މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސައުދީ އަރަބިއްޔާގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިރެއިން ފެށިގެން 21 ދުވަހުގެ މުއްދަތަކަށް، ކާފިއު ހިންގަން ނިންމާފައިވާތީ އެ ގައުމުގައި އުޅޭ ދިވެހިން އެކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އަންގައިފި އެވެ.
ސައުދީގައި ކާފިއު ހިންގަން ނިންމާފައިވަނީ ރޭގަނޑު 19:00 އިން ހެނދުނު 06:00 އަށް، އެ ގައުމުގެ ހުރިހާ ސަރަހައްދަކަށެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ދުވަސްތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އަދި މިވަގުތު އެ ގައުމުގައި ތިބި ދިވެހިން މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވާތީ، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދޭ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓާ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓާ ކުރުމަށް ވަނީ އެދިފައެވެ.
ސައުދިއަރަބިއްޔާގެ މައްކާ، މަދީނާ އަދި ޖިއްދާގައި ގިނަ އަދަދަކަށް ދިވެހިން އުޅެއެވެ.
ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ ފޮރިން މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.