ހަބަރު

އެންދަމަން ފީނަން އުޅެނިކޮށް ހާލު ދެރަވި މީހަކު މަރުވެއްޖެ

މަހަށް ނިކުމެ އުޅުނު ދޯންޏަކުން އެންދަމަން ފީނަން އުޅެނިކޮށް ހާލު ދެރަވެގެން ބ. އަތޮޅު ހޮސްޕިޓަލަށް ގެނައި ދިވެއްސަކު މަރުވެއްޖެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު މެންދުރު 14:00 ގައި އެ ހޮސްޕިޓަލަށް ހާލު ދެރަވެގެން މީހަކު ގެނައި ކަމަށެވެ. އަދި އެމީހާއަކީ އޭދަފުށި ކައިރީގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން އެންދަމަން ފީނަން އޮއްވާ މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެނެވުނު މީހެއް ކަމަށެވެ.

"އެމީހާ އޭދަފުއްޓަށް ގެނައުމުގެ ކުރިން ހޮސްޕިޓަލަށް ގުޅާލާފަ އެ ދޯނިން މައުލޫމާތު ދިން ހާލުދެރަވެގެން މީހަކު ގެންނަ ކަމަށް، އެހެންވެ އަޅުގަނޑުމެން އެމްބިއުލާންސް ވަގުތުން ޖެޓީ ސަރަހައްދަށް ފޮނުވާލީ، ދޯނިން މައުލޫމާތު ދިން ގޮތުގަ އޭނާ އެންދަމަން ފައިބާފަ އަމިއްލައަށް މައްޗަށް އެރީ މެޔަށް ތަދެއް އަރައިގެން، ދެން މާ ގަދަޔަށް ރިއްސަން ފެށީމަ އެންމެ ކައިރީގަ އޮތީ މިރަށް ވީމަ ގެނައި ކަމަށް ބުނީ، ރ. އަތޮޅު ދޯންޏެއް އެއީ، އެނަދަމަން އެމީހުން އުޅުނީ ރޯޔަލް އައިލެންޑް ކައިރީގަ އޮންނަ ދިގަލި ފަރު ކައިރީގަ،" އޭނާ ވިދާޅުވި އެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އެމީހާ ގެނައި އިރު ހާލު ވަރަށް ބޮޑަށް ދެރަ ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް ގެނައި އިރު މަރުނުވާ ކަމަށެވެ. އަދި ފަރުވާދެމުންދަނިކޮށް އެމީހާ މަރުވެފައިވަނީ މިއަދު މެންދުރުފަހު 3:30 ހާއިރު ކަަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރަށް މުހައްމަދު ވިދާޅުވީ މަރުވި މީހާ އަކީ ރ. އަތޮޅު ކިނޮޅަހަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. އެމީހާގެ ހަށިގަނޑު އާއިލާގެ ފަރާތުން މިހާރު ކިނޮޅަހަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.