ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒިފުން ފަސިންޖަރުންނާއެކު ސެލްފީ ނުނެގުމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން އެދިއްޖެ އެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ދުބާއީ މަގުން ޗައިނާއަށް ދިޔަ ފަހުން މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީއާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ ރައްކާތެރިވުމުގެ ގޮތުން އޭނާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތައް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އެއާޕޯޓްގެ އެތައް މުވައްޒިފުންނެއްވެސް ހިމެނެއެވެ.
އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒިފުން ރާއްޖެ އަންނަ މަޝްހޫރު ތަރިންނާއެކު ސެލްފީ ނަގާ ހަދައެވެ.
މިރޭ އެމްއޭސީއެލްއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ފަސިންޖަރުންނާއެކު ސެލްފީ ނުނެގުމަށް މުވައްޒިފުންގެ ކިބައިން އެދިފައެވެ.
މި ދުވަސްވަރު ގައިގޯޅިވެ ފޮޓޯ ނެގުން ރައްކާތެރި ނޫން ކަމަށާ އަދި މަސައްކަތުގެ މާހައުލުގައި އިޖުތިމާއީ ގައިދުރުމިން ބެހެއްޓުމަށްވެސް މުވައްޒިފުންނަށް އެ ކުންފުނިން ވަނީ ހަނދާންކޮށްދީފައެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ. ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް 8 ވަނަ ދުވަހު އެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ރާއްޖޭން ފުރައިގެން އެނބުރި ޗައިނާއަށް ގޮސްފައިވަނީ މާޗް 12 ވަނަ ދުވަހު އެވެ.
ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި 20 މީހަކު މިހާރުވެސް އެކަހެރިކޮށްފައި އެބަ ތިއްބެވެ. އެއީ ފެލައިނީ ޗުއްޓީ ހޭދަކުރި ރީތިރަށް ރިސޯޓްގެ ފަސް މީހަކާއި އެމްއޭސީއެލްގެ 15 މުވައްޒަފެކެވެ.