ބޮލީވުޑް

"ތޭންކް ގޯޑް"ގައި ރަކުލް އާއި ސިދާރްތު

އަޖޭ ދޭވްގަން އާއި އިންދަރް ކުމާރް ގުޅިގެން އާ ފިލްމެއް އުފައްދަން އިއުލާން ކުރުމާ ގުޅިގެން ބޮލީވުޑްގެ ވިޔަފާރި ކުރާ ފަރާތްތަކުން ވަރަށް އުފާވެއްޖެ އެވެ. މި ދެ މީހުން ގުޅިގެން މިދިޔަ އަހަރު އުފެއްދި ސުޕަހިޓް ފިލްމު "ޓޯޓަލް ދަމާލް" އަށް ފަހު މިފަހަރު ވެސް އުފައްދަން އިއުލާން ކުރީ ކޮމެޑީ ފިލްމެކެވެ.

މި ފިލްމަށް ކިޔާ ނަން ވެސް މިހާރު ވަނީ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. އެއީ "ތޭންކް ގޯޑް" އެވެ. ފިލްމުގައި އަޖޭ އާއެކު ސިދާރްތު މަލްހޯތުރާ އާއި ރަކުލް ޕްރީތު ސިންގް ވެސް ބައިވެރިވާނެ އެވެ. މިއީ ވަރަށް ރަނގަޅު އަޚުލާގެއްގެ ވެރި ދެމަފިރިއެއްގެ ސޮސައިޓީއަށް އަންނަ މޮޔަފާޑަކަށް އުޅޭ މީހެއްގެ ސަބަބުން ދިމާވާ މަޖާ ހާދިސާތަކަކަށް ބިނާ ކުރާ ފިލްމެކެވެ.

އިންޑިއާގެ ބައެއް ވެބްސައިޓްތަކުގައި ރަކުލް ޕްރީތު އާ ހަވާލާދީ ބުނެފައިވަނީ ފިލްމުގެ ޝޫޓިން އޭޕްރީލް 10 ގައި ފަށަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ކޮރޯނާވައިރަސްގެ ސަބަބުން އިންޑިޔާގެ ފިލްމު އިންޑަސްޓްރީގެ މަސައްކަތް ވެސް މިހާރު މުޅިން ހުއްޓިފައިވާތީ ކަނޑައެޅިފައިވާ ދުވަހު ޝޫޓިން ފެށޭނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

ހުރިހާ ކަމެއް ރާވާފައިވާ ގޮތަށް ދާނަމަ އަންނަ އަހަރުގެ ހޫނު މޫސުމުގައި ފިލްމު ރިލީޒްކުރަން ފިލްމު އުފައްދާ ފަރާތުން ވަނީ ރާވާފަ އެވެ.

މި ޕްރޮޖެކްޓް އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެވެ. މިއީ އަޖޭ ދޭވްގަން އާއި ޓީ-ސީރީޒް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަޖޭ އާއި އިންދަރް ގުޅިގެން އުފެއްދި "ޓޯޓަލް ދަމާލް" އަކީ "ދަމާލް" ސިލްސިލާގެ ތިން ވަނަ ފިލްމެވެ. މިދިޔަ އަހަރު ރިލީޒްކުރި މި ފިލްމަށް ބޮކްސް އޮފީހުގައި 154.30 ކްރޯޑު ލިބުނެވެ.