ހަބަރު

އެޕަލްގެ އެޕްސްޓޯ ރާއްޖެއަށް ފުޅާކޮށްފި

Mar 24, 2020
2

އެޕަލްގެ ޑިވައިސްތަކުގައި ބޭނުންކުރާ އެޕްލިކޭޝަންސްތައް ފޯރުކޮށްދޭ އެޕްސްޓޯ، ރާއްޖޭ ހިމެނޭ ގޮތަށް އިތުރު 20 ގައުމަކަށް ފުޅާ ކުރަން އެ ކުންފުނިން ނިންމައިފި އެވެ.

އެ ހިދުމަތް ލިބޭނެ ސީދާ ތާރީހެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެޕަލްގެ ޑިވޮލޮޕާ ޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން މައުލޫމާތުތައް ފުރިހަމަ ކުރުމަށް ޑިވެލޮޕަރަނުންނަށް ވަނީ އަންގައިފަ އެވެ.

މިހާރު ވެސް 155 ގައުމަކަށް ހިދުމަތްދޭ އެޕްސްޓޯ ފުޅާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި، ރާއްޖޭގެ އިތުރުން ދެން މި ސަރަހައްދުން ހިމެނެނީ އަފްޣާނިސްތާނެވެ.

ރާއްޖޭގައި ވެސް އެޕަލްގެ ޑިވައިސްތަކަށް މަގުބޫލުކަން ބޮޑުއިރު، ގިނަ ބަޔަކު އެކައުންޓުތައް ރަޖިސްޓްރީ ކޮށްފައި ވަނީ އެމެރިކާގެ އެޕްސްޓޯއިން ހިދުމަތް ލިބޭ ގޮތަށެވެ. އަދި ރާއްޖޭގެ ޑިވޮލަޕަރުން ތައްޔާރުކުރާ ދިވެހިންނަށް ފަރުމާ ކޮށްފައިވާ އެޕުތައްވެސް ރާއްޖެއަށް ހާއްސަ ކުރެވޭނެ ގޮތެއް ނޯވެ އެވެ.

ނަމަވެސް، އެޕްސްޓޯ ރާއްޖެއާ ހަމައަށް ފުޅާ ކުރުމާއެކު، ދިވެހިންނަށް ހާއްސަ އެޕުތައް ތައްޔާރުކޮށް، ބޭނުން ކުރުމުގައި އިތުރަށް ފަސޭހަ ވެގެން ދާނެ އެވެ.