ހަފްތާއަކަށް ގިނަ ދުވަސްވެފައިވަނިކޮށް، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި ދިޔަ ފަހުން، މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ، އޭނާއާ ބައްދަލުވި ބައެއް ދިރިއުޅޭ ދެ ގެއެއް ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު އެވަނީ ބުނެފަ އެވެ.

ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް މިއަދު މާލޭގައި ހުރި ދެ ގޭގައި ވެސް ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި ބަޔަކު އެބަތިއްބެވެ.

ދެ ގެއަށް ވެސް މީހުން ވަނުމާއި ނުކުތުން މަނާކޮށް މޮނީޓާ ކުރަމުންދާނީ އެ ގޭގައި ތިބި މީހުންގެ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން ކަމަށާއި، އެމީހުންގެ ފަރާތުން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ވެސް ފެންނާތީ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ. ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް 8 ވަނަ ދުވަހު އެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ރާއްޖޭން ފުރައިގެން އެނބުރި ޗައިނާއަށް ގޮސްފައިވަނީ މާޗް 12 ވަނަ ދުވަހު އެވެ.

ފެލައިނީއާ ކޮންޓެކްޓްވި ދެ ދިވެއްސަކު ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ވެސް ވަނީ އެކަހެރިކޮށްފަ އެވެ. އެމީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

ފެލައިނީ އާ ގުޅިގެން ކަންބޮޑުވުންފާޅު ކުރަމުންދަނިކޮށް، ކޮވިޑް-19އަށް ޝައްކުކުރެވިގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްއިން އެކަހެރިކޮށްފައިވާ ބިދޭސީ މީހާއާ އެއާޕޯޓުން ކޮންޓެކްޓްވި ބަޔަކު ޓެސްޓް ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށްވެސް ސަރުކާރުން މިއަދު އެވަނީ ބުނެފަ އެވެ. މަބުރޫކު ވިދާޅުވި ގޮތުގައި، އޭގެ ތެރޭގައި އެމްއޭސީއެލްގެ 41 ސްޓާފަކާއި، ކަސްޓަމްސްގެ 17 ސްޓާފަކާއި، އިމިގްރޭޝަންގެ އެއް މުވައްޒަފުގެ އިތުރުން ޓީއެމްއޭގެ ތިން ސްޓާފަކު ޓެސްޓު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މިއީ އޭރުވެސް ގިނަ ބަޔަކު ސަރުކާރުން ކުރަމުންދިޔަ އިލްތިމާސް އެވެ. އެހެން ގައުމުތަކުގެ މިސާލުން ފިލާވަޅު ލިބިގަންނާށޭ އެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އާއި ދެކުނު ކޮރެއާގައި ވެސް މިހާރު މުޅީންވެސް ފެންނަ އާ ކޭސްތަކަކީ އެ ގައުމުތަކަށް ބޭރުން އައިސްފައިވާ ފަރާތްތަކެވެ. އެ ގައުމުތަކުގައިވެސް އެ ބަލި އަނެއްކާވެސް ފެތުރިގެން ހިނގައިދާނެކަމުގެ އިންޒާރުތައް ސިއްހީ މާހިރުން އެދަނީ ތަކުރާރުކޮށްދެމުންނެވެ.

ރާއްޖެވެސް ހިއްސާކުރަނީ އެ ނުރައްކަލެވެ. މިހާރު ޕޮޒިޓިވްވި ކޭސްތަކަށް ބަލައިލި ނަމަވެސް، އެކަން ހާމަވާނެ އެވެ. އެ ބަލި މިހާތަނަށް ރާއްޖޭގައި ފެތުރިގެން ގޮސްފައިނުވުމަކީ ނަސީބެކެވެ. އެކަމަކު އެ ފުރުސަތު އަދިވެސް ބޮޑުކަމަށް ބުނަނީވެސް ހަމަ ސަރުކާރުންނެވެ. އެއާޕޯޓުތަކުގައި ހުރި ސްކްރީނިން ފިޔަވަޅުތަކަށް އެ ބަލި ޖެހިފައިވާ މީހުން އެކަށީގެންވާ މިންވަރަކަށް ދެނެގަނެވިފައިނުވާކަން މިހާރުވެސް އެ އޮތީ ފެންނާށެވެ. އެހެންކަމަށްވާނަމަ، އެ ބަލި ރާއްޖޭގައި ފެތުރިގެން ދިޔުން ހުއްޓުވަން، ބޭރު މީހުން ރާއްޖެއައުން މަނާކޮށް، ރާއްޖޭގެ މައި ގޭޓު ބަންދުކުރާ ވަގުތު ޖެހިއްޖެ އެވެ.