އުމުރުން އެންމެ 16 އަހަރުގެ ސާފިއާ ޖާވީދަކީ އޮކްސިޖަން ސިލިންޑަރާއެކު މުޅި ހަޔާތް ހޭދަ ކުރަން ޖެހިފައިވާ ކުއްޖެކެވެ. ނަމަވެސް ކިޔެވުމަށް އޭނާގެ ހުރި ޝައުގުވެރި ކަމަށް މިކަމުގެ ސަބަބުން އެއްވެސް ބުރުލެއް އެރިޔަ ނުދެ އެވެ.
ސާފިއާއަކީ ފުއްޕާމޭގެ ބައްޔެއް ހުންނަ ކުއްޖަކަށް ވާތީ އަބަދުވެސް އޭނާއަށް އޮކްސިޖަން ސިލިންޑަރުގެ ބޭނުން ޖެހިފައި ވެއެވެ. އެހެންވެ ގްރޭޑް 10 ގެ އިމްތިހާނު ހަދަން މިދިޔަ ފެބްރުއަރީ މަހު އޭނާ އިމްތިހާނު ހޯލަށް ވެސް ދާން ޖެހުނީ އޮކްސިޖަން ސިލިންޑަރު ގުޅައިގެން އިނދެ އެވެ.
މިކަމަށްޓަކައި ސާފިއާއަށް ޚާއްސަ ހުއްދައެއް ވެސް އިމްތިހާނުދޭ ފަރާތުން ލިބިފައި ވެއެވެ. އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ބޯޑު އެގްޒޭމްގައި ސާފިއާ ބައިވެރިވެފައިވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ސަބަބަކީ އޭނާގެ ބަލި ހުރި ގޮތުން ސްކޫލަށް ނުދެވޭ ދުވަސްތައް ގިނަވެ ސްކޫލުގެ ފަރާތުން އިމްތިހާނު ހެދޭ ގޮތް ނުވީމަ އެވެ.
ފުއްޕާމޭގެ ބައްޔެއްގައި ސާފިއާ އުޅޭތާ ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ. އަދި އަބަދު އޮކްސިޖަން ގުޅައިގެން އުޅޭތާ ވެސް މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
ސާފިއާ ބުނި ގޮތުގައި އެހާ ބަލިކޮށް އުޅޭއިރު އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އާއިލާއިންނެވެ. ކޮމްޕިއުޓަ ސައިންސް ކިޔަވަން ޝައުގުވެރި ވިޔަސް ކިޔަވާ ނިމިގެން ކުރިޔަށް ދާނީ ކޮން ރޮނގަކުން ކަން އަދި ނުނިންމާ ކަމަށް ސާފިއާ ބުންޏެވެ.
ސާފިއާގެ ބައްޕަ ސަރްވަރް ޖާވީދު އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ބުނެފައި ވަނީ އޭނާގެ ދަރިފުޅަކީ އަބަދުވެސް ކްލާހުން އެއްވަނަ ހޯދާ ކުއްޖެއް ކަމަށާއި ނަމަވެސް ފާއިތުވީ ފަސް ވަރަކަށް އަހަރު މާ ބޮޑަށް ބަލިވެގެން ސްކޫލަށް ނުދެވޭ ދުވަސްތައް ގިނަ ވުމުގެ ސަބަބުން ހައި ސްކޫލް އެގްޒޭމް ހެދޭގޮތް ނުވީ ކަމަށެވެ.
ސާފިއާގެ ބަލި ބޮޑުވާން ފެށީ ގޯލްބްލެޑާ ނެގުމަށް ސާޖަރީއެއް ހެދި ފަހުންނެވެ. އޭގެ ފަހުން ޓީބީ ޖެހި ފުއްޕާމެއަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ވެއެވެ.
ސްކޫލްގެ ފަރާތުންނާއި ޓީޗަރުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ސާފިއާ އަށް ލިބެމުންދާ ކަމަށާއި އަމިއްލަ ގޮތުން އިމްތިހާނު ހެދި ނަމަވެސް އެމީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް ސާފިއާގެ ބައްޕަ ބުންޏެވެ.