ރާއްޖެއަށް އެތެރެވޭނެ މަގުތައް ބަންދުކޮށް ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ޗައިނާ އިން ބޭރުވެގެން ދުނިޔޭގެ އެހެން ގައުމުތަކަށް ފެތުރެން ފެށުމާއެކު، ރާއްޖެއަށް ފަތުރުވެރިން އެތެރެވުން ހުއްޓުވުމަށް ގިނަ ބަޔަކު ގޮވާލަމުންދިޔައެވެ. ނަމަވެސް އޭރު އެ ފިޔަވަޅު ނޭޅީ އިގްތިސާދަށް ލިބިދާނެ ގެއްލުންތަކަށް ބެލުމަށްފަހު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް މިހާރު ފްލައިޓްތައް އައުން މަދުވެ، ފަތުރުވެރިން އަންނަ މިންވަރުވެސް ބޮޑުތަނުން މަދުވެފައިވާއިރު މިއީ އެއާޕޯޓް ބަންދުކޮށް ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވަން ޖެހޭ ވަގުތު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަދި މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީއާ ރާއްޖެއިން ދިޔަ ފަހުން ކޮރޯނާއަށް ޕްރޮޓިވްވެފައިވާތީ އެއީ އެއާޕޯޓް ބަންދުކޮށް ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވަން ޖެހޭ ސަބަބެއް ކަމަށް ބުނެ އެމީހުން ދަނީ ވާހަކަދައްކަމުންނެވެ.
އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސެއްގެ ގޮތުގައިވެސް ހުންނެވި ގައްސާން މައުމޫން ވިދާޅުވީ އެއާޕޯޓާ، ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.
"އެ ފުރާނަތައް ރިސްކު ކުރުން ގަބޫލެއް ނުކުރަން." ގައްސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބަންދު ކުރަންޖެހޭ ކަމަށާ ނުކޮށް ދޫކޮށްލެވޭ އެންމެ ކަމަކުން މިހާތަނަށް ކުރެވުނު ހުރިހާ މަސައްކަތެއް ބޭކާރުވެދާނެ ކަމަށެވެ.
"ރާއްޖޭގެ ބޯޑަރުވެސް ބަންދު ކުރަންވީ، ނުކޮށް ދޫކޮށްލެވޭ އެންމެ ކަމަކުން މިހާތަނަށް ކުރެވުނު ރަނގަޅު މަސައްކަތްތައް ބޭކާރުވިޔަ ނުދެމާ." އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓާލުމަށް ގޮވާލާ ގައްސާން ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ކޮވިޑް ނުރައްކަލުން ސަލާމަތްވުމަށް ބައެއް ގައުމުތަކުން ވަނީ ބައިނަލްއަގްވާމީ ދަތުރުތަކާއި، އެތެރޭގެ ދަތުރުތައްވެސް ހުއްޓާލާފައެވެ. އަދި ބައެއް ގައުމުތަކުން ވަނީ ކާފިއު އިއުލާނުކޮށް ގެއިން ބޭރަށް ނިކުތުންވެސް މުޅިން މަނާކޮށްފައެވެ.
ރާއްޖޭގައި އެއާޕޯޓާ ރިސޯޓްތައް ބަންދު ނުކުރިނަމަވެސް މިހާތަނަށް މުހިންމު ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ފަތުރުވެރިންނަށް ނާދެވޭތީ މިހާތަނަށް 21 ރިސޯޓެއް ވަނީ ބަންދުކޮށްފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތަކުން ދަނީ އޭޕްރީލް މަހުން ފެށިގެން ތިން މަސްދުވަހުގެ ނިޔަލަށް ރިސޯޓްތައް ބަންދު ކުރުމަށް ތައްޔާރުވަމުންނެވެ.