އަމީތާބު

އަމީތާބާއި ކެޓުރީނާއަށް ބައްޕައާއި ދަރިއެއްގެ ރޯލު

ރޯހިތު ޝެޓީގެ ކޮޕް-ޑްރާމާ "ސޫރިޔަވަންޝީ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓުރީނާ ކައިފް ކުޅެން ދެން އޮތީ ކޮމެޑީ ފިލްމެކެވެ. މިއީ ވިކާސް ބެހެލް ޑައިރެކްޓް ކުރާ ފިލްމެކެވެ. ވިކާސް އެންމެ ފަހުން ޑައިރެކްޓްކުރީ ރިތިކް ރޯޝަންގެ "ސުޕަ 30" އެވެ.

މި ފިލްމަށް ކިޔަން ހަމަޖެހިފައިވަނީ "ޑެޑްލީ" އެވެ. ސަބަބަކީ މިއީ މީހަކު މަރުވެގެން ބާއްވާ ޖަނާޒާއެއްގެ ކަންތައްތަކެއް ދައްކާ ފިލްމަކަށް ވާތީ އެވެ. ޖަނާޒާއެއްގެ އިތުރުން ބައްޕައަކާއި އަންހެން ދަރިއެއްގެ މެދުގައި އޮތް ވަރަށް ވަރުގަދަ ގުޅުމެއް ވެސް މި ފިލްމުން ފެންނާނެ އެވެ. ފިލްމުގައި ކެޓުރީނާގެ ބައްޕަގެ ރޯލު ކުޅެން ހަމަޖެހިފައިވަނީ އަމީތާބު ބައްޗަން އެވެ. އަމީތާބާއި ކެޓުރީނާ އަށް ވެސް ސްކްރިޕްޓް ވަރަށް ކަމުދިޔަ ކަމަށް ވިކާސް ބުނެފައި ވެއެވެ. ކެޓުރީނާ ފިލްމު ކުޅެން ސޮއި ވަނީ ސޮއިކޮށްފަ އެވެ. ނަމަވެސް އަދި އަމީތާބު ސޮޔެއް ނުކުރެ އެވެ.

ކުރިން ހަމަޖެހިފައި އޮތީ މާޗް މަހުގެ ތެރޭގައި އަމީތާބު ލައްވާ ސޮއި ކުރުވާށެވެ. ނަމަވެސް ކޮރޯނާވައިރަހާ ހެދި އިންޑަސްޓްރީ ބަންދުވެފައިވާތީ މި މަރުހަލާ ވެސް ލަސްވީ އެވެ. މޭ މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމުގެ މަސައްކަތް ވެސް ކޮރޯނާވައިރަސްގެ ސަބަބުން މިއަށް ވުރެ ލަސްވާނެކަމަށް ބެލެވެ އެވެ.

މި ފިލްމަށް ފަހު ދެން ކެޓުރީނާ ކުޅޭނީ "ފޯން ބޫތު" ކިޔާ ފިލްމެކެވެ. ސުޕަނެޗުރަލް ކޮމެޑީ މި ފިލްމަކީ އިޝާން ޚައްތަރު އާއި އަނަންޔާ ޕާންޑޭ އާއެކު އޭނާ ކުޅޭ ފިލްމެކެވެ. އޭގެ ފަހުން ސަލްމާން ޚާނާއެކު "ޓައިގާ" ފްރެންޗައިސްގެ ތިން ވަނަ ފިލްމުގެ ޝޫޓިން ކުރިޔަށް ގެންދަން ކެޓުރީނާގެ ތާރީޚުތައް ހުރީ ބްލޮކް ކޮށްފަ އެވެ. އަދި އޭނާގެ ގާތް އެކުވެރިޔާ އަދި ކުޅަދާނަ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރްގެ އަންހެން ސުޕަހީރޯ ފިލްމެއް ވެސް ކެޓުރީނާ ކުޅޭ ގޮތަށް ހަމަޖެހިފައި ވެއެވެ.