ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ދިވެހިންނަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށް: ސަފީރު

ޗައިނާއިން އެހީއަށް ބޭނުންވި ވަގުތު ދިވެހިން އެހީވެ ދިން ކަމަށާއި، ދިވެހިންނަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގެ ކިބައިން ވަނީ އެހީތެރިކަމަށް އެދިފައެވެ. އެކަމާ ގުޅިގެން ޗައިނާ ސަފީރު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން އެދިފައިވާ އެހީ ފޮނުވުމަށް ތައްޔާރު ވެފައިވާ ކަމަށެވެ. އެހެން ކަމުން އެހީ ފޮނުވާނެ މަގެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާއިން އެހީއަށް ބޭނުންވި ވަގުތު ދިވެހިން އެހީވެ ދިންކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ ދިވެހިންނަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެހީގެ ތަކެތި ފޮނުވުމަށް މިހާރު ތައްޔާރުވެފައިވާއިރު އެހީ ފޮނުވާނެ ފްލައިޓެއް ބަލަމުންދާ ކަމަށެވެ.

ރާއްޖެއާއި ޗައިނާ އާ ދެމެދު ވައިގެ ދަތުރުފަތުރު ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، ބައިނަލްއަގްވާމީ ގިނަ އެއާލައިންތަކުންވެސް ދަތުރުތައް މެދުކަނޑާލާފައިވުމުން ރާއްޖެއަށް ޗައިނާއިން މުދަލާ މީހުން ގެނައުމަށް ގިނަ ހުރަސްތަކެއް މިހާރު ވަނީ ކުރިމަތިވެފައެވެ.

ޗައިނާ ސަފީރުގެ ޓްވީޓާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ހުއްޓުމުގެ ސަބަބުން ފްލައިޓްތައް ހޯދުމަށް ދަތިތަކެއް ކުރިމަތިވާނެކަން ދިވެހި ރައްޔިތުން ގަބޫލުކުރާކަމަށެވެ. އެހެންނަމަވެސް އުންމީދަކީ ވީހާވެސް އަވަސް ޗައިނާގެ އެހީ ރާއްޖެއަށް ލިބުން ކަމަށެވެ.